އެމްޑީޕީ މެންބަރުންގެ ކަންބޮޑުވުން: ހޯމްސްކޫލިން ބިލާއެކު، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފުރުސަތުތައް ވާނީ ހަނި

މީކާއީލާއި މައުރޫފް: ހޯމްސްކޫލިން ބިލު ހުށަހެޅީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ސްކޫލަށް ގެންދިޔުން ހުއްޓުވަން ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ މޫސާ ނަދީމް

ހޯމްސްކޫލިންއާ ގުޅޭ އިސްލާހުތައް ތައުލީމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚަރަދުކުރަން ޖެހިދާނެތީ، އެ ކުދިން ސްކޫލުތަކަށް ގެންގޮސް ކިޔަވައިދިނުން ހުއްޓުވައިލުމަށް ކަމަށް، މައި އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.

ހޯމްސްކޫލިން ހިމެނޭހެން ތައުލީމާ ބެހޭ ގާނޫނަށް ސަރުކާރު ފަރާތުން ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޛާކިރު ވިދާޅުވީ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ބަޖެޓުގެ ދަތިކަން ކަމަށެވެ. ސްކޫލުތަކުން އިތުރު ހަރަކާތްތައް ސްޕޮންސަރުކުރަން މެންބަރުންނަށާއި ކުންފުނިތަކަށް ގުޅާކަން މަޢުރޫފް ފާހަގަކުރެއްވިއެވެ.

"ސްކޫލުގައި އިތުރު ހަރަކާތެއް ބޭއްވިޔަސް ކުޅިވަރު ހަރަކާތެއް ބޭއްވިޔަސް ސްކޫލެއްގެ އަހަރީ ދުވަސް އަޔަސް ވެސް އިނާމު ދިނުމުގެ ޖަލްސާއެއް އަޔަސް ވެސް ސްކޫލުތައް ޑިޕެންޑްވެފައި މި ވަނީ ބޭރުން ފަންޑު ހޯދައިގެން ބޮޑު ކުންފުންޏަކާ، އަޅުގަނޑަކަށް ނޭނގޭ އަޅުގަނޑުމެން ދޭ ބަޖެޓު ކޮންތާކަށް ކަމެއްކަން މި އަޅަނީކީ،" މަޢުރޫފް ވިދާޅުވިއެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޛާކިރު -- ފޮޓޯ: މަޖިލިސް

އެއާއެކު މަޢުރޫފް ވިދާޅުވީ މިހާރު ފެންނަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ މުދައްރިސުންނާއި އެ ކުދިންނަށް ކިޔަވައިދޭން ބޭނުންވާ ވަސީލަތްތައް ހަމަނުވާ މަންޒަރު ކަމަށެވެ.

"ކަންކަން ހަމަނުވާތީވެ މިހާރު އެ ކުދިން ސްކޫލުތަކަށް ގެންގޮސްގެން ކިޔަވައިދިނުމުގެ ބައި ހުއްޓުވައިލަންވެގެން މި ބަދަލު ގެންނަނީ ޚަރަދުކުރަން އިތުރަށް ޖެހިދާނެތީ، މި ޚަރަދު އިތުރަށް ސަލާމަތްކޮށްގެން އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާގެ ލާބައާއި މަންފާއަށާއި ޖާހާއި މަންސަބު އިތުރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ތައުލީމު ފުނޑައިލައިފައި [މި ކުރަނީ]،" އޭނާ ވިދާޅުވިއެވެ.

ގަލޮލު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވީ ސަރުކާރުގެ ފަރާތުން ތައުލީމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ އަމާޒަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހޯދައިދިނުން ނޫން ކަމަށެވެ.

ސެން ކްލާހެއްގެ ތެރެއިން: އެމްޑީޕީ މެންބަރުން ވަނީ، ހޯމްސްކޫލިން ބިލު ހުށަހެޅީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ސްކޫލަށް ގެންދިޔުން ހުއްޓުވަން ކަމަށް ތުހުމަތުކުރައްވައިފައި -- ފޮޓޯ/ ބީއެމްއެލް

"މި ބިލުގެ އަމާޒު އަޅުގަނޑުމެންނަށް ސާފުވާން އެބަޖެހޭ، މި ބިލުގެ އަމާޒަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހޯދައިދިނުން ނޫންކަން އަޅުގަނޑުމެންނަށް ފެންނަނީ އިއްޒަތްތެރި ރައީސް، މި ބިލުގައި ޝަރުތުތަކުގެ ތެރޭގައި އެބަ އޮވޭ، ސަރުކާރުން ކަނޑައަޅާ ގޮތަކަށް، އިއްޒަތްތެރި ރައީސް، ކޮބައިތޯ އެ ކަނޑަޅާ ގޮތަކީ، ކޮބައިތޯ މިންގަނޑަކީ، ކޮބައިތޯ އަސާސަކީ، ކޮބައިތޯ ޝަރުތަކީ؟" މީކާއީލް ސުވާލު އުފެއްދެވިއެވެ.

ތައުލީމާ ބެހޭ ގާނޫނުގައި މިހާރު އޮންނަނީ ދަރިވަރުގެ ހާލަތު ހުންނަ ގޮތުން ސްކޫލަށް ހާޒިރުވުމަށް ނުކުޅެދޭ ކުދިންނަށް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެ މަތިން އިސްތިސްނާއެއް ދިނުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.

އެ ގާނޫނުގައިވާ ގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ތައުލީމު ލާޒިމްވާނެއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް --- ފޮޓޯ: މަޖިލިސް

ހަމަ އެހެންމެ އެ އުމުރުގެ ކޮންމެ ކުއްޖަކު، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކަނޑައަޅާފައިވާ ޕްރީސްކޫލް ތައުލީމުން ފެށިގެން ސާނަވީ ތައުލީމުގެ ނިޔަލަށް ތައުލީމު ހާސިލުކުރުމަށް ސްކޫލަށް ފޮނުވައި، އެ ކުއްޖެއްގެ އުމުރަށް ކަނޑައެޅިފައިވާ ތައުލީމީ ނިޒާމުގެ މަރުޙަލާގައި ބައިވެރިކުރުން ބެލެނިވެރިޔާގެ މައްޗަށް ލާޒިމުވާނެ ކަމަށް ވެސް ގާނޫނުގައިވެއެވެ.

ނަމަވެސް އަނާރާ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލްކުރަން ނުވަތަ ހޯމްސްކޫލިން ޕްރޮގްރާމުގެ ދަށުން ތައުލީމު ހާސިލުކުރަން ނުކުޅެދޭ ކުދިންނަކީ މަޖުބޫރު ތައުލީމު ލާޒިމުވާނެ ކުދިންނެއް ނޫނެވެ.

އެ މާއްދާގައި އެހެން އޮތް ނަމަވެސް ކުދިންގެ ނުކުޅެދުންތެރިކަމާ އެކަށޭނަ ގޮތަކަށް ކުދިންނަށް އުނގަންނައިދިނުމަށް ބެލެނިވެރިން މަސައްކަތްކުރަން ޖެހޭނެ ކަމަށް އަނާރާ ހުށަހެޅުއްވި އިސްލާހުގައި ވެއެވެ.

ހަމަ އެހެންމެ ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ބަލައި ސްކޫލަށް ކޮންމެހެން ގެންދަން ނުޖެހޭނެ ކަމަށް ކަނޑައެޅުމުގައި ރިއާޔަތްކުރާނެ މިންގަނޑުތަކެއް ތައުލީމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވައިލަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް