ވ. އަތޮޅަށް ފީނަން ގޮސް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް މަރުވި ގައުމީ ދިފާއީ ބާރުގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ހަނދާނުގައި، އިޓަލީ ސަރުކާރުން ހިތްވަރުގަދަކަމަށް ދޭ އެންމެ ޝަރަފު އަރުވައިފިއެވެ.
އެ ޝަރަފު މަހުދީއަށް އެރުވީ،ރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި، އެ ގައުމުގެ 80ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ހޮޓެލް ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މަހުދީގެ އާއިލާއަށް "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އަރުވައިފައިވަނީ، އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗް އާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.
މަހުދީ މަރުވީ މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު ކަނޑުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް، މޭ 16 ވަނަ ދުވަހުއެވެ.
ތަޖުރިބާކާރު ޑައިވަރެއް ކަމަށްވާ މަހުދީ މަރުވީ، ޑީކޮމްޕްރެޝަން ސިކްނެސްއާ ގުޅުންހުރި ސިއްހީ މައްސަލަތަކެއް ދިމާވެގެންނެވެ.
ޖުމުލަ ހަ މީހުންގެ ފުރާނަ ގެއްލުނު މި ހާދިސާގައި މަރުވި ފަސް ފަތުރުވެރިންގެ ހަށިގަނޑު ފަހުން ވަނީ ކަނޑުއަޑީގެ ހޮހަޅައިގެ ތެރެއިން ނަގާފައެވެ.