އުފާވެރި މުނާސަބަތެއް ފާހަގަކޮށްލަން ނުވަތަ ކެއުމަކަށްފަހު ފޮނި އެއްޗެއް ކާލުމަކީ ހަންގަނޑު ކުއްލިއަކަށް މުސްކުޅިވާނެ ކަމެއް ނޫން ނަމަވެސް، މެދުކެނޑުމެއްނެތި ދިގު މުއްދަތަކަށް ހަކުރު ބޭނުންކުރުމަކީ ހަމުގެ ދުޅަހެޔޮކަމަށް އޮތް ބޮޑު ނުރައްކަލެކެވެ.
މޫނުމަތީގައި ރޫޖެހުމާއި ހަންގަނޑު އެލިގެންދާ ސަބަބުތަކާ މެދު ވިސްނާއިރު ހަކުރަކީ އެންމެ ފުރަތަމަ ސިކުނޑިއަށް އަންނަ ނަމަށް ނުވި ނަމަވެސް، ހަށިގަނޑަށް އެތެރެވާ އިތުރު ހަކުރާމެދު ހަށިގަނޑު ދައްކާ އިޖާބައިގެ ސަބަބުން ޢުމުރުން ދުވަސްވުމުގެ ދުވެލި ބާރުވެގެންދާކަން ސައިންސުގެ ހޯދުންތަކުން ދަނީ ސާބިތުވަމުންނެވެ.
ހަންގަނޑުގެ ބިންގަލަކީ އޭގެ އޮނިގަނޑު ހިފަހައްޓައިދޭ ކޮލަޖެން އާއި ހަންގަނޑުގެ ވާންކަން ދަމަހައްޓައިދޭ އިލާސްޓިންއެވެ. ޢުމުރުން ދުވަސްވުމާ އެކު މި މާއްދާތައް އުފައްދާ މިންވަރު މަދުވަމުންދާއިރު، އިރުގެ ދޯދިތަކާއި ވެށީގެ ތަޣައްޔަރުކަމާއި ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ކަންކަމުގެ ސަބަބުން އެ މާއްދާތައް ހަލާކުވާ ދުވެލި އިތުރަށް އަވަސްވެއެވެ.
މި ނުރައްކާ އިތުރަށް ބޮޑުވަނީ ހަކުރުގެ ސަބަބުން ހިނގާ 'ގްލައިކޭޝަން' މަރުހަލާގެ ސަބަބުންނެވެ. ހަކުރު ގޮސް ކޮލަޖެންއާ ގުޅި، ހަމުގެ މަޑުމޮޅިކަން ގެއްލުވާލާއިރު، މިގޮތަށް ހަލާކުވާ ކޮލަޖެން ބަދަލުކުރުމަށް ހަށިގަނޑަށް ދަތިވެ ގިނަ ދުވަހު ހަމުގައި ހަރުލާފައި ހުރެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހަންގަނޑުގެ އޮމާންކަމާއި ތާޒާކަން ގެއްލި، ހަންގަނޑު ދޫވެ، ހަމުގައި ރޫޖެހި، އެކަން މާ އަވަހަށް ފެންނަން ފަށައެވެ.
ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ހަކުރުގެ މާއްދާ އެތެރެވުމަކީ މެޓަބޮލިޒަމް ހަލާކުވެ، އެތެރެހަށީގައި ދިގުދެމިގެންދާ ދުޅަވުމާއި (އިންފްލެމޭޝަން) އޮކްސިޑޭޓިވް ސްޓްރެސް އުފެދޭ ކަމެއް-- ފޮޓޯ/އިންޑިއަންއެކްސްޕްރެސްހަކުރާއި ރިފައިންޑް ކާބޯހައިޑްރޭޓްސް ގިނަ ކާނާ އާއި ބުއިންތައް ޤަވާއިދުން ބޭނުންކުރުމަކީ ލޭގެ ހަކުރު ކުއްލިއަކަށް މައްޗަށް އަރައިގެންދާ މައިގަނޑު ސަބަބެކެވެ. ލޭގެ ހަކުރު ކޮންޓްރޯލް ކުރުމަށް އިންސިއުލިން މުހިންމު ދައުރެއް އަދާކުރި ނަމަވެސް، ލޭގައި ގިނަ ދުވަހު އިންސިއުލިން މަތީ މިންވަރެއްގައި ހުރުމާއި އިންސިއުލިން ރެސިސްޓެންސް އުފެދުމުގެ ސަބަބުން ހަށިގަނޑުގެ ހޯމޯންތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.
މި ބަދަލުތަކުގެ ސަބަބުން އިންސިއުލިން-ލައިކް ގްރޯތު ފެކްޓަރ 1 (އައި.ޖީ.އެފް-1) މެދުވެރިކޮށް ހަންގަނޑުން ތެޔޮ އުފައްދާ މިންވަރު އިތުރުވެ، މޫނުގައި އޮށާޅަ ނެގުމަށްވެސް މަގުފަހިވެއެވެ. ހަކުރު ބޭނުންކުރާ ކޮންމެ މީހެއްގެ މޫނުގައި ވަގުތުން ރޫނުޖެހުނު ކަމުގައި ވިޔަސް، ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއިންބުއިމުގެ އާދަތަކަކީ މިފަދަ ބަދަލުތައް އަވަސްކުރުމުގައި އިސް ދައުރެއް އަދާކުރާ ކަންކަމެވެ.
ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ހަކުރު އެތެރެވުމަކީ މެޓަބޮލިޒަމް ހަލާކުވެ، އެތެރެހަށީގައި ދިގުދެމިގެންދާ ދުޅަވުމާއި (އިންފްލެމޭޝަން) އޮކްސިޑޭޓިވް ސްޓްރެސް އުފެދޭ ކަމެކެވެ. ހަށިގަނޑުގެ ދިފާއީ އެންޓިއޮކްސިޑެންޓްތަކަށްވުރެ ފްރީ ރެޑިކަލްސް ގިނަވުމުން އުފެދޭ އޮކްސިޑޭޓިވް ސްޓްރެސްގެ ސަބަބުން، ކޮލަޖެން ހަލާކުކޮށްލާ މެޓްރިކްސް މެޓަލޯޕްރޮޓީނޭސަސް (އެމްއެމްޕީ) އެންޒައިމްތައް ހަރަކާތްތެރިވެއެވެ. މީގެ އިތުރުން، އިރުގެ އަލްޓްރާވައިލެޓް ދޯދިތަކުގެ ސަބަބުން މި ނުރައްކާ އިތުރަށް ގޯސްވެގެންދާތީ، ޢުމުރުން ދުވަސްވުމުގެ އަސަރުތައް ކުޑަކުރުމަށް އަވިން ރައްކާތެރިވުމަކީ ކޮންމެހެން ސަމާލުކަން ދޭންޖެހޭ ކަމެކެވެ.
ކެއުމުގައި ހަކުރު މަދުކުރުމަކީ ދިގު މުއްދަތަކަށް ބަލާއިރު ހަމުގެ ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެއް ނަމަވެސް، އޭގެ ސަބަބުން ކުރިން ހަލާކުވެފައިވާ ގްލައިކޭޝަންގެ އަސަރުތައް އެއްކޮށް ފިލުވައެއް ނުލެވެއެވެ. އަދި ޢުމުރުން ދުވަސްވުމުން ގެއްލިގެންދާ ކޮލަޖެން އާއި އިލާސްޓިން އަލުން އިއާދަކޮށްދިނުމަކީވެސް އެކަމުން އެކަނި ވާނެ ކަމެއް ނޫނެވެ. ދުޅަހެޔޮ ކެއުމަކީ ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށްދޭ އެހީއަކަށް ވިޔަސް، މޫނުގައި ޖަހާ ރޫތައް ވަގުތުން ފިލުވައިދޭނެ އަވަސް ހައްލެއް ކާނާއަކުން ނުލިބޭނެއެވެ.
ހަމުގެ ރީތިކަމާއި ތާޒާކަން ދެމެހެއްޓުމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް ފޮނި ބުއިންތަކާއި ކެއުންތައް މަދުކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާ-- ފޮޓޯ/އިންޑިއަންއެކްސްޕްރެސްހަމުގެ ރީތިކަމާއި ތާޒާކަން ދެމެހެއްޓުމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް ފޮނި ބުއިންތަކާއި ޑެޒަޓްތަކުގެ އިތުރުން ކާބޯތަކެއްޗަށް އަޅާ ހަކުރުގެ މިންވަރު މަދުކުރަންޖެހެއެވެ. އޭގެ އިތުރުން، ލޭގެ ހަކުރު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ހޯލް ގްރެއިންސް، ތަރުކާރީ އަދި ސިއްހަތަށް ފައިދާހުރި ތެޔޮ އެކުލެވޭ ހަމަހަމަ ކެއުމަކަށް އިސްކަންދިނުމާއެކު، ހަށިގަނޑުގެ ސެލްތައް ދިފާއުކުރުމަށްޓަކައި އެކި ކުލަކުލައިގެ މޭވާއާއި ނަޓްސް ފަދަ އެންޓިއޮކްސިޑެންޓް ގިނަ ބާވަތްތައް ކެއުމުގައި ހިމަނަންޖެހެއެވެ. ހަމައެއާއެކު، ހަމުގެ ޓިޝޫތަކަށް ބޭނުންވާ މުހިންމު އަމައިނޯ އެސިޑްސް ފޯރުކޮށްދިނުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް ޕްރޮޓީން ހިމެނޭ ކާނާ ބޭނުންކުރުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އިންޑިއާގެ ނިއުދިއްލީގެ ހަމުގެ ބަލިތަކާ ބެހޭ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ދީޕާލީ ބަރަދްވާޖް ފާހަގަކުރައްވާ ގޮތުގައި، ހަކުރަކީ ވަގުތުން މީހާ ހަލާކުކޮށްލާ ވިހައެއް ނޫނެވެ. ހަމައެއާއެކު މަދުމަދުން ފޮނި އެއްޗެއްގެ ރަހަ ބަލާލުމަކީ ވެސް މައްސަލައެއް ނޫންކަން އޭނާ ފާހަގަކުރައްވައެވެ.
ނަމަވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ މެދުކެނޑުމެއްނެތި ހަކުރު ބޭނުންކުރުން ދިރިއުޅުމުގެ އާދައަކަށް ވުން ކަމަށް އޭނާ ވިދާޅުވިއެވެ. ހަމުގެ ޒުވާންކަން ދެމެހެއްޓުމަކީ ހަމައެކަނި އަގުބޮޑެތި އުފެއްދުންތައް ބޭނުންކުރުމުން ހާސިލުވާނެ ކަމެއް ނޫން ކަމަށާއި، އެއީ ތިމާ ބޭނުންކުރާ ކާނާއިން ފެށިގެން ދިރިއުޅުމުގައި ގެންގުޅޭ ދުޅަހެޔޮ އާދަތަކުގެ ނަތީޖާ ކަމަށްވެސް ޑރ. ދީޕާލީ ބަރަދްވާޖް ވިދާޅުވިއެވެ. އެހެންކަމުން ހަކުރު ބޭނުންކުރުން މުޅިން ހުއްޓާލުމުގެ ބަދަލުގައި، ހަށިގަނޑަށް ފައިދާހުރި ދެމެހެއްޓެނިވި ގޮތްތައް ޚިޔާރުކުރުމަކީ ހަމުގެ ދުޅަހެޔޮކަމުގެ ޙަޤީޤީ ބިންގަލެވެ.