ގޫގުލްއިން ޔޫޓިއުބްގެ ސޯޝަލް ފީޗާތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، ވަކި ސޯޝަލް ނެޓްވޯކިން އެޕެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ "އެންޑްރޮއިޑް އޮތޯރިޓީ" އިން އެންޑްރޮއިޑް ފޯނުތަކަށް ޚާއްޞަ ޔޫޓިއުބް އެޕްލިކޭޝަންގެ އެންމެ ފަހުގެ އަޕްޑޭޓް ދިރާސާކުރުމުގެ ތެރޭގައި، "ޓަމްބާ"ގެ ނަމުން ނަންދީފައިވާ ޕްރޮޖެކްޓަކާ ގުޅޭ ގިނަ ކޯޑުތަކަކާއި ވިޝުއަލް އެސެޓްތަކެއް ވަނީ ހޯދާފައެވެ. މިގޮތުން ޔޫޓިއުބްގެ އާންމު ލޯގޯއާ ތަފާތު، ބަދަލުތަކެއް ގެނެސްފައިވާ ލޯގޯއެއްވެސް މި ކޯޑުތަކުގެ ތެރެއިން ފެނިފައިވެއެވެ.
އެންޑްރޮއިޑް އޮތޯރިޓީގެ ރިޕޯޓުގައިވާ ގޮތުން، "ޓަމްބާ" ގެ ކޯޑުތަކުގެ ތެރޭގައި ޕްރައިވެޓް މެސެޖު ކުރުމާއި، ގްރޫޕް ޗެޓް، "ހާޓްސް" ނުވަތަ ލައިކް ދިނުން، އަދި ފޮލޯވަރުންގެ ރިކުއެސްޓް ފޮނުވުން ފަދަ ސޯޝަލް މީޑިއާ އެޕްތަކުގައި ހުންނަ މުހިންމު ފީޗާތަކާ ގުޅޭ ކޯޑު ސްޓްރިންގްތައް ހިމެނެއެވެ. މިއީ ޔޫޓިއުބަށް ޚާއްޞަ ސޯޝަލް ނެޓްވޯކެއް ބިނާކުރުމަށް ގޫގުލްއިން ކުރަމުންދާ މަސައްކަތެއްކަން މިއިން ދޭހަވެއެވެ.
މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް މެޝަބަލް އިން ގޫގުލްއަށް ގުޅާފައިވީ ނަމަވެސް، އަދި އެ ކުންފުނިން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ނަމަވެސް، މިއީ މުޅިން ވަކި އެޕްލިކޭޝަނެއްގެ ގޮތުގައި ނެރޭނެ އެޕެއް ކަމެއް ނުވަތަ ޔޫޓިއުބް އެޕްގެ ތެރޭގައި ސޯޝަލް ފީޗާތައް ޓެސްޓުކުރުމަށް ބޭނުންކުރާ ވަސީލަތެއް ކަމެއް އަދި ސާފެއް ނުވެއެވެ. އަދި މިއީ އާންމުންނާ ހަމައަށް ތަޢާރަފުނުކޮށް ދޫކޮށްލުމުގެ ފުރުޞަތުވެސް އޮތް ޕްރޮޖެކްޓެކެވެ.
ފާއިތުވި އަހަރުގެ ތެރޭގައި ޔޫޓިއުބް އެޕްލިކޭޝަނަށް ޑައިރެކްޓް މެސެޖިން ފަދަ ބައެއް ސޯޝަލް ފީޗާތައް އިތުރުކުރަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.
މި ޕްރޮޖެކްޓަށް ދީފައިވާ "ޓަމްބާ" ގެ ނަމަކީ ކަންސާސް ސިޓީ ޗީފްސްގެ މަޝްހޫރު ކުޅުންތެރިޔާ ޓަމްބާ ހާލީއަށް ނިސްބަތްކޮށް ދީފައިވާ ނަމެއް ކަމަށްވެސް ވެދާނެއެވެ.