ރަސްމާލެ މަޝްރޫއާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް: ރަސްމާލެ މަޝްރޫއާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފައި -- ފޮޓޯ/ އެމްޑީޕީ

ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ހިއްކަން ފެށި ރަސްމާލޭގައި ބިޔަ މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން، އިދިކޮޅު އެމްޑީޕީން އަމަލުކުރާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނޭ 60 އަށް ވުރެ ގިނަ މެންބަރުންގެ އެދުމުގެ މަތިން ބާއްވާ މި ބައްދަލުވުން ތާވަލުކޮށްފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 20:30 އަށެވެ.

ރަސްމާލެ މަޝްރޫއާ ގުޅިގެން ޕާޓީގެ ރަސްމީ ސްޓޭންޑެއް ކަނޑައެޅުމަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމިއިރު، އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރުން ވަނީ މިދިޔަ ހުކުރު ދުވަހު ނުރަސްމީކޮށް ވެސް މި މައްސަލައިގައި މަޝްވަރާކޮށްފައެވެ.

https://sun.mv/229449

ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކުރުމާ މެދު އެމްޑީޕީގެ އެތެރޭގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެ މަޝްރޫއާ ގުޅުވައި އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ މަހު 29ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އުސޫލީ ގޮތުން ރެޒިޑެންސީ ޕްރޮގްރާމަކަށް ރާއްޖެ ހުޅުވާލުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް އީގަލް ހިލްސްގެ ކޮންޓްރެކްޓް ހާމަނުކުރާ ކަމަށާއި، ސަރުކާރަށް އެންމެ ރަނގަޅު ގޮތަކީ ކޮންޓްރެކްޓް އަވަހަށް މަޖިލީހަށް ފޮނުވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވިއެވެ.

މީގެ އިތުރުން އީގަލް ހިލްސްއާ ދެކޮޅަށް އަޑުއުފުލާ އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނިސްބަތްކުރައްވައި، މީގެ ކުރިން 2023 ވަނަ އަހަރު ޕާޓީގެ ސިޔާސަތާ ދެކޮޅަށް ވާހަކަދައްކަވައިގެން މެންބަރަކު ވަކިކުރި ހާދިސާ ހަނދާންކޮށްދެއްވައި ނުސީދާ އިންޒާރެއް ވެސް އެ މަނިކުފާނު ވަނީ ދެއްވާފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް: ރަސްމާލެ މަޝްރޫއާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެހެންނަމަވެސް އެމްޑީޕީގެ ގިނަ މެންބަރުންނާއި ލީޑަޝިޕްގެ ބައެއް ބޭފުޅުން މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކެވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވަނީ އެ މަޝްރޫއާ މެދު ސުވާލު އުފައްދަވައި، އެމްޑީޕީގެ ސަރުކާރެއްގައި އެފަދަ ކަމަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ކަންބޮޑުވުން ފާޅުކުރެއްވި މެންބަރުން ވިދާޅުވެފައި ވަނީ، މިފަދަ މަޝްރޫއުތަކަށް އެމްޑީޕީން ދީލާލައިގެން ނުވާނެ ކަމަށާއި އެކަމާ ދެކޮޅަށް ޕާޓީން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

https://sun.mv/229313

ރަސްމާލެ އެއްބަސްވުމާ ގުޅިގެން އެމްޑީޕީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ އެ މުއާމަލާތުގައި ހިމެނޭ އެންމެހައި ކަންކަން ހާމަކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ. އަދި ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ ފަދަ އެއްވެސް ސިޔާސަތެއް ކަނޑައެޅުމުގެ ބާރު ސަރުކާރަށް ލިބިގެން ނުވާ ކަމަށާއި، ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާ ކީ ނަމަވެސް، އީގަލް ހިލްސްއިންނާއި ސަރުކާރުން މި މައްސަލައިގައި ހާމަކުރި މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްވެ ހުންނަވައި ފައްޓަވާފައިވާ ހަރަކާތްތަކުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގަންނަވަމުން ދިޔަ ނަމަވެސް، އެ ހަރަކާތުގައި އެމްޑީޕީން ރަސްމީ ސިފައެއްގައި މިހާތަނަށް ބައިވެރިވެފައެއް ނުވެއެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން މީގެ ކުރިން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވަނީ، ރަސްމާލެއިން އިސްރާއީލާ ގުޅުންހުރި އެއްވެސް ފަރާތަކަށް ޕްރޮޕަޓީ ނުގަނެވޭނެ ގޮތް ހަދާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް