އަންހެނެއްގެ ޖީއެން ސައިކަލު ވަގަށް ނަގައި، ގެއްލުންދިން މީހަކު ޖަލަށް

ހ. . އަނަސަމް، ލުޤުމާން އިސްމާޢީލް

އަންހެނެއްގެ ޖީއެން ސައިކަލު ވަގަށް ނަގައި، އެ ސައިކަލަށް އެކިވަރުގެ ގެއްލުންތައް ދީ ސިފަ ބަދަލުކުރި މައްސަލައިގައި ފިރިހެނެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ޖަލަށްލުމަށާއި ގެއްލުމުގެ ބަދަލު ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ދައުވާކުރީ ކ. މާލެ، ހ. އަނަސަމް، ލުގުމާން އިސްމާޢީލްގެ މައްޗަށެވެ.

މި މައްސަލައަކީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު މާލޭ މިރިޔާސްމަގުގައި ހުންނަ އަލްސަބާޔާ އަތަރު ފިހާރަ ކުރިމަތީގައި ޕާކްކޮށްފައި ހުއްޓާ އަންހެނެއްގެ ޖީއެން ސައިކަލެއް ގެއްލުނު މައްސަލައެކެވެ. އެ ސައިކަލު ގެއްލިފައި ވަނިކޮށް ފެނިފައިވަނީ ޖެހިގެން އައި ޖުލައި މަހުގެ އަށް ވަނަ ދުވަހުގެ ރޭދަންވަރު، ލުގުމާން އެ ސައިކަލު ދުއްވާފައި ގޮސް ޖަނަވަރީމަގާއި ލޮނުޒިޔާރަތްމަގު ގުޅުނު ކަންމަތީގައި ޕާކްކުރަނިކޮށެވެ.

ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި، ސައިކަލު ފެނުނުއިރު އޭގެ އަސްލު އޮޅުވާލުމަށާއި އެކި ބައިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެގޮތުން ކުރީ ނަންބަރު ބޯޑުގެ އަކުރުތަކަށް ބަދަލު ގެނެސް، ފަހަތު ނަންބަރު ބޯޑު މަތީގައި އެހެން ނަންބަރު ބޯޑެއް ތަތްކޮށްފައިވެއެވެ. އަދި ސައިކަލުގެ ފިއުލް ލޮކާއި، ހުންގާނު ލޮކާއި، ޓޭންކް ލޮކް އަދި ސްޓާޓް ލޮކް ހަލާކުކޮށްލުމުގެ އިތުރުން، ކުރިން ހުރި ރަތް ކުލައިގެ ކަވަރުތައް ނައްޓައި ކަޅު ކަވަރު އަޅުވައި، ސައިޑް ލޯގަނޑު ބަދަލުކޮށް، މީޓަރު ބޯޑު ތަޅާލައި، ބްރޭކް ޕެޑްވެސް ވަނީ ހަލާކުކޮށްލާފައެވެ.

މި ހާދިސާއާ ގުޅިގެން ދައުލަތުން ލުގުމާންގެ މައްޗަށް އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި، މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާއެވެ.

ޝަރީޢަތުގެ މަޖިލީހުގައި މި ދެ ދައުވާއަށް ވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ. ނަމަވެސް މަގުމަތިން ފެނުނު ތަޅުދަނޑިއަކުން އެ ސައިކަލު ހުޅުވޭތޯ ބެލިއިރު ހުޅުވުމުން ސައިކަލު ގެންދިޔަ ކަމަށާއި، ސައިކަލުގެ ބައެއް ބައިތަކާއި ނަންބަރު ބޯޑު ވެސް ބަދަލުކުރި ކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާގެ އިއުތިރާފުން މައްސަލަތައް އަވަސްނިޔާއިން ސާބިތުވެ، ކްރިމިނަލް ކޯޓުގެ ގާޟީ ޢަލީ ނަދީމް ކުރެއްވި ހުކުމުގައި ވަނީ، ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގައި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައި، ތަހުގީގު މަރުހަލާގައި ބަންދުގައި ހޭދަކުރި 16 ދުވަސް ކެނޑުމަށްފަހު، ތަންފީޒު ކުރަންޖެހޭ އަދަބަކީ ނުވަ މަހާއި ދެ ދުވަހުގެ ޖަލު ބަންދެއް ކަމަށެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި ގާނޫނުލްޢުގޫބާތުގެ ދަށުން އަދަބު ކުޑަކުރުމަށްފަހު، 18 ދުވަހުގެ ޖަލު ހުކުމެއް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ގެއްލުމުގެ ބަދަލު ދިނުމަށް ހުކުމުގައިވެއެވެ. އެ ގޮތުން ސައިކަލަށް ދިން ގެއްލުމުގެ ބަދަލުގެ ގޮތުގައި 3,267 ރުފިޔާ، ހުކުމް ކުރި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ލުގުމާންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި ލުގުމާންގެ މައްޗަށް ހުކުމް އައިއިރު، އޭނާއަކީ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި ފުލުހުން ކުރިން ހޯދި މީހެކެވެ. އަދި ރެސްޓޯރަންޓެއްގައި ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ ވެސް ކޮށްފައިވެއެވެ.

comment ކޮމެންޓް