"ސިއްހީ ނިޒާމުގެ މުސްތަގުބަލު ބިނާވަނީ ބިނާކުރާ ހޮސްޕިޓަލްތަކަކަށް ނޫން، އަސާސީ ތައުލީމުގެ މައްޗަށް"

ސިއްހަތާ އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ގީލާ އަލީ ---

ސިއްހީ ނިޒާމުގެ މުސްތަގުބަލު ބިނާވެގެންވަނީ ހަމައެކަނި ބިނާކުރާ ހޮސްޕިޓަލްތަކަކާއި ހޯދާ ޓެކްނޮލޮޖީއެއްގެ މައްޗަކަށް ނޫން ކަމަށާއި މުސްތަގުބަލު ބިނާވަނީ އަސާސީ ގޮތުން ތައުލީމުދޭ މީހުންނާއި އުފައްދާ އިލްމުގެ މައްޗަށް ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ބުޓީކް އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން (އައިސީއެމްއީ) 2026ގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާގެ ދަތުރު ވަރަށް ދިގު ރާސްތާއެއް ކަނޑަތުކޮށްފައިވާ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާގެ މަސައްކަތްތެރިން ބިނާކުރުމުގެ ބިންގާ އެންމެ ފުރަތަމަ އެޅިގެން ދިޔައީ 1973 ވަނަ އަހަރު، ކޮމިއުނިޓީ ހެލްތު ވޯކަރުންނަށް ރަސްމީކޮށް ތަމްރީނު ދޭން ފެށުމާ އެކުގައިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވަނީ ފާއިތުވި 10 އަހަރުގެ ތެރޭގައި، ނަރުހުންގެ ދާއިރާގެ އިތުރުން ރާއްޖޭގައި މެޑިކަލް އެޑިއުކޭޝަން ނުވަތަ ޑޮކްޓަރުކަމުގެ ތައުލީމު ދިނުމުގެ ދާއިރާ ވެސް ތަރައްގީވަމުން އަންނަކަމަށް ވިދާޅުވެފައެވެ.

އެގޮތުން ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިން އުފެދި ކުރިއަރަމުން ދިއުމަކީ ސިއްހީ ދާއިރާގައި ފާހަގަކޮށްލެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ސިއްހީ ޚިދުމަތްދޭ މުއައްސަސާތަކާއި ބައިނަލްއަގުވާމީ ޔުނިވާސިޓީތަކާއެކު ގުޅުންތައް ގާއިމުކުރުމަށް އެމްއެންޔޫއިން އިސް ދައުރެއް އަދާކުރާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

"މެޑިކަލް އެޑިއުކޭޝަނަކީ ހަމައެކަނި ގިނަ ޑޮކްޓަރުންތަކެއް އުފެއްދުމެއް ނޫން. އެއީ އަޅުގަނޑުމެންގެ ރައްޔިތުންނާއި މުޖުތަމައުތަކުގެ ބޭނުންތައް ދަންނަ ގާބިލު އަޚުލާގު ރަނގަޅު އޯގާތެރި ސިއްހީ މާހިރުން ބިނާކުރުން." ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މުސްތަގުބަލަށް ރާއްޖޭގެ ސިއްހީ ނިޒާމު ތައްޔާރުވަމުން އަންނައިރު، އަޅުގަނޑުމެންގެ ސިއްހީ ޚިދުމަތްތެރިން ތަމްރީނު ކުރަނީ އިއްޔެގެ ނިޒާމަށްތޯ ނުވަތަ މާދަމާގެ ސިއްހީ ނިޒާމަށްތޯ ސުވާލު އުފައްދަންޖެހޭ ކަމަށެވެ.

އެހެންކަމުން ހަނދާން ބަހައްޓަންޖެހޭ އެއްކަމަކީ ވަރުގަދަ ސިއްހީ ނިޒާމެއް ބިނާވަނީ ހަމައެކަނި ބަލިތަކަށް ފަރުވާދިނުމުގެ މައްޗަކަށް ނޫންކަމަށާއި ބަލިތަކުން ރައްކާތެރިވުން ވާންވާނީ ސިއްހީ ޚިދުމަތުގެ ހިތަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް