ރިވެލި ބީޗް ރެސްޓޯރެންޓު އަތުލުން ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި

ސިވިލް ކޯޓު: ރިވެލި ބީޗް ރެސްޓޯރެންޓު އަތުލުން ހުއްޓުވަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރިވެލި ބީޗް ރެސްޓޯރެންޓު އަތުލުން ހުއްޓުވުމަށް ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފިއެވެ.

ކުލި ނުދެއްކުމުގެ ސަބަބުން ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް ހުޅުމާލޭގައި ހިންގަމުން އަންނަ ރިވެލި ރެސްޓޯރެންޓު ހިންގާ ބިން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ނަގާފައިވާ ކަމަށް އިއްޔެ އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެހެންކަމުން އިއްޔެއިން ފެށިގެން ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑަށް އެ ބިމުގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް އަދި ޚިދުމަތެއް ވެސް ނުދެވޭނެ ކަަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

https://sun.mv/229979

މިކަމާ ގުޅިގެން ސިވިލް ކޯޓުން އިއްޔެ ނެރެފައިވާ ވަގުތީ އަމުރެއްގައި ވަނީ، ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑާއި އެޗްޑީސީއާ ދެމެދު ވެފައިވާ ކުލީ އެއްބަސްވުމާ ގުޅިގެން، ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމްވެފައި އޮތް ކަމަށެވެ.

އެހެންކަމުން ވަގުތީ އަމުރެއް ނުނުރެފިނަމަ ޝަރީއަތުގައި ކުރިއަށްދާ މައްސަލައިގައި ޝަރީއަތުން ގޮތް ކަނޑައެޅުމުގެ ކުރިން ދެ ފަރާތުން އެދިފައިވާ ކަންކަމުގެ 'ފާއިލިއްޔަތު' ގެއްލިގެން ހިނގައިދާނެތީ، ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑަކީ މިވަގުތު އަމުރަށް އެދުމުގެ ހައިސިއްޔަތު ގާނޫނީ ގޮތުން ލިބިގެންވާ ފަރާތަކަށްވުމުން، ސުޕްރީމް ކޯޓާއި އޭސީސީގެ އިތުރުން ހައިކޯޓުގެ ގަޒިއްޔާތަކަށް ރިއާޔަތްކޮށް، "އެ ޚުޞޫމާތުގެ ސްޓޭޓްކޯ ދަމަހައްޓަންޖެހޭ" ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.

އެހެންކަމުން އެކަން ތަންފީޒުކުރުން މަޑުޖައްސާލުމަށާއި އެޗްޑީސީއިން ނިންމާފައިވާ ނިންމުންތައް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް 'ރިވެލި ބީޗް ކުލަބް އެންޑް ރެސްޓޯރެންޓް' ގެ ހިންގުން ހުއްޓޭނެ އެއްވެސް އަމަލެއް ނުކުރުމަށާއި އެފަދަ އަމަލެއް ކޮށްފައިވާނަމަ އެކަން އިއާދަކުރުމަށް އެޗްޑީސީއަށް އެ ކޯޓުން ވަނީ އަންގައި އަމުރުކޮށްފައެވެ.

އެޗްޑީސީއިން ބުނީ އެ ނިންމުމަކީ އާންމުންނަށް ޚިދުމަތް ދިނުމަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށްފަހު ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެ ކޯޕަރޭޝަނުގެ އަމާޒަކީ ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ވީހާވެސް ފަހި ފުރުސަތުތަކެއް އަބަދުވެސް ފަހިކޮށްދިނުން ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް