ޗައިނާގެ ވަންޕްލަސް ކުންފުނިން އަލަށް ނެރުމަށް ތައްޔާރުވަމުންދާ "ވަންޕްލަސް 16ޓީ" ސްމާޓްފޯނުގައި 200 މެގަޕިކްސެލްގެ ދެ ކެމެރާ ހިމެނޭނެ ކަމަށް ލީކުވެފައިވާ މައުލޫމާތުތަކުން ހާމަވެއްޖެއެވެ.
ޗައިނާގެ ޓެކް ލީކްސް ހާމަކުރާ މަޝްހޫރު ފަރާތެއް ކަމަށްވާ "ޑިޖިޓަލް ޗެޓް ސްޓޭޝަން" އާ ހަވާލާދީ އާންމުވެފައިވާ މައުލޫމާތުތަކުގައިވާ ގޮތުން، މި ފޯނުގެ ފަހަތުގައި އޯއައިއެސް (އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒޭޝަން) އެކުލެވޭ 200 މެގަޕިކްސެލްގެ މެއިން ކެމެރާއެއްގެ އިތުރުން 200 މެގަޕިކްސެލްގެ ޕެރިސްކޯޕް ޓެލެފޮޓޯ ކެމެރާއެއް ހިމެނޭނެއެވެ.
ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވަންޕްލަސް 16ޓީ ގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މީޑިއާޓެކްގެ 3 ނެނޯމީޓަރުގެ "ޑިމެންސިޓީ 9600އެމް" ޗިޕްސެޓެކެވެ. މީގެއިތުރުން މި ފޯނުގައި 6.35 އިންޗީގެ 1.5ކޭ ރިޒޮލިއުޝަން އަދި 120Hz ރިފްރެޝް ރޭޓް ސަޕޯޓްކުރާ ފްލެޓް އެލްޓީޕީއޯ އޯއެލްއީޑީ ޑިސްޕްލޭއެއް ހިމެނޭނެ ކަމަށް ވަނީ ބުނެފައެވެ.
މި ފޯނުގެ އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެެވެނީ ކެމެރާ ސިސްޓަމެވެ. އެގޮތުން ފޯނުގެ ފަހަތުގައި އޯއައިއެސް (އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒޭޝަން) އެކުލެވޭ 200 މެގަޕިކްސެލްގެ މެއިން ކެމެރާއަކާއި 200 މެގަޕިކްސެލްގެ ޕެރިސްކޯޕް ޓެލެފޮޓޯ ކެމެރާއެއް ހިމެނޭނެއެވެ. މިއީ 50 މެގަޕިކްސެލްގެ ދެ ކެމެރާ ހިމެނޭ ވަންޕްލަސް 15ޓީ އަށް ވުރެ ބޮޑު ކުރިއެރުމެކެވެ.
މެޓަލް ފްރޭމަކާއެކު 9 މިލިމީޓަރަށް ވުރެ ތުނިކޮށް ފަރުމާކުރެވޭ މި ފޯނަކީ އައިޕީ69 ވޯޓާ އަދި ޑަސްޓް ރެސިސްޓެންޓް ފޯނެކެވެ. އެންޑްރޮއިޑް 17 އޮޕަރޭޓިން ސިސްޓަމް ހިމެނޭ މި ފޯނުގައި 7،000 މިލީއެމްޕަޔާ ނުވަތަ އެއަށްވުރެ ބޮޑު ބެޓެރިއެއް ހިމެނޭނެ ކަމަށް ބެލެވޭއިރު، މިއަށް 80 ވޮޓްގެ ވަޔާޑް ފާސްޓް ޗާޖިން ސަޕޯޓްކުރާނެއެވެ.
ވަންޕްލަސްއިން މި ފޯނާ ބެހޭ ގޮތުން ރަސްމީކޮށް އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، އޮޕޯއިން ނެރުމަށް ހަމަޖެހިފައިވާ ކޮމްޕެކްޓް ފޯނެއް ބައިނަލްއަގުވާމީ ބާޒާރުގައި ނެރޭނީ ވަންޕްލަސް 16ޓީ ގެ ނަމުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.