މާލެ ސަރަހައްދުގެ މަގުމަތިން ހޮވާފައިވާ ހާހަކަށްވުރެ ގިނަ ރުފިޔާއާއި، ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ފެން ޕަންޕެއް ހިމެނޭހެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. އެ ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާފަންނު ޕޮލިހުން ވެރިފަރާތް ހޯދުމަށް އިއުލާނުކޮށްފައިވާ ތަކެތީގެ ތެރޭގައި، މިމަހުގެ އަށްވަނަ ދުވަހު މަޖީދީމަގު ސްޓާ ކްލައުޑް ކައިރިން ހޮވައިގެން ގެންގޮސްފައިވާ 50 ރުފިޔާއާއި 11 ވަނަ ދުވަހު ދަތުރުވެރިންގެ މާރުކޭޓު ކުރިމަތިން ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބައިސްކަލެއް ހިމެނެއެވެ. އަދި އިއްޔެ ނަސްރީނުގޯޅިން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފެންޕަމްޕެއްގެ ވެރިފަރާތް ހޯދަން ވެސް ވަނީ އިއުލާންކޮށްފައެވެ.
ފުލުހުން ވަނީ އެ ތަކެތީގެ ވެރިފަރާތުން މާފަންނު ޕޮލިސް ނަމްބަރު 9660183 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިހަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.
ގަލޮޅު ޕޮލިހުން ވެރިފަރާތް ހޯދުމަށް އިއުލާނުކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ، މިމަހުގެ ނުވަވަނަ ދުވަހު އަނޯނާގޯޅިން ފެނިފައިވާ، އޭސީ އައުޓްޑޯ ޔުނިޓަކާއި 13 ވަނަ ދުވަހު ޝަހީދު ކުޑަނެވިތުއްތު މަނިކު ހިނގުން ރެޑްވޭވް ކައިރިން ފެނިފައިވާ ވެރިއަކުނެތް ވެހިކަލް ބެޓެރިއެކެވެ. އަދި، 17 ވަނަ ދުވަހު ދަތުރުވެރިންގެ މާރުކޭޓު ކުރިމަތިން ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފުރޮޅުލީ ގޮނޑިއެއްގެ ވެރިފަރާތް ވެސް ނޭނގޭ ކަމަށް ބުނެފައިވެއެވެ.
ފުލުހުން ވަނީ އެ ތަކެތީގެ ވެރިފަރާތުން ގަލޮޅު ޕޮލިސް ނަމްބަރު 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.
ހެންވޭރު ޕޮލިހުން ވެރިފަރާތް ހޯދުމަށް އިއުލާނުކޮށްފައިވަނީ ނިމުނު ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު، ހ. ބްރައިޓްވިލާ ދޮރުމަތިން ފެނިފައިވާ ވެރިއަކުނެތް، ކުޑަކުއްޖެއްގެ ބައިސްކަލަކާއި އެ މަހުގެ 12 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލަށް ދަތުރުކުރި ޓެކްސީއަކުން ފެނިފައިވާ ރީތިވާ ސާމާނު އަޅާފައިހުރި ކޮތަޅެކެވެ.
ފުލުހުންވަނީ އެތަކެތީގެ ވެރިފަރާތުން ހެންވޭރު ޕޮލިސް ނަމްބަރު 9400053 އަށް ގުޅުމަށް އެދިފައެވެ.
މީގެ އިތުރުން ވިލިމާލެއިން މި މަހުގެ 15 ވަނަ ދުވަހު، ވިލިމާލެ ފެރީޓާމިނަލް ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1،100 ރުފިޔާގެ ވެރިފަރާތް ހޯދުމަށް ވެސް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ. އެ ތަކެތީގެ ވެރިފަރާތް ހޯދުމަށް ގުޅަންޖެހެނީ ވިލިމާލޭ ޕޮލިސް ސްޓޭޝަން ނަމްބަރު، 9833000 އަށެވެ.