މިދިޔަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ރެއާލް މެޑްރިޑާއި ވިލަރެއާލް ބައްދަލުކުރި މެޗުގައި، ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާއަށް ދެއްކި ރަތް ކާޑާއެކު އޭނާއަށް ހަތަރު މެޗުގެ ސަސްޕެންޝަނެއް އައިފަހުން ރެއާލް ކުޅުނު ތިންވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.
ރަސިންގް ސަންޓަންޑާގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅެ، ރެއާލުން މެޗު ކާމިޔާބުކޮށްފައިވަނީ 0-3 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ރެއާލުން ކާމިޔާބުކުރި ތިން ލަނޑުވެސް ފެނިފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރެއާލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ކިލިއަން އެމްބާޕޭއެވެ. މިއާއެކު ލީގުގައި އޭނާ ކާމިޔާބުކޮށްފައިވާ ލަނޑުގެ އަދަދު މިވަނީ 12 އަށް އަރާފައެވެ. މި ވަގުތު ލީގުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު އޭނާއަށް ލިބޭއިރު، 15 ލަނޑާއެކު އެއްވަނަ ލިބެނީ ބާސާގެ ކެޕްޓަން، ރަފީނިއާއަށެވެ. އަދި 10 ލަނޑާއެކު މިވަގުތު ތިންވަނައިގައި އޮތީ އެޓީމުގެ ޒުވާން ތަރި، ލަމީން ޔަމާލްއެވެ.
އޭގެ އެންމެ 10 މިނެޓު ފަހުން ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެޓީމާ ގުޅުނީންސުރެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންގަމްއެވެ. މިއީ ޒުވާން ތުރުކީ މިޑްފީލްޑަރު، އާރްދާ ގޫލާ ދިން ޕާހަކުން، ކީޕަރު ކައިރިންވެސް ނެއްޓުމަށްފަހު ހުސް ދާގަނޑެއް ތެރެއަށް ބޯޅަ ފޮނުވާޅައިގެން ބެލިންގަމް ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް މެޗުގައި ފެނުނު އެންމެ ތަފާތު، ހިތްގައިމު ލަނޑަކީ މެޗުގެ ތިންވަނަ ލަނޑުކަން ގައިމެވެ. ތިރީސް ހަވަނަ މިނެޓުގައި އާރްދާ ގޫލާ ނަގައިދިން ކޯނަރުން ޖޫޑް ބެލިންގަމް ފޮނުވާލަން މަސައްކަތްކުރި ޝޮޓު ބޮލުން ޖަހައި ޕެނަލްޓީ އޭރިއާއިން ބޭރުކޮށްލުމާއެކު ގޮސް ޖެހުނީ ޔެން ޑިއޮމަންޑޭ ހުރި ހިސާބާ ދުރު ނޫން ހިސާބަކަށެވެ. އިތުރު ޓަޗެއްވެސް ނެގުމެއްނެތި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ވާތް ފަޅިން މަތީ ކަނަށެވެ.
މެޗުގެ ދެވަނަ ހާފުގެ 45 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޖޫޑް ބެލިންގަމް އިތުރު ލަނޑެއް ޖެހި ނަމަވެސް ބޯޅަ ލިބުނުއިރު އޭނާ ހުރީ އޮފްސައިޑް މަގާމެއްގައެވެ.
ސްޕެނިޝް ލަލީގާ ގައި ރެއާލް މެޑްރިޑާއި ރަސިންގް ސަންޓެންޑާ ބައްދަލުކުރި މެޗުގެ ތެރެއިން--މުޅި މެޗުގައިވެސް މެޗުގެ ކޮމެންޓޭޓަރުން ތަކުރާރުކޮށް ދައްކަމުންދިޔަ އެއް ވާހަކައެއް އޮތެވެ. ވިނީގެ ސަސްޕެންޝަން ނިމެން ބާކީ އޮތީ އެންމެ މެޗެކެވެ. އެއަށްފަހު ކުޅޭނީ ކާކުބާއެވެ؟ މި ތިން މެޗުގައި ޑިއޮމަންޑޭ ދައްކަމުން މި އަންނަ ކުޅުމަށް ބަލާފައި ވިނީއަށް އަލުން ޓީމުން ފުރުސަތު ލިބިދާނެބާއެވެ؟ ނުވަތަ ޑިއޮމަންޑޭ ވަނީ އެ ޖާގަ މިލްކުކޮށްފައި ހެއްޔެވެ؟
ޑިއޮމަންޑޭގެ ކުޅުމާ ވިނީގެ ކުޅުމާ އަޅައިބަލާއިރު ފާހަގަވާ އެއް ކަމެއް ގައިމުވެސް އެބައޮތެވެ. ޑިއޮމަންޑޭގެ މަސައްކަތް، ހަމައެކަނި އެޓޭކިން ހާފަށް ނުހުއްޓެއެވެ. ޓީމަށް ބޭނުންވާ ދަނޑިވަޅުތަކުގައި ޑީފެންސްގެ އެންމެ ފުނަށް ގޮސް، ޑިފެންސްގައި ވެސް މޮޅު ކުޅުމެއް އޭނާ ދައްކައެވެ. ނަތީޖާއެއްގެ ގޮތުން ވާތް ފަޅިން ފަހަތަށް ކުޅޭ މާޚް ކުކުރެއާގެ މަސައްކަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބި، އޭނާ އެޓޭކަށް އަރަން ވެސް ފަސޭހަވެއެވެ. މިއީ ވިނީގެ ފަރާތުން ފެންނަ ކަމެއް ނޫނެވެ.
އެހެންކަމުން، ސަސްޕެންޝަނަށްފަހު ވިނީއަށް އަލުން ކުޅެން ފެށުމުން މޮރީނިއޯ އިޚްތިޔާރުކުރާނީ ކޮން ކުޅުންތެރިއެއްތޯ މިއީ ގިނަ ސަޕޯޓަރުންގެ ހިތުގައި މިހާރު އުފެދިފައިވާނެ އެންމެ ބޮޑު އެއް ސުވާލަށް ވާނެއެވެ.