ތ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކަނޑުފުށީގެ ގޮނޑުދޮށުން އިންސާނެއްގެ ކަމަށް ބެލެވޭ ދަތްޕިލައެއްގެ ކަށިގަނޑެއް ލައްގާފައި އޮއްވާ މިއަދު ފެނިއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މިއަދު އެ ރަށަށް ދަތުރު ގޮސް އުޅުނު ބަޔަކަށް ދަތްދޮޅިއެއްގެ ކަށިގަނޑެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިހާތަނަށް ބެލިބެލުމުން އެއީ އިންސާނެއްގެ ނުވަތަ ޖަނަވާރެއްގެ ކަށިގަނޑެއްކަން ޔަގީން ކުރެވިފައި ނުވާ ކަމަށާއި، މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ތ. އަތޮޅު ސަރަހައްދުން އެންމެ ފަހުން މީހަކު ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެއީ ތ. އަތޮޅާއި ލ. އަތޮޅުގެ ރަށްތަކަށް މުދާ އުފުލާ "ހޮޅުދޫ ބޯޓު" ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަނޑަށް ފުންމާލި އަލީ މުޝްފިގު މުހައްމަދުއެވެ.
އޭނާ ހޯދުމަށް އެމްއެންޑީއެފުން ކަނޑުގެ ބޮޑު ސަރަހައްދެއް ބެލި ނަމަވެސް، މިހާތަނަށް ވެސް އޭނާ ފެނިފައެއް ނުވެއެވެ. ނަމަވެސް މި ކަނޑިގަނޑާއި އޭނާއާއި އެއްވެސް ގުޅުމެއް އޮތްކަމެއް އަދި ނޭންގެއެވެ.