ނަސްރުގެ ދުވަސް ހަނދާންކޮށްދެނީ، ގައުމީ މަސްހަތަށް އިސްކަންދީ، އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތް ކުރަން ޖެހޭކަން ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރު ވާހަކަދައްކަވަން ފެއްޓެވީ، ގައުމުގެ ދިފާއުގައި ނޮވެންބަރު ތިނެއްގައި މަސައްކަތް ކުރެއްވި އެންމެންނަށް ވަކިވަކިން ޝުކުރު އަދާކުރައްވަމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ގައުމީ ދިދަ މިނިވަންކަމާއެކު، މިއަދު ވިހުރެމުން އެ ދަނީ އެ ދުވަހު ދިވެހި ސިފައިން ލެޔާއި ފުރާނާއިންވެފައިވާ ގުރުބާނީގެ ސަބަބުންނެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އަރިހުގައި ޑިފެންސް މިނިސްޓަރު [ވ] ---- ފޮޓޯ/ރައީސް އޮފީސް ދުނިޔޭގެ ސަލާމަތީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވަމުން ހަސަން ވިދާޅުވީ، އެކި ގައުމުތަކަށް ކުރިމަތިލާން ޖެހޭ ނުރައްކާތައް ވަރަށް ގިނަ ކަމަށެވެ. އެކަމަކު، ރާއްޖެއަކީ މި ސަރަހައްދުގައި އޮތް އެންމެ ޒަމާންވީ މިނިވަން ދައުލަތް ކަމަށް ދިވެހީން ގަބޫލުކުރަން ޖެހޭ ކަމަށާއި އެ މިނިވަންކަމުގެ ސިއްރަކީ ދިވެހީން އިސްލާމް ދީނުގެ ހިދާޔަތުގައި ދެމިތިބުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ ފަޚުރުވެރި ނަސްރުގެ ދުވަސް ދިވެހީންނަށް ހަނދާން އާކޮށްދެނީ މާޒީގައި ދިވެހި ކާބަފައިން ދައްކައިދިން މަތިވެރި ނަމޫނާއާ އެއްގޮތަށް ގައުމީ މަސްލަހަތަށް އިސްކަންދޭން ޖެހޭކަން. އެއްވެސް ބާރެއްގެ ބަނޑު ދަށުގައި އޮތުމުގެ ބަދަލުގައި މަސައްކަތްކުރަން ޖެހޭނީ އަމިއްލަ ފައިމައްޗަށް ތެދުވަންކަން،" މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްވަމުން މިނިސްޓަރު ވިދާޅުވީ، އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަނީ، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ބޭރުގެ ބަޔަކަށް ބަރޯސާ ނުވެ ދިވެހީން އަމިއްލައަށް ބެލެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކަމަށެވެ.
ނޮވެންބަރު ތިނެއްގައި ދިވެހި ސިފައިން ގައުމަށް ދެއްކި ނަމޫނާއިން ޒުވާނުން އިބުރަތް ހާސިލުކުރަން ޖެހޭ ކަމަށާއި އެ ބޭފުޅުންގެ ޒިކުރާ އާކުރަން ޖެހޭކަން ހަސަން ރަޝީދު ފާހަގަކުރެއްވިއެވެ. އަދި، މިނިސްޓަރު ވަނީ އެ ދުވަހު ޝަހީދުވި ސިފައިންނަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުއާކުރައްވާފައެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ، ދިވެހީންތަކެއް، ލަންކާގެ ކުލީ ސިފައިންތަކަކާ ގުޅިގެން ނޮވެންބަރު ތިނެއް، 1988ގައި ދިން އުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލައި އެ މީހުންގެ މައްޗަށް ނަސްރު ހޯދުން ހަނދާންއާ ކުރުމުގެ ގޮތުންނެވެ. އެ ހަމަލާގައި ދިވެހި އަށް ސިފައިންނާއި، އާންމުންގެ ތެރެއިން 11 މީހަކު ޝަހީދުކޮށްފައިވެއެވެ.