ސަން ޕޯލް: މެންބަރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންނަށް ކުރާ ޚަރަދު ދެއްކި ނަމަވެސް ގިނަ ރައްޔިތުން ދެކެނީ އެއީ "ރިޝްވަތު" ކަމަށް

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން ދާއިރާގެ ރައްޔިތުންގެ ވަކިވަކި ބޭނުންތަކަށް ޚަރަދުކުރުމަކީ ރިޝްވަތު ދިނުމާއި ވޯޓު ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައި ޢާންމުންގެ އަޣުލަބިއްޔަތުން ދެކޭކަން "ސަން އޮންލައިން"ގެ ޚިޔާލު ހޯދުމުގެ ޕޯލުން ހާމަވެއްޖެއެވެ.

މަޖިލިސް މެންބަރުންނާއި ދައުލަތުގެ ބައެއް އިސް މަޤާމުތަކުގެ މުސާރަ ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރުމާ ގުޅިގެން ހޫނު ބަހުސެއް އުފެދިފައިވުމާއެކު ކުރިއަށްގެންދިޔަ މި ޕޯލްގައި ވޯޓުދިން މީހުންގެ 53.5 އިންސައްތަ މީހުން ބުނެފައިވަނީ، މެންބަރުން އެ މީހުންގެ މުސާރައިން ރައްޔިތުންނަށް ފައިސާ ޚަރަދުކުރުމަކީ ސީދާ ރިޝްވަތުގެ އަމަލެއް ކަމަށެވެ.

އަދި އާންމު ޚިދުމަތްތައް ރަނގަޅުކުރުމުގެ ބަދަލުގައި ވަކިވަކި ފަރުދުންނަށް ޚަރަދުކުރުމަށް ތާއީދުނުކުރާކަން ނަތީޖާއިން ދައްކާއިރު، މިފަދަ ކަންކަމަށް ޓަކައި މެންބަރުންގެ މުސާރަ ބޮޑުކުރަން ޖެހޭނެ ކަމަށް ބުނީ އެންމެ 2.6 އިންސައްތަ މީހުންނެވެ. އަދި އެއީ ރައްޔިތުންނަށް ދޭ ޚިދުމަތެއްގެ ގޮތުގައި ދެކެނީ ވޯޓުލީ މީހުންގެ އެންމެ 3.3 އިންސައްތައެވެ.

މި ބަހުސް ބޮޑުވެގެން ދިޔައީ، ރާއްޖޭގެ މެންބަރުންނަށް ލިބޭ މުސާރައަކީ އެވްރެޖް އާމްދަނީއަށް ވުރެ ހަތް ގުނަ ބޮޑު އަދަދެއް ކަމަށް ދައްކާ ޗާޓަކާ ގުޅިގެން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. މެންބަރުންގެ މުސާރަ ދިފާޢުކުރައްވައި އަޒާން ވިދާޅުވީ، ކުދި އާބާދީތައް އޮންނަ ރާއްޖޭގައި މެންބަރުން އަމިއްލަ ޖީބުން ރައްޔިތުންގެ ވަކިވަކި ބޭނުންތަކަށާއި، ރަށު ފެންވަރުގެ އެކި ހަރަކާތްތަކަށް ސްޕޮންސާ ދިނުން ފަދަ ބޮޑެތި ޚަރަދުތައް ކުރަންޖެހޭ ކަމަށެވެ. އަދި ރައްޔިތުން މާލީ އެހީއަށް އެދުމުން "ނޫނެކޭ" ބުނުމަކީ އުނދަގޫ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، އަޒާންގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ކުރީގެ ބަންޑާރަނައިބު ޑރ. އަޙްމަދު ޢަލީ ސަވާދު ވިދާޅުވީ، މެންބަރުންގެ މުސާރައަކީ ދާއިރާގެ ރައްޔިތުންނަށް ބަހަން ދޭ އެއްޗެއް ނޫން ކަމަށާއި އެއީ މެންބަރުގެ މަސައްކަތުގެ އުޖޫރަ ކަމަށެވެ. މުސާރައިން ބާކީވާ ފައިސާ ދާއިރާގެ މީހުންނަށް ބެހުމަކީ ވޯޓު ހޯދަން ދޭ ރިޝްވަތެއް ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ އެހީތައް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ދައުލަތުން ލިބެންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މެންބަރުން ކައިރިއަށް ރައްޔިތުން ސަލާންޖަހަން ދާންޖެހެނީ މެންބަރުންނަށް އެބޭފުޅުންގެ ދުސްތޫރީ ޒިންމާ އަދާނުކުރެވޭތީ ކަމަށްވެސް ސަވާދު ފާހަގަކުރެއްވިއެވެ.

ޕޯލްގެ ނަތީޖާއިންނާއި ސޯޝަލް މީޑިއާގައި ޢާންމުން ފާޅުކުރި ޚިޔާލުތަކުން އެނގޭ ގޮތުގައި، ޢާންމު ރައްޔިތުން އެދެނީ ވަކިވަކި މީހުންނަށް ކުދިކުދި މާލީ އެހީ ދީގެން ސަލާންޖެހުމުގެ ސަގާފަތެއް ދެމެހެއްޓުމުގެ ބަދަލުގައި، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުވާނެ ފަދަ އިޞްލާޙީ ޤާނޫނުތައް ހަދައި، ޤައުމީ ފެންވަރުގައި ޚިދުމަތްތައް ހަރުދަނާކޮށްދިނުމެވެ. އަދި އިޤްތިޞާދީ ގޮތުން ދަތި މި ދަނޑިވަޅުގައި، މެންބަރުންގެ މުސާރަ އިތުރަށް ބޮޑުކުރުމަކީ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫންކަން މި ނަތީޖާއިން ވަރަށް ބޮޑަށް ސާފުވެއެވެ.

comment ކޮމެންޓް