ދިރިއުޅުމަކީ އުފަލާއި ހިތާމައިގެ ދެމެދުގައި ހިނގާ ތަފާތު އިހުސާސްތަކެއްގެ ފުން ކަނޑެކެވެ. އުފަލުގެ މަޑުމައިތިރި ރާޅުތަކުގެ ތެރޭގައި ދަތުރުކުރަމުން ދަނިކޮށް، ކުއްލިއަކަށް ހަޔާތަށް ކުރިމަތިވާ ހިތާމައިގެ ތޫފާންތަކަކީ އިންސާނާގެ ނަފްސު ގުޑުވައިލާފަދަ އިމްތިޙާނުތަކެކެވެ.
ލޯބިވާ މީހަކު ވަކިވެދިއުމާއި، ކުއްލި މުސީބާތްތަކާއި، ދިރިއުޅުމުގެ ބޮޑެތި ގެއްލުންތަކަކީ ކޮންމެ އިންސާނަކާ ވެސް ބައްދަލުކުރާނެ ޙަޤީޤަތްތަކެކެވެ. މިފަދަ އަނދިރި ދަނޑިވަޅުތަކުގައި ކެތްތެރިކަން އިސްކޮށް، ޢާއިލީ ގުޅުންތައް ބަދަހިކުރުމަކީ މުޅި މުޖުތަމަޢުގެ ރޫޙާނީ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ މައިބަދައެވެ.
އިހުގެ ދިވެހިންގެ ދިރިއުޅުމަށް ފުން ނަޒަރަކުން ބަލައިލާއިރު، ފެންނަނީ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ނަމޫނާ ދިރިއުޅުމެކެވެ. އެ ޒަމާނުގައި ރަށެއްގައި ހިނގާ ހިތާމަވެރި ކޮންމެ ހާދިސާއަކީ މުޅި ރަށުގެ ހިތާމައެކެވެ.
މީހަކު ނިޔާވިޔަސް، ނުވަތަ ބޮޑު ނިކަމެތިކަމެއް ކުރިމަތިވިޔަސް، ގޭގޭގެ ކަންމަތީ އަށިތަކުން ފެށިގެން އެ ގެއެއްގެ ވަށައިގެން ތިމާގެ މީހުންނާއި އަވައްޓެރިން އެއްވެ، ހިތްވަރުދީ، ކެއްކުމާއި ގޭތެރޭގެ އެންމެހައި ކަންކަން އެއްބަޔަކު އަނެއް ބަޔަކު ހިއްސާކޮށް ނިންމައިދެއެވެ. އެކަކު އަނެކަކަށް ދިއްކޮށްލާ އަތަކީ އެއްވެސް ޝަރުތެއް ނެތް އޯގާތެރިކަމެކެވެ.
ނަމަވެސް، ޒަމާނަށް އައި ކުރިއެރުމާއި، ޓެކްނޮލޮޖީގެ އަވާގައި ޖެހި، މިއަދުގެ މުޖުތަމައުން ފެންނަނީ އެކަހެރިވަމުންދާ މަންޒަރެކެވެ. އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅޭއިރު ވެސް އަތުގައިވާ ސްކްރީންތަކަށް ގެއްލި، ހިތުގެ އުދާސްތައް ހިއްސާކުރުމުގެ ބަދަލުގައި އެކަނިވެރިކަން އިޚުތިޔާރުކުރާ ތަނެވެ. ހިތާމައިގެ ވަގުތުތަކުގައި ވެސް މީސްމީޑިއާގެ ޕޯސްޓަކުން ހިތާމަ ފާޅުކޮށްލައި، އަނެކާގެ ލޮލުން ފައިބާ ކަރުނަ ފޮހެދޭނެ ގާތްކަމެއް މިއަދު ގިނަ ފަހަރަށް ނޯވެއެވެ.
ޒަމާނާއި މާހައުލު ބަދަލުވިޔަސް ހިތާމައިގެ އަނދިރިކަން ފިލުވައިދޭ ޙަޤީޤީ އަލިކަމަކީ އާއިލާގެ އެންމެން އެކުގައި ވުން--ފޮޓޯ/އޭއައިނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގެ މަޝްހޫރު ސްވިސް-އެމެރިކަން ސައިކޭޓްރިސްޓް، ޑރ. އެލިޒަބަތު ކޫބްލާ-ރޮސް އޭނާގެ ހޯދުންތަކުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ހިތާމައާއި ހިތްދަތިކަމަކީ އިންސާނާގެ ނަފްސު އެތައް މަރުޙަލާއެއް ގިރާކުރާ ދަތުރެކެވެ. ޑރ. އެލިޒަބަތު ފާހަގަކުރައްވާ ގޮތުގައި، އެ މަރުޙަލާތަކުން ސަލާމަތްވެ އަލުން ދިރިއުޅުމުގެ އުންމީދު ހޯދުމަށް އެންމެ މުހިންމު ވަސީލަތަކީ އެކަހެރިވުމުގެ ބަދަލުގައި ގާތް މީހުންގެ ފަރާތުން ލިބޭ ލޯތްބާއި އެއްބާރުލުމެވެ. އަދި ހިތާމައިގެ އިހުސާސްތައް ފޮރުވައި ބަންދުކޮށްގެން ހުރުމުގެ ބަދަލުގައި، އަޑުއަހައިދޭނެ އިތުބާރު ހުރި ގާތް ބަޔަކު ވަށައިގެން ތިބުމަކީ ނަފްސުގެ ޒަޚަމްތަކަށް ލިބޭ އެންމެ ވަރުގަދަ ފަރުވާއެވެ.
ހިތާމައިގެ ވަގުތުތަކުގައި ކެތްތެރިކަން އިސްކުރުމަކީ ހަމައެކަނި އަނގަ މަޑުންލައިގެން ހުރުމެއް ނޫނެވެ. އެއީ ހިތުގެ ނުތަނަވަސްކަމާއި ރުޅިވެރިކަން މައިތިރިކޮށް، ވިސްނުންތެރިކަމާއެކު ޙާލަތާ ކުރިމަތިލުމެވެ. މިފަދަ ދަނޑިވަޅުތަކުގައި އާއިލާގެ އެންމެން އެކަތިގަނޑަކަށް ވެ، ހިތާމަވެރި ހާދިސާތަކުގެ ޒިންމާތައް އެކަކު އަނެކެއްގެ ބޮލުގައި އެޅުވުމުގެ ބަދަލުގައި، އެކުގައި އިށީނދެ ވާހަކަދެއްކުން މުހިންމެވެ.
ކަންފަތް ދީގެން އަނެކާގެ ހިތުގެ އުދާސްތައް ކެތްތެރިކަމާއެކު އަޑުއަހައިދިނުމާއި، އިހުސާސްތައް ބޭރުކޮށްލުމަށް ފުރުސަތު ދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މީގެއިތުރުން، އެކަކު އަނެކަކަށް ކުދިކުދި ކަންކަމުގައި އެހީތެރިވެދިނުމާއި، ކެއިންބުއިމާއި ދުވަހީ ކަންކަމުގައި ބައިވެރިވުމަކީ ހިތާމައިގެ ބުރަކަން ލުއިކޮށްދޭނެ ކަންކަމެވެ. މާޔޫސްކަމުގެ ވަގުތުގައި ދީނީ އަޅުކަންތަކުގައި އެކުގައި ބައިވެރިވެ، ދުޢާކުރުމާއި، ކެތްތެރިވުމަށް ހަނދާންކޮށްދިނުމަކީ ހިތްތަކަށް ފިނިކަން ގެނެސްދޭނެ މަތިވެރި އަމަލެކެވެ.
ޢާއިލީ ގުޅުން ބަދަހިކޮށް އެކުވެރިކަމާއެކު ދިރިއުޅުމަކީ ހަމައެކަނި ހިތާމައިގެ ވަގުތުތަކުގައި ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އާދައަކަށް ހަދަންޖެހޭ މުހިންމު އަސާސެކެވެ. ދުވަހުގެ މަސައްކަތްތައް ނިންމާލުމަށްފަހު ފޯނުތަކާއި ޓެކްނޮލޮޖީ އެއްފަރާތްކޮށް، އާއިލާއާއެކު އެއް ސުފުރާމަތިން ކެއުމާއި، ހާލުއަހުވާލު ބަލައި، ހިތްހަމަނުޖެހޭ ކަންކަމުގައި މަޑުމައިތިރިކަމާއެކު މަޢާފުކުރުމުގެ ރޫޙު އިސްކުރަންޖެހެއެވެ. ޝަކުވާތަކުގެ ބަދަލުގައި ޝުކުރުވެރިވުން އިސްކޮށް، އެކަކު އަނެކެއްގެ ކާމިޔާބީގައި އުފާފާޅުކޮށް، ނާކާމިޔާބީގައި އަތްދިއްކޮށްލުމަކީ އާއިލާއެއްގެ ޙަޤީޤީ ބަދަހިކަމެވެ.
ހިތާމައިގެ ފުން އަނދިރިގަނޑުގެ ތެރެއިން އަލިކަމުގެ ރަން ދޯދިތައް ފެންނަން ފަށާނީ، އެންމެން އެކުގައި ގުޅިގެން ކެތްތެރިކަމުގެ އައްސޭރިއަކަށް ދަތުރުކޮށްގެންނެވެ. ޢާއިލާއަކީ ހަޔާތުގެ ތޫފާނުތަކުން ހިޔާވަހިކަން ހޯދައިދޭ ހަމައެކަނި ފާރެވެ. އިހުގެ ކާބަފައިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ރިވެތި އާދަތައް އަލުން ދިރުވައި، ޒަމާނީ ދުނިޔޭގެ އެކަހެރިކަމުން ނެއްޓި، ލޯތްބާއި ކެތްތެރިކަމާއެކު އާއިލީ ގުޅުންތައް ވަރުގަދަކުރުމަކީ މިއަދު އަޅުގަނޑުމެންގެ ނަފްސުތަކަށާއި މުޅި މުޖުތަމަޢަށް ކޮންމެހެން ބޭނުންވެފައިވާ އެންމެ އަގުބޮޑު ރައުސްމާލެވެ.