ފީފާ 15 އަހަރުންދަށުގެ ވޯލްޑް ކަޕް: ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ރާއްޖެ ކޮޅަށް ހަ ލަނޑު

ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް ފެސްޓިވަލްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު-- ފޮޓޯ: ސަން

އަޒަރުބައިޖާނުގައި މިހާރު ކުރިއަށްދާ 15 އަހަރުން ދަށުގެ "ފީފާ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް 2026" ގައި މިއަދު ކުޅުނު މެޗުތަކުން ފްރާންސް އާއި ކޮސޯވޯ އަތުން ރާއްޖެ ބަލިވެއްޖެއެވެ.

އިއްޔެ މެންދުރުފަހު ކުޅުނު މެޗުން ފްރާންސް އަތުން 6-0 އިން ރާއްޖެ ބަލިވިިއިރު، ރޭ ކޮސޯވޯއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. ރާއްޖެ ފުރަތަމަ މެޗުން ދެކުނު އެފްރިކާ އަތުން 8-0 އިން ބަލިވެފައިވާތީ، މިއީ ރާއްޖެއަށް ޖެހިޖެހިގެން ކުރިމަތިވި ތިންވަނަ ނާކާމިޔާބީއެވެ.

މި މަހުގެ 31 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ވާދަކުރަނީ ފްރާންސް، ދެކުނު އެފްރިކާ، އެސްޓޯނިއާ، ކޮސޯވޯ އަދި އަންގީލާއެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖެއަށް ބާކީ ދެ މެޗު އޮތްއިރު، މިއަދު އަންގީލާއާ ދެކޮޅަށް ނުކުތުމަށްފަހު، މާދަމާ ރޭ ރާއްޖެ ނުކުންނާނީ އެސްޓޯނިއާއާ ދެކޮޅަށެވެ.

15 އަހަރުން ދަށުގެ ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމަށް އަމާޒުކޮށްގެން ކުރިއަށްދާ މި މުބާރާތް ރޭވިފައިވަނީ އާދައިގެ މުބާރާތްތަކާ ތަފާތު އޮނިގަނޑަކަށެވެ.

އެގޮތުން ކޮލިފިކޭޝަން ބުރުގައި ޖުމްލަ 32 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގައި 6 ނުވަތަ 7 ޓީމު ވާދަކުރެއެވެ. އަދި މުބާރާތުގެ ކޮމްޕެޓިޝަން ސްޓޭޖުގައި 32 ޓީމު ވާދަކުރަން ހަމަޖެހިފައިވަނީ ޖުމްލަ 7 ޑިވިޝަނަކަށް ބަހާލައިގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު