ދިވެހިރާއްޖެއަށް އަސާސީ ބޭސް ފޯރުކޮށްދިނުމުގައި އެހީވުމުގެ ގޮތުން، ފަސް މިލިއަން ރުޕީސްއަށްވުރެ އަގުބޮޑު ބޭހުގެ ޝިޕްމެންޓެއް ސްރީ ލަންކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
އެއީ ރާއްޖެ ރުފިޔާއިން ބަލާނަމަ 250،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ.
މި އެހީ ހަދިޔާކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތް އެންޑް މާސް މީޑިއާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ރާއްޖޭގެ މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ އެދިވަޑައިގެންނެވުމާ ގުޅިގެން ދިން މި އެހީ ރަސްމީކޮށް ހަވާލުކޮށްދެއްވީ ލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓަރު ޑރ. ނަލިންދާ ޖަޔަތިއްސާއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ހައި ކޮމިޝަނަރު މަސްޢޫދު ޢިމާދެވެ.
މި އެހީ ފޯރުކޮށްދިނުމުގައި ލަންކާގެ މެޑިކަލް ސަޕްލަޔާސް ޑިވިޝަނާއި، ސްޓޭޓް ފާމަސޫޓިކަލް މެނުފެކްޗަރިން ކޯޕަރޭޝަން އަދި ޗޭމްބާ އޮފް ފާމަސޫޓިކަލް އިންޑަސްޓްރީން ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައި ކޮމިޝަނަރު މަސްޢޫދު ޢިމާދު ވަނީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަގެ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މެއި މަހުގެ ތިން ވަނަ ދުވަހުން ހަވަނަ ދުވަހަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅު ކުރެއްވީ، ލަންކާގެ ރައީސް ދިސާނަޔަކަގެ ދައުވަތަކަށެވެ.