ރާއްޖޭގެ އެންޓި-ޑޯޕިން ކޯޑު ގެޒެޓުކޮށްފި؛ އަމަލުކުރަން ފަށާނީ އަންނަ އަހަރު

ރައީސުލްޖުމްހޫރިއްޔާ، ކުޅިވަރާބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ތަސްދީގުކުރެއްވުން --- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް ނޭޝަނަލް އެންޓި-ޑޯޕިން އެޖެންސީ (މަނާޑާ) އިން އެކުލަވާލާފައިވާ "މޯލްޑިވްސް ނެޝަނަލް އެންޓި-ޑޯޕިން ކޯޑް" ގެޒެޓުކޮށް، އަންނަ އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން ކޯޑަށް އަމަލުކުރަން ނިންމައިފިއެވެ.

މަނާޑާއިން އެކުލަވާލާފައިވާ މި ކޯޑުގައި ވާގޮތުގެ މަތިން، އެއްވެސް އެތުލީޓަކަށް ޑޯޕިންގެ ތުހުމަތުކުރެވޭނަމަ އެކަން ސާބިތުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވަނީ މަނާޑާއަށެވެ. މިފަދަ ކުށެއް ސާބިތުވެއްޖެނަމަ ކުށް ސާބިތުވާ އެތުލީޓުންގެ އިތުރުން އެ އެތުލީޓުން ނިސްބަތްވާ ޓީމުތަކަށް އެޅޭނެ ފިޔަވަޅުތައްވެސް މި ކޯޑުގައި ބަޔާންކޮށްފައިވެއެވެ.

މި ކޯޑުގެ ދަށުން، ރާއްޖޭގެ ހުރިހާ އެތުލީޓުންވެސް ކޯޑަށް އަހުލުވެރިވުން ލާޒިމުކޮށްފައިވެއެވެ. މީގެ އިތުރުން، މަނާޑާއިން އެދެފި ކޮންމެ ދަނޑިވަޅެއްގައިވެސް ޓެސްޓުކުރަން ސާމްޕަލް ދިނުމާއި، އެ އެތުލީޓަކު ބޭނުންކުރާ ބޭސް ފަދަ ތަކެއްޗަށް ޒިންމާވުމާއި، ކޯޑަށް އަހުލުވެރިވުމަށް ހިންގާ ޕްރޮގްރާމްތަކަށް ހާޒިރުވުމުގެ އިތުރުން، އެހެނިހެން ޒިންމާތައް، ކޯޑުން އެތުލީޓުންނަށް މަތިކޮށްފައިވެއެވެ.

މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީއަކީ، މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ރައީސް މުޢިއްޒު ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލުގެ ދަށުން، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދޭނެ އެޖެންސީއެކެވެ.

https://sun.mv/216745

މި އެޖެންސީ އުފައްދަވާ، ރައީސް އޮފީހުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ) އިން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުގެ 38ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ" އުފައްދަވާފައިވާ ކަމަށެވެ.

އެ އެޖެންސީއަކީ ސްޕޯޓްސް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި، ރައީސް މުޢިއްޒު ވަނީ ހަމަޖައްސަވައިފައެވެ.

comment ކޮމެންޓް