ބްރަޒީލިޔާ (26 އޮކްޓޯބަރު 2026): ބްރަޒީލްގެ ރައީސް ލުއިޒް އިނަސިއޯ ލޫލާ ދަ ސިލްވާ އެ ގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.
ދަ ސިލްވާ މި އިންތިޚާބު ކާމިޔާބު ކުރެއްވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުގެ 51.75 އިންސައްތަ ހޯއްދަވައިގެންނެވެ. ދެވަނަ ބުރުގައި އޭނާއާ ވާދަކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ތާއީދު އޮތް ބްރަޒީލްގެ ކަނާތު ފިޔައިގެ ހަރުކަށި މަހުޖަނު ފްލަވިއޯ ބޮލްސޮނާރޯއެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި ދަ ސިލްވާ އަށް ވުރެ ކުރީގައި އުޅުއްވީ ބޮލްސޮނާރޯއެވެ. ނަމަވެސް އެއްވެސް ބޭފުޅަކަށް ވޯޓުގެ 50 އިންސައްތަ ލިބިވަޑައިގެންފައެއް ނުވެއެވެ. ފްލަވިއޯ ބޮލްސޮނާރޯ އަކީ ބްރަޒީލްގައި ކުރިން ރައީސްކަން ކުރެއްވި ކަނާތުފިޔައިގެ ހަރުކަށި ލީޑަރު އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ރަހްމަތްތެރިޔާ އަދި ޓްރަމްޕްގެ ހަރުކަށި ފިކުރުގައި ޖެހިފައިވާ ޖިއަރު ބޮލްސޮނާރޯގެ ދަރިކަލުންނެވެ.
މިފަހަރުގެ އިންތިޚާބުގައި ޖިއަރު ބޮލްސޮނާރޯއަށް ވާދަނުކުރެއްވީ އޭނާގެ ވެރިކަމުގެ ދުވަސްވަރު ހިންގާފައިވާ ޚިޔާނާތާއި ވައްކަމާ އަދި މަގާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރެއްވިކަން ކޯޓަށް ސާބިތުވުމާ ގުޅިގެންނެވެ. އަދި ރިޔާސީ އިންތިޚާބު އޮޅުވާލުމަށް މަސައްކަތް ކުރެއްވިކަން ކޯޓަށް ސާބިތުވުމާ ގުޅިގެން ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އޭނާގެ މައްޗަށް ކޯޓުން ހުކުމެއް ކޮށްފައިވާތީއެވެ. މި ހުކުމް ބުނާގޮތުން 2030 ވަނަ އަހަރުގެ ކުރިން ބާއްވާ ރިޔާސީ އިންތިޚާބެއްގައި ޖިއަރު ބޮލްސޮނާރޯ އަށް ބައިވެރިއެއް ނުވެވޭނެއެވެ. އެހެންކަމުން އޭނާގެ ބަދަލުގައި ވާދަކުރެއްވީ އޭނާގެ ފިރިހެން ދަރިފުޅު ފްލަވިއޯ ބޮލްސޮނާރޯއެވެ. އޭނާއަކީ ވެސް އޭނާގެ ބައްޕަގެ ފިކުރުގެ އަދި އެ ސުލޫކުގެ ބޭފުޅެކެވެ.
ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި ފްލަވިއޯ ބޮލްސޮނާރޯ އަށް ތާއީދު ކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ބްރެޒިލްގެ ރައްޔިތުންނަށް ގޮވާލައްވައި ބޮލްސޮނާރޯއަށް ކެމްޕެއިން ކޮށްދެއްވައިފައެވެ. ބްރަޒީލްގެ ސަރުކާރުން ވަނީ މިއީ އެ ގައުމުގެ ދާޚިލީ ކަންކަމާ ބެހުންކަމަށް ސިފަކޮށް ޓްރަމްޕް ކުށްވެރިކޮށް ބަޔާނެއްވެސް ނެރެފައެވެ. މިއާއެކުވެސް ބްރެޒިލްގެ މަހުޖަނުންނާ ގުޅިގެން ޓްރަމްޕް ވަނީ ފްލަވިއޯ ބޮލްސޮނާރޯއަށް ކޭންޕެއިން ކުރުމުގައި ފަރުދާގެ އަނެއް ފަރާތުން ހުއްޓުމެއް ނެތި ހަރަކާތްތެރިވެފައެވެ.
ރިޕޯޓްތައް ބުނާގޮތުން ރައީސް ލުއިޒް އިނަސިއޯ ލޫލާ ދަ ސިލްވާއަށް އިންތިޚާބު ކާމިޔާބު ކުރެއްވުނީ ބްރެޒިލްގެ މެދުފަންތީގެ މީހުންނާއި ފަގީރުންގެ ވޯޓުގެ ސަބަބުންނެވެ. ފުރަތަމަ ބުރުގައި ފަގީރުންގެ ގިނަ ބަޔަކު ވޯޓު ލާފައި ނުވާކަން ފާހަގަކުރެވިފައިވާއިރު ލޯލާގެ ދެވަނަ ބުރުގެ ކޭންޕެއިން ބިނާކޮށްފައި ވަނީ ޖިއަރު ބޮލްސޮނާރޯ އަށް ވެރިކަން ލިބިއްޖެނަމަ ފަގީރުންގެ ހާލަތު ދަށަށް ގޮސް މުއްސަނދިން އިތުރަށް މުއްސަނދި ވާނެ ކަމަށް ރިއާޔަތް ކޮށްގެންނެވެ.
ފްލަވިއޯގެ ބައްޕަ ޖިއަރު ބޮލްސޮނާރޯގެ ވެރިކަމުގައި ބްރެޒިލްގައި ފަގީރުންގެ ނިސްބަތް އިތުރުވެ މަހުޖަނުންގެ އަދަދު ގިނަވެ މަހުޖަނުންވަނީ އިތުރަށް މުއްސަނދި ވެފައެވެ. މިއީ ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއަށް ވެސް ވަމުންދާ ގޮތެވެ. ބޮލްސޮނާރޯއާ ޚިލާފަށް ދަ ސިލްވާ އަކީ ބްރެޒިލްގައި ފަގީރުކަން ކުޑަކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާ ބޭފުޅެކެވެ. އެހެންކަމުން މިއީ ދަ ސިލްވާ ގެ ރިޔާސީ ހަތަރުވަނަ ދައުރެވެ. ފުރަތަމަ ޖެހިޖެހިގެން ދެ ދައުރުގައި އޭނާ ރައީސްކަން ކުރެއްވިއިރު އޭނާވަނީ ބްރެޒިލްގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި އެ ގައުމުގެ ފަގީރުންގެ އެތައް މިލިޔަން ބަޔަކު ވަނީ ފަގީރުކަމުގެ ހާލަތުން މެދު ފަންތީގެ ހާލަތަށް ބަދަލުކުރައްވައިފައެވެ. އޭނާގެ މި ދައުރުގައި ވެސް ފަގީރުންނާއި މެދުފަންތީގެ މީހުންނަށް ބޮޑެތި ފައިދާތަކެއް ވަނީ ލިބިފައެވެ.
ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕް ވަނީ އެމެރިކާ ގެންގުޅޭ ކެޕިޓަލިސްޓް ހަރުކަށި ފިކުރަށް ތާއީދުކުރާ ކަނާތު ފިޔައިގެ ހަރުކަށި ވިސްނުމުގެ ލީޑަރުން ލެޓިން އެމެރިކާގެ ވެރިކަމަށް ގެނައުމަށް ބޮޑު ޕްލޭނެއް ރާވައިފައެވެ. މި ޕްލޭން ބިނާކޮށްފައިވަނީ ލެޓިން އެމެރިކާގެ ގައުމުތައް އަނެއްކާވެސް އެމެރިކާގެ އަޅުވެތިކަމާއި ނުފޫޒުގެ ދަށަށް ގެނަސް އެގައުމުތަކުގެ ގުދްރަތީ ވަސީލަތްތަކަށް އެމެރިކާ އަތްގަދަ ކުރުމުގެ މައްޗަށް ކަމަށް ވެއެވެ. މި ޕްލޭންގެ ދަށުން އެމެރިކާ ވަނީ ވެނެޒުއެލާގެ ރައީސް ވަގަށް ނަގައި އެ ގައުމުގެ ތެލުގެ ވަސީލަތްތަކަށް އަތްގަދަކޮށްފައެވެ.
ކޮލަންބިއާއާއި އާޖެންޓީނާގެ ވެރިކަން ވެސްވަނީ ޓްރަމްޕްގެ ހަރުކަށި ފިކުރުގެ ބޭފުޅުން ކާމިޔާބުކޮށްފައެވެ. ކުރިން މި ދެގައުމަކީ އިސްރާއީލާ ވަރަށް އިދިކޮޅު ދެ ގައުމެވެ. ނަމަވެސް ޓްރަމްޕްގެ ހަރުކަށި ފިކުރުގެ ބޭފުޅުން ވެރިކަމަށް އައުމާއެކު މި ދެ ގައުމު ވެސް ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް ވާގިވެރިވެ އިސްރާއީލާ ގުޅުންތައް ބަދަހިކޮށްފައެވެ.