މީކާއީލްގެ ސުވާލެއް: ޕެނަޑޯލް ނުލިބިގެން އާންމުން ކިޔޫގައި ތިބިއިރު މި އުޅެނީ ވެރިންގެ މުސާރަ ބޮޑުނުކުރެވިގެން؟

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް: އާދައިގެ ޕެނަޑޯލް ގުޅަ ނުލިބިގެން އާންމުން އުޅޭއިރު މި އުޅެނީ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުނުކުރެވިގެންތޯ ވަނީ ސުވާލު އުފައްދަވައިފައި --- ފޮޓޯ: މަޖިލިސް

އާދައިގެ ޕެނަޑޯލް ގުޅަ ނުލިބިގެން އާންމުން ބޭސް ފިހާރަތަކުގައި ކިޔޫ ހަދައިގެން ތިބިއިރު އަދިވެސް މި އުޅެނީ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުނުކުރެވިގެންތޯ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ސުވާލު އުފައްދަވައިފިއެވެ.

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނައި ބަދަލު އުވައިލަން ކޮލަމާފުށީ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން މީކާއީލް ވަނީ، ރާއްޖެ އިގުތިޞާދީ ގޮތުން ނާޒުކު ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި މިހާރު ނުވެ އޮތް ކަމަކީ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރުންތޯ ސުވާލު އުފައްދަވައިފައެވެ.

"އިއްޒަތްތެރި ރައީސް، ސޯސަން މަގަށް ވަޑައިގެން ބައްލަވާ. އޭޑީކޭ ކުރިމަތީގައި ފާމަސީތަކުގައި ކިޔޫ ޖަހައިލައިފައި. ޕެނަޑޯލް ގުޅައެއް ވެސް ނުލިބޭ. އިއްޒަތްތެރި ރައީސް. އަދިވެސް މި އުޅެނީ ވަޒީރުންގެ މުސާރަތޯ ބޮޑުނުކުރެވިގެން؟ ކާރުކޮޅު ނުދުއްވެނީތޯ މިހާރު؟ މިހާރު މި ލިބޭ މުސާރައިން ނުވަނީތޯ އިއްޒަތްތެރި ރައީސް؟" މީކާއީލް ސުވާލު އުފެއްދެވިއެވެ.

މީކާއީލް ވަނީ، ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި އިނާޔަތް ބޮޑުކުރުމަށް ނިންމުމުގެ ސަބަބުން ދައުލަތުގެ ޚަރަދަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެ، އެ ނިންމުން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވައިލައި ވަނީ އިއްޔެ ބަޔާނެއް ވެސް ނެރެފައެވެ.

ކަން މިހެން އޮއްވައި މިއަދު އެކަމާ ގުޅިގެން ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމަވައި އަނބުރާ ފޮނުވައިލައްވައިފައެވެ.

https://sun.mv/229634

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އިނާޔަތަށް ލިބޭ ފައިސާ އިތުރުކޮށް، ރަށު ކައުންސިލްތަކުގެ މުސާރަ ވެސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރީ މިދިޔަ ބުދަ ދުވަހެވެ.

މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފައިވާ ގޮތުގައި މިހާރު މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވަނީ 73،125 ރުފިޔާއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސަށް 91،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މަޖިލިސް މެންބަރުންނަށް 82،500 ލިބިވަޑައިގަންނަވައެވެ.

ކޮމިޓީގައި އިއުލާންކުރި ގޮތުގައި، އެ ފަރަގު އަންނަނީ މަޖިލީހުގެ ރައީސަށް ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގަނެވޭތީއެވެ. އެގޮތުން މެންބަރުން ކޮމިޓީތަކުގައި ބައިވެރިވާ އިންސަތައަށް ބަލައި އިނާޔަތް ލިބެން ހުރެއެވެ. އެއީ 50 އިންސައްތައާއި 75 އިންސައްތައިގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމުން 10،000 ރުފިޔާއާއި 75 އިންސައްތައަށްވުރެ މަތިވުމުން 20،000 ރުފިޔާއެވެ.

އެހެންވެ، ކޮމިޓީއަށް ހުށަހަޅައިފައިވަނީ މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އިނާޔަތެއް އިތުރުކުރުމަށެވެ. އެ އިނާޔަތް އިތުރުކުމުން މަޖިލީހުގެ ރައީސްގެ ޖުމުލަ މުސާރަ 95،125 ރުފިޔާއަށް އަރާނެއެވެ.

comment ކޮމެންޓް