މަސްތުވާތަކެތީގެ މައްސަލައާއި އެ ވަބާގައި ޖެހިފައިވާ މީހުންގެ ފަރާތުން ކުރިމަތިވާ އުނދަގުލަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ފުރިހަމައަށް ތަންފީޒުކޮށްގެން ދާއިމީ ހައްލެއް ގެނެވޭނެ ކަމަށް ގިނަ އަދަދެއްގެ މީހުން ގަބޫލުކުރާ ކަމަށް، ސަން އޮންލައިންގެ ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ.
މިދިޔަ ހަފުތާގެ ހޯމަ ދުވަހު "ސަން"އިން ވަނީ، މަސްތުވާތަކެތީގެ މައްސަލައާއި އެ ވަބާގައި ޖެހިފައިވާ މީހުންގެ ފަރާތުން ކުރިމަތިވާ އުނދަގުލުން ސަލާމަތްވުމަށް ކޮންމެ ފަހަރަކު ރައްޔިތުން މަގުމައްޗަށް ނުކުންނަށް ނުޖެހި، ދާއިމީ ހައްލެއް ގެނެވޭނީ ކޮން ކަމަކަށް އިސްކަންދީގެންތޯ ސުވާލުކޮށްފައެވެ.
ޚިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތުގައި، ޕޯލްގައި ބައިވެރިވި މީހުންގެ ތެރެއިން 46.3 ޕަސެންޓް މީހުން ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ފުރިހަމައަށް ތަންފީޒުކޮށް، ވަސީލަތްތައް ހަމަކޮށްގެން ދާއިމީ ހައްލެއް ހޯދޭނެކަން ގަބޫލުކުރާ ކަމަށް ބުނެފައެވެ. ދެވަނަ އެންމެ ގިނަ ބަޔަކު ތާއީދުކޮށްފައިވަނީ، މައްސަލަތައް ވަގުތުން "އަލިފާން ނިއްވާ" އުސޫލުން ހައްލުކުރުން ހުއްޓާލައި، އިދާރާތައް ފުރިހަމައަށް ޖަވާބުދާރީ ކުރުވައިގެން މައްސަލަ ހައްލު ކުރުމަށެވެ. އެގޮތުން އެ ގޮތް 36.2 ޕަސެންޓް މީހުން ވަނީ އިޚުތިޔާރުކޮށްފައެވެ.
https://x.com/sunbrk/status/2114976838837731742
މީގެ އިތުރުން، ޕޯލްގައި ބައިވެރިވި 17.4 ޕަސެންޓް މީހުން ވަނީ، ނެޝަނަލް ޑުރަގު އޭޖެންސީ (އެންޑީއޭ)ގެ މޮނޮޕޮލީ ނައްތާލައި، އަމިއްލަ ފަރާތްތަކަށް ވެސް މަސްތުގެ ވާބާގައި ޖެހިފައިވާ މީހުންގެ ނަފުސާނީ މައްސަލަތަކަށް ފަރުވާދެވޭ ގޮތަށް އުސޫލުތައް ބަދަލުކުރަން ޖެހޭ ކަމަށް ތާއީދުކޮށްފައެވެ.
މި ޕޯލްއަށް ޚިޔާލަށް ހުޅުވާލުމުގެ ކުރިން، މި މަހުގެ 17ގައި، ޒިންމާދާރު މަގާމެއް ފުރުއްވާ މުޙައްމަދު ސައީދު ވަނީ، އާންމު އުނދަގޫ ކުރާ މީހެއްގެ މައްސަލައެއް ދޮޅު އަހަރުވީއިރު ވެސް ހައްލުނުވާ ކަމުގެ ކަންބޮޑުވުމާއެކު، ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް މާލޭގެ ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ކުރައްވައިފައެވެ.
އެ ހަޅުތާލު ފަށްޓަވައި ސައީދު ފޭސްބުކްގައި ކުރެެއްވި ޕޯސްޓެއްގައި ވަނީ މީގެ ދޮޅު އަހަރު ކުރިން ފެށިގެން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ ފަރާތުން އޭނާ ދިރިއުޅޭ ސަރަހައްދުގައި އުޅޭ އާންމުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިކުރަމުންދާ ކަމަށާއި އޭގެ ސަބަބުން އޭނާއަށާއި އޭނާގެ އާއިލާ މީހުންގެ އިތުރުން އަވަށްޓެރިންނަށާއި އެ މަގުތައް ބޭނުންކުރާ އެންމެންނަށް އަސަރު ކުރަމުންދާކަން ފާހަގަކޮށްފައެވެ.
ސައީދު އެ ހަޅުތާލު ހުއްޓަވައިލެއްވީ، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ޔަގީންކަން ދިނުމުން 35 ގަޑިއިރަށްފަހެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށް، މި މަހުގެ 18ގައި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ. އެ މުއްދަތު ހަމަވާނީ އަންނަ ހޯމައަށެވެ.
ރާއްޖޭގައި ހަރުކަށި ގާނޫނުތައް ހެދި ނަމަވެސް، އެ ގާނޫނުތައް އެދެވޭ ގޮތެއްގައި ތަންފީޒު ނުވުމުގެ ކަންބޮޑުވުންތައް އަބަދުވެސް އޮވެއެވެ.