ކުދި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ލިބުމާއި ސަބްސްކްރިޕްޝަން ދެއްކުން އަންނަ މަހު 1 އިން ފަހިވާނެ: ރައީސް

މޯލްޑިވްސް އެކްސްޕޯ 2026ގެ އެވޯޑް ހަފުލާގައި ރައީސް ޑރ، މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ބައިނަލްއަގްވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގޭޓްވޭ މެދުވެރިކޮށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމާއި، އެ ފަރާތްތަކުން ބޭނުންކުރާ ސަބްސްކްރިޕްޝަންތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގު އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިޢުލާނު ކުރައްވައިފިއެވެ.

ރައީސް ވިދާޅުވީ، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ދިވެހި ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ އެ ވިޔަފާރިތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ބައިނަލްއަގްވާމީ ބާޒާރުގަ މުދަލާ ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށް، ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ޤައުމެއްގަ، ކޮންމެ ތަނަކުންވެސް ބީއެމްއެލް ގޭޓްވޭއިން މެދުވެރިކޮށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމް އެއް ނޮވެމްބަރުން ފެށިގެން އިރާދަކުރެއްވިއްޔާ ހަމަޖެހިގެން ދާނެ. އަދި ޑޮލަރުން ލިބޭ މި ފައިސާ އެއްވެސް ދަތިކަމެއް ނެތި ކާޑު ބޭނުންކޮށްގެންނާ ރެމިޓެންސްގެ ޒަރިއްޔާއިން ރާއްޖެއިން ބޭރުން މުދަލާ ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ވިޔަފާރިތަކުން ބޭނުންކުރާ ޚިދުމަތްތަކަށް ބޭނުންވާ ސަބްސްކްރިޕްޝަން ފަދަ ޕޭމަންޓްތައް ވެސް ދަތިކަމެއް ނެތި ދެއްކޭނެ އިންތިޒާމު ހަމަ އެ ތާރީޚުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މި ލުއިތަކުގެ ސަބަބުން އެމްއެސްއެމްއީ ސެކްޓާގައި މަސައްކަތްކުރާ ފަރާތްތަކަށް ހުރި ހުރަސްތައް ނެތިގޮސް، ވިޔަފާރިތަކުގެ އާމްދަނީ އާއި ފައިދާ އިތުރުވާނެ ކަމަށެވެ.

comment ކޮމެންޓް