ވަޓްސްއެޕް ކޮމިއުނިޓީތައް ބެލެހެއްޓުން ފަސޭހަކުރުމަށް އައު ފީޗާއެއް ތަޢާރަފުކުރަނީ

މިއީ ހަމައެކަނި އެޑްމިނުންނަށް ލިބޭ ފީޗާއެއް، އާންމު ޔޫޒަރުންނަށް މިކަމުގެ ބަދަލެއް ނުފެންނާނެ ---

ވަޓްސްއެޕްގެ ބޮޑެތި ކޮމިއުނިޓީތަކާއި އޭގެ ދަށުން ހިންގާ ގްރޫޕްތައް ބެލެހެއްޓުމުގައި އެޑްމިންއިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން "އޯގަނައިޒޭޝަންސް" ގެ ނަމުގައި އާ ފީޗާއެއް ތަޢާރަފުކުރުމުގެ މަސައްކަތް މެޓާއިން ކުރަމުންދާކަން ހާމަވެއްޖެއެވެ.

ޚަބަރުތައް ބުނާގޮތުން މި ފީޗާގެ މައުލޫމާތު އެންމެ ފުރަތަމަ ފެނިފައިވަނީ ވަޓްސްއެޕް އެންޑްރޮއިޑް ބީޓާ ވާޝަން 2.26.43.1 އިންނެވެ. މި ފީޗާގެ ސަބަބުން ކޮމިއުނިޓީ އެޑްމިންއިންނަށް މުޅި ކޮމިއުނިޓީއާއި އޭގެ ދަށުގައިވާ ވަކިވަކި ގްރޫޕްތަކުގެ މައުލޫމާތު އެއް ތަނަކުން ބަލައިލުމުގެ ފުރުސަތު ލިބޭނެއެވެ.

އަލަށް ތަރައްގީކުރާ މި ފީޗާގައި ކޮމިއުނިޓީގެ ނަމާއި، ތަފުސީލު އަދި ޖުމްލަ މެންބަރުންގެ އަދަދު އެނގެން ހުންނާނެއެވެ. އަދި "ވިއު އޯލް" އޮޕްޝަނަށް ފިތާލުމުން ކޮންމެ މެންބަރަކު ނިސްބަތްވަނީ ކޮން ސަބް-ގްރޫޕަކަށްކަން އެޑްމިންއިންނަށް ސާފުކޮށް ބަލައިލެވޭނެއެވެ.

މިހާރު ވަޓްސްއެޕް ބޭނުންކުރާ ގޮތުން ބޮޑެތި ކޮމިއުނިޓީތަކުގެ މެންބަރުން ބެލެހެއްޓުމަށްޓަކައި އެޑްމިންއިން ވަކިވަކި ގްރޫޕްތަކަށް ވަދެ މައުލޫމާތު ޗެކްކުރަންޖެހެއެވެ. ނަމަވެސް އޯގަނައިޒޭޝަންސް ފީޗާގެ ސަބަބުން މި ހުރިހާ މައުލޫމާތެއް އެއް ތަނަކުން ފެންނަން ހުރުމުން އެޑްމިންއިންގެ މެނޭޖްމަންޓް މަސައްކަތްތައް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

މި ފީޗާގެ ސަބަބުން ބޮޑެތި ކޮމިއުނިޓީތައް ހިންގާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ވާނެ ---

މި ފީޗާއަކީ ހަމައެކަނި އެޑްމިންއިންގެ މެނޭޖްމަންޓް މަސައްކަތްތަކަށް ޚާއްޞަ ކުރެވިފައިވާ ފީޗާއެއް ކަމުން، އާންމު މެންބަރުންގެ ގްރޫޕް ޗެޓްތަކަށް އަދި މުޢާމަލާތްތަކަށް މީގެއިން އެއްވެސް ބަދަލެއް ނާންނާނެއެވެ.

އެންޑްރޮއިޑް ބީޓާ ބޭނުންކުރާ ފަރާތްތަކަށްވެސް މި ފީޗާ އަދި އާންމުކޮށް ދޫކޮށްލާފައި ނުވާއިރު، އައިއޯއެސްއަށް މި ފީޗާ އަންނާނެ ތާރީޚެއް ނުވަތަ އާންމުކޮށް ހުރިހާ ޔޫޒަރުންނަށް މި ފީޗާ އަންނާނެ ވަގުތެއް މެޓާއިން އަދި އިއުލާނެއް ނުކުރެއެވެ.

މެޓާއިން 2022 ވަނަ އަހަރު ވަޓްސްއެޕް "ކޮމިއުނިޓީސް" ފީޗާ ތަޢާރަފުކުރީ ގުޅުންހުރި ތަފާތު ގްރޫޕްތައް އެއް ފުރާޅެއްގެ ދަށުން ހިންގުމުގެ ފުރުސަތު ބޭނުންކުރާ ފަރާތްތަކަށް ހޯދައިދިނުމުގެ މަގުސަދުގައެވެ. އޭގެ ފަހުން، ސުކޫލްތަކާއި، އޮފީސްތަކާއި އަދި އެކި ބޮޑެތި ޖަމުއިއްޔާތަކުން މުއާމަލާތްކުރުމަށް ވަޓްސްއެޕް ބޭނުންކުރާ މިންވަރު އިތުރުވުމާއެކު، މެޓާއިން އަންނަނީ ކޮމިއުނިޓީތައް ހިންގާ އެޑްމިންއިންގެ މަސައްކަތްތައް ފަސޭހަކޮށްދިނުމަށް ގިނަ އައު ވަސީލަތްތަކެއް ތަރައްގީކުރަމުންނެވެ. އެގޮތުން، "އޯގަނައިޒޭޝަންސް" ފީޗާއަކީ ވެސް ބޮޑެތި ކޮމިއުނިޓީތަކާއި އޭގެ ދަށުގައިވާ ސަބް-ގްރޫޕްތައް ވަކިވަކިން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، މުޅި ޕްލެޓްފޯމް އިންތިޒާމުކޮށް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ތަޢާރަފުކުރާ ފީޗާއެކެވެ.

comment ކޮމެންޓް