ބޮލީވުޑްގެ ކާމިޔާބު ތަރި އާމިރު ޚާން ފިލްމީ ދާއިރާގައި ހޭދަކުރި 30 އަހަރުގެ ދިގު ރާސްތާއަކީ ގިނަގުނަ ކާމިޔާބީތަކަކާ އެކު ވެސް، އަމިއްލަ ދިރިއުޅުމުގެ ބޮޑެތި ޤުރުބާނީތަކެއް ވެފައިވާ ދަތުރެއް ކަމަށް އެކްޓަރު ބުނެފިއެވެ.
ސިންގަޕޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ބައިވެރިވެ، ހޮންގްކޮންގްގެ މަޝްހޫރު ޑައިރެކްޓަރު ޕީޓާ ޗަން ހޯ-ސުންގެ އަތުން ޝަރަފުވެރި "ސްކްރީން އައިކަން އެވޯޑު" އާމިރާ ޙަވާލުކުރިއިރު، އެ އުފާވެރި މުނާސަބަތު ބަދަލުވީ އޭނާގެ ޙަޔާތުގެ އެންމެ އަސަރުގަދަ އިހުސާސްތައް ބަންޑުންކޮށްލި ވަގުތުކޮޅަކަށެވެ.
އެވޯޑު ބަލައިގަތުމަށްފަހު އާމިރު ޙިއްސާކުރި ގޮތުގައި، ވޭތުވެދިޔަ ތިރީހަކަށް އަހަރު މެދުކެނޑުމެއްނެތި މަސައްކަތުގައި މަސްއޫލުވެ އުޅުމުގެ ސަބަބުން، އާއިލާއާއެކު ހޭދަކުރަންޖެހޭ އަގުހުރި ވަގުތުތައް ވަނީ އަތުން ބީވެގެން ގޮސްފައެވެ.
އޭނާ ފާހަގަކުރި ގޮތުގައި، ކުރު މުއްދަތަކަށް މަސައްކަތަށް ހުސްވެ ހުރުމަކީ ދެކޮޅުޖެއްސިދާނެ ކަމެއް ނަމަވެސް، އެގޮތުގައި ވިދިވިދިގެން 30 އަހަރު ހޭދަކުރުމަކީ ދިރިއުޅުމުގެ އެންމެ މުހިންމު ދަނޑިވަޅުތަކުން އިންސާނާ މަޙުރޫމުކުރުވާ ކަމެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އޭނާ ކެނޑިނޭޅި މަސައްކަތުގައި ހޭބޯނާރައި އުޅެނިކޮށް، ކުދިން ބޮޑުވެ ޒުވާނުންނަށް ބަދަލުވެގެން ދިޔަ ދުވަސްވަރު އެ ކުދިންނަށް ދޭންޖެހޭ ސަމާލުކަން ނުދެވި، އެ މުހިންމު އަހަރުތައް ގެއްލިގެން ދިޔަ ކަމުގެ ފުން ހިތާމަ މިއަދު އޭނާގެ ހިތުގައި އޮތް ކަމަށް އާމިރު ބުންޏެވެ.
އާމިރު ޚާން، އޭނާގެ ތިން ކުދިން ކަމަށްވާ، އިރާ ޚާން، ޖުނައިދު ޚާން އަދި އާޒާދު ރާއޯ ޚާންއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސްމަޝްހޫރު މަޖައްލާ "ވެރައިޓީ"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޙަޤީޤަތް އާމިރަށް އިޙުސާސްކުރެވުނީ ކޮވިޑް-19ގެ އާލަމީ ވަބާގެ ތެރޭގައި އެކަހެރިވެ، އަމިއްލަ ނަފުސާ މެދު ވިސްނާލަން ލިބުނު ފުރުސަތުގައެވެ. މޮޔައެއް ފަދައިން ހުއްޓުމެއްނެތި މަސައްކަތުގެ ފަހަތުން ދުވުމުގެ ސަބަބުން އެތައް ގާތް ގުޅުމެއް ގެއްލިފައިވާކަން ބަޔާންކުރަމުން ދިޔަ ވަގުތު، އާމިރުގެ ލޮލުން ކަރުނަ ފާއްދާލައި، އަސަރުން އަޑު ބެދިގެން ދިޔުމާއެކު، މެރީނާ ބޭ ސޭންޑްސްގެ ހޯލުގައި ތިބި އޯޑިއަންސް ވަނީ ހޫނު އަތްތިލަބަޑިއަކުން އޭނާއަށް ހިތްވަރު ދީފައެވެ.
ލޮލުން ފޭބި ކަރުނަތައް ފޮހެލުމަށްފަހު އާމިރު ހާމަކުރި ގޮތުގައި، މި އިޙުސާސާ ގުޅިގެން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މަސައްކަތުގެ ބަދަލުގައި މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އާއިލާއަށާއި ގާތް ރަޙުމަތްތެރިންނަށް ކަމަށް އޭނާ ބުންޏެވެ. އަދި މި ހޭލުންތެރިކަން އައީ ޢުމުރުން 86 އަހަރުވެ، ދިރިއުޅުން އިޞްލާޙުކުރަން އެއްވެސް ފުރުސަތެއް ނޯންނަ ހިސާބަކުން ނޫން ކަމަށާއި، އުމުރުން 56 އަހަރުގައި މިކަން ވިސްނުމަކީ ލިބުނު ވަރަށް ބޮޑު ނަސީބެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކުގެ އިތުރުން، ބޮލީވުޑްގައި ބޮޑު ތާރީޚެއް ލިޔެފައިވާ އޭނާގެ މަޤުބޫލު ބައެއް ފިލްމުތަކުގެ ދެވަނަ ބަޔާ ގުޅޭގޮތުން ވެސް މި ހަފުލާގައި އާމިރަށް ސުވާލު އަމާޒުވިއެވެ. އެގޮތުން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި "ތުރީ އިޑިއަޓްސް"ގެ ސީކުއަލްއެއްގެ ސްކްރިޕްޓްގެ މަސައްކަތް ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ މިހާރު ކުރަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ހަފުތާތަކުގައި އެ ވާހަކަ އޭނާއާ ހިއްސާކުރާނެ ކަމަށް އާމިރު ބުންޏެވެ.
ހަމައެއާއެކު، ބޮލީވުޑްގެ ކްލެސިކް ކޮމެޑީ ފިލްމު "އަންދާޒް އަޕްނާ އަޕްނާ"ގެ ދެވަނަ ބައެއް ގެނެސްދިނުމުގެ މަސައްކަތްތަކެއް ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ ވެސް ފަށާފައިވާ ކަމަށް އޭނާ ހާމަކުރިއެވެ. ނަމަވެސް، އެ މަޝްރޫއާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އާމިރު ހިއްސާކޮށްފައެއް ނުވެއެވެ. އެހެންކަމުން، މި ދެ ފިލްމުގެ ސީކުއަލްއަށް ސިނަމާއަށް ލޯބިކުރާ ފަރާތްތަކުން އަދިވެސް އިންތިޒާރުތަކެއް ކުރަންޖެހޭނެ ކަމަށް ބެލެވެއެވެ.