ނެޓްފްލިކްސްގެ ރެކޯޑު މުގުރާލި މަޤުބޫލު ސީރީޒް 'ވެންސްޑޭ'ގެ މަސައްކަތްތައް ނިމުމަކަށް އައުމާ އެކު، ކުޑަ ސްކްރީނުގެ ޓީވީ ޝޯތަކުން ދުރަށް ޖެހިލަން ނިންމާފައިވާކަން އެ ސީރީޒްގެ މައި ތަރި ޖެނާ އޯޓޭގާ ހާމަކޮށްފިއެވެ.
ސީބީއެސްގެ ސިޓްކޮމް 'ރޮބް'އިން 2012 ވަނަ އަހަރު އެކްޓިން ކެރިއަރު ފެށި އޯޓޭގާ މިހާރު ވިސްނަމުންދަނީ ޓީވީ ސީރީޒްތައް ވަގުތީ ގޮތުން މެދުކަނޑާލައި، ބޮޑު ސްކްރީނުން ލިބެމުންދާ ފިލްމީ ފުރުސަތުތަކަށް އިސްކަންދޭށެވެ. އޭނާ މިކަން ހާމަކޮށްފައި މިވަނީ 'ވެންސްޑޭ'ގެ ތިންވަނަ ސީޒަނުގެ ޝޫޓިން ފުރިހަމަކޮށް، ޕްރޮޑަކްޝަންގެ މަސައްކަތްތައް ނިންމާލި ދަނޑިވަޅާ ދިމާކޮށެވެ.
ފިލްމީ ދާއިރާގައި ކުރިއަށްދާއިރު އަމިއްލަ ނަފްސާނީ ދުޅަހެޔޮކަން އިސްކުރާ އޯޓޭގާ، މަޝްހޫރު 'ވޯގް' މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާ ކުޅޭ އުފެއްދުންތަކުގެ ރިވިއުތަކާއި ބޮކްސް އޮފީހުގެ އާމްދަނީގެ ހިސާބުތަކަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދޭ ކަމަށެވެ.
އެފަދަ ހިސާބުތަކާއި އަދަދުތަކުގެ ފަހަތުން ދުވަން ފަށައިފިނަމަ ނަފްސާނީ ބޮޑު ހާސްކަމެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާ ބޭކާރު ކަންކަން ފެތުރެމުންދާތީ، އެ މަންސަތަކާ ވެސް މިހާރު ވީހާވެސް ބޮޑަށް ދުރުހެލިވަމުން އަންނަ ކަމަށް އޯޓޭގާ ބުންޏެވެ.
ޖެނާ އޮޓޭގާ، ފިލްމު "ސްކްރީމް 6"، "ވެންސްޑޭ" އަދި ބީޓްލް ޖޫސް ބީޓްލް ޖޫސް"ގެ މަންޒަރެއްގައި-- ފޮޓޯ/ޓެލެގްރާފްއިންޑިއާދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދި 'ވެންސްޑޭ' ސީރީޒް ވެގެން ގޮސްފައިވަނީ، 252 މިލިއަނަށް ވުރެ ގިނަ ވިއުސްއާ އެކު ނެޓްފްލިކްސްގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު އިނގިރޭސި ސީރީޒަށެވެ.
އާދަޔާޚިލާފު ބާރުތަކެއް ލިބިފައިވާ ދަރިވަރުން ކިޔަވަމުން އަންނަ 'ނެވަމޯ އެކަޑަމީ'ގައި ހިނގާ ބިރުވެރި މަރުގެ ހާދިސާތަކެއްގެ ޙަޤީޤަތް ހޯދަން މަސައްކަތްކުރާ ވެންސްޑޭ އެޑަމްސްގެ ރޯލުން އޯޓޭގާ ފެނިގެންދާއިރު، މި ސީރީޒްގައި ގްވެންޑޮލިން ކްރިސްޓީ އާއި ކްރިސްޓީނާ ރިޗީގެ އިތުރުން ހޮލީވުޑްގެ ނުފޫޒުގަދަ ބަތަލާ ކެތުރިން ޒީޓާ-ޖޯންސް ފަދަ ފުންނާބުއުސް ތަރިން ވަނީ މުހިންމު ރޯލުތަކެއް އަދާކޮށްފައެވެ.
ދުނިޔޭގެ 91 ޤައުމެއްގެ ޗާޓުތަކުގެ އެއްވަނަ ހޯދި ދެވަނަ ސީޒަނުގައި ވެންސްޑޭ އެނބުރި ސްކޫލަށް އައިސް އާ ނުރައްކާތަކަކާ ކުރިމަތިލާ މަންޒަރު ފެނިގެންދިޔައިރު، ދެން ނުކުންނަން އޮތް ތިންވަނަ ސީޒަނުގައި ފެންނާނީ އޭނާގެ ސްކޫލް ދައުރުގެ ފަހު އަހަރުގެ ހާދިސާތަކެވެ. މި ސީޒަންގެ ޝޫޓިން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލާފައިވާކަން ނެޓްފްލިކްސްއިން ސޯޝަލް މީޑިއާ މެދުވެރިކޮށް ކަށަވަރުކޮށްދިން ނަމަވެސް، މި ބައި ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ތާރީޚެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.