ބީއެމްއެލް ގޭޓްވޭއާއެކު، ވިޔަފާރިތަކަށް ދަތިކަމެއްނެތި ބޭރުގެ ޑޮލަރު މުއާމަލާތްތައް ކުރެވޭނެ: މިނިސްޓްރީ

މީހަކު ބީއެމްއެލް ކާޑެއް ބޭނުންކުރަނީ: ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތްކުރުމަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި -- ފޮޓޯ/ ބީއެމްއެލް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަނެވޭ ގޮތް ހެދުމާއެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރި (ކުމެވި)ތަކަށް ބޭރުގެ މުއާމަލާތްތަކައް ދަތިކަމެއްނެތި ކުރެވޭނެ ކަމަށް އިގުތިޞާދީ ތަރައްގީއާބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

ބީއެމްއެލް ގޭޓްވޭއިން ޑޮލަރު ޕޭމަންޓުތައް ބަލައިގަންނަން ފެށުމާ ގުޅޭގޮތުން އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި މި ޚިދުމަތް ފެށުން ސިފަކޮށްފައިވަނީ، ދިވެހި ވިޔަފާރިތަކުގެ ތަރައްގީއަށް އެޅުނު ތާރީޚީ އަދި މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ.

މި ޚިދުމަތުގެ ސަބަބުން، ވިޔަފާރިތަކަށް ލިބޭ ޑޮލަރު ޖަމާކޮށްދޭ އެކައުންޓަށް ދޫކުރެވޭ ޔޫއެސް ޑޮލަރު ޑެބިޓް ކާޑު މެދުވެރިކޮށް، ވިޔަފާރީގެ ކުރިއެރުމަށް ބޭނުންވާ އެކި ސަބްސްކްރިޕްޝަންތަކުގެ އިތުރުން ބޭރުގެ އެހެނިހެން މުއާމަލާތްތަކަށް އެއްވެސް ދަތިކަމަކާ ނުލާ، ފަސޭހަކަމާއެކު ފައިސާ ދެއްކޭނެކަމުގެ ޔަގީންކަން ވުޒާރާއިން ވަނީ ދީފައެވެ. އެއީ ދިވެހި އުފެއްދުންތެރިކަމުގެ ދާއިރާއިން ބައިނަލްއަޤްވާމީ ޑިޖިޓަލް އިގުތިޞާދުގައި ފައިތިލަ ސާބިތުކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ޚިދުމަތުގެ މައިގަނޑު މަގުސަދުގެ ގޮތުގައި އިގުތިޞާދީ ތަރައްގީއާބެހޭ ވުޒާރާއިން ފާހަގަކޮށްފައިވަނީ، ބައިނަލްއަޤްވާމީ މާކެޓުތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ދިވެހި ކުމެވިތަކަށް ބޭނުންވާ ބޭރު ފައިސާ، ސީދާ އެ ފަރާތްތަކަށް ލިބޭނެ ފަހި މަގެއް ގާއިމުކޮށްދިނުމެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ލިބޭ، ބީއެމްއެލްގެ ޕޭމަންޓު ގޭޓްވޭގެ ޚިދުމަތަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެއެވެ.

https://sun.mv/229910

މި ފުރުސަތު ހުޅުވާލަމުން ބީއެމްއެލްއިން ބުނެފައިވަނީ އިއްޔެއިން ފެށިގެން އެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ޕޯޓަލް މެދުވެރިކޮށް ހުޅުވާލާ ކަމަށެވެ. އަދި ބީސީސީ މެދުވެރިކޮށް ރިފަރަލް ލިބުމުން ބޭންކުން އެ ވިޔަފާރިއަކާ ގުޅައި ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެއެވެ.

އެ މަސައްކަތްތައް ނިމުމުން ކަސްޓަމަރުންގެ އެކައުންޓާއި ޕޭމަންޓު ގޭޓްވޭ ގުޅައިލައިދެވޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.

comment ކޮމެންޓް