ޑޮލަރު ގަތުމަށް ދިން ފައިސާ ޓެކުމުގެ މައްސަލައިގައި ސިޔާސީ އެކްޓިވިސްޓަކު ޖަލަށް

ޓެކުމުގެ މައްސަލައިގައި ޖަލަށް ލާފައިވާ ކ. މާލެ، މ. އައްސިދަ، މުޙައްމަދު ސަޢީދު --

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ ކުންފުންޏަކުން ދިން ދެލައްކައަށް ވުރެ ގިނަ ރުފިޔާ ޓެކުމުގެ މައްސަލައިގައި، ސިޔާސީ އެކްޓިވިސްޓެއް ކަމަށްވާ ކ. މާލެ، މ. އައްސިދަ، މުޙައްމަދު ސަޢީދު އެއް އަހަރާއި ހަތް މަހަށް ޖަލަށްލުމާއެކު، އެ ފައިސާ އަނބުރާ ދެއްކުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި މުޙައްމަދު ސަޢީދުގެ މައްޗަށް ދައުލަތުން އުފުލީ ޓެކުމުގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާގައި ބަޔާންކޮށްފައި ވަނީ، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި އައިމޯ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ޑޮލަރު ގަތުމަށްޓަކައި، އެ ކުންފުނީގެ އެކައުންޓުން ސަޢީދުގެ ބީއެމްއެލް އެކައުންޓަށް 203,500 ރުފިޔާ ޖަމާކުރުމުން، އެ ފައިސާއަށް ޑޮލަރު ހޯދުމަށްފަހު އެ ކުންފުންޏާ ޑޮލަރު ޙަވާލުނުކޮށް އަދި ފައިސާ ވެސް އަނބުރާ ރައްދުކޮށްދީފައި ނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް އާދަމް މުޙައްމަދު މި މައްސަލަ ބައްލަވައި 26 އޮކްޓޫބަރު 2026 ގައި ކުރެއްވި ޙުކުމުގައި ފާހަގަކުރައްވާފައި ވަނީ، އައިމޯ ކުންފުނިން ފޮނުވި ފައިސާއަށް ޑޮލަރު ގަތުމަށްފަހު، އެ ޑޮލަރު އައިމޯއާ ޙަވާލުނުކުރާ ކަމަށް ސަޢީދު ޝަރީޢަތުގައި އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ ފައިސާއަށް ވީ ގޮތެއް އޭނާއަށް އެކަށީގެންވާ ގޮތެއްގައި ސާފުކޮށްދެވިފައި ނުވާތީ، މިއީ އޮޅުވާލައިގެން މުދާ ނިގުޅައިގަތުން ކަމަށް ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މުޙައްމަދު ސަޢީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ޙުކުމްކޮށްފައެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 203,500 ރުފިޔާ، ޙުކުމް ކުރި ދުވަހުން ފެށިގެން 24 މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓު މެދުވެރިކޮށް އައިމޯ އެންޓަޕްރައިސަސްއަށް ދައްކައި ޚަލާޞްކުރުމަށް ވެސް އަމުރުކޮށްފައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭނާއަކީ މީގެ ކުރިން ޖުމްހޫރީ ޕާޓީގައި އުޅުމަށްފަހު މިހާރު އެމްޑީޕީގައި ހުރި މީހެކެވެ.

މި މައްސަލައިގައި ޙުކުމް އިއްވި މުޙައްމަދު ސަޢީދަކީ މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ ޕާޓީގެ މައި އޮފީސް (މ. ކުނޫޒު) ސަރަހައްދުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން، ޚަބަރު ކަވަރުކުރަން އުޅުނު ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ކެމެރާމަނަކަށް ބިރުދައްކައި އިންޒާރުދިން ކަމުގެ ތުހުމަތުގައި ފުލުހުންގެ ތަޙްޤީޤަށް ވެސް ހާޒިރުކުރި މީހެކެވެ.

އޭރު ފުލުހުން އޭނާއަށް ފޮނުވި ޗިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުނޫޒު ކައިރިން ޕީއެސްއެމްގެ ކެމެރާމަން ދަނިކޮށް ބަޔަކު އޭނާ ހިފަހައްޓައި ބިރުދެއްކުމަށްފަހު، ކެމެރާގައި ހުރި ވީޑިއޯތައް ފޮހެލުމަށް ވަނީ އިންޒާރުދީފައެވެ.

comment ކޮމެންޓް