ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ޝާހިދު ހައްޔަރު ކުރި މައްސަލަ ހައިކޯޓަށް

ޝާހިދު: ހައްޔަރު ކުރި މައްސަލަވަނީ އިސްތިއުނާފު ކޮށްފައި --- ފޮޓޯ/ އެމްޑީޕީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަންދު ކުރި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޝާހިދުގެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކަނީ އިއްޔެއެވެ. އެ މައްސަލަ ހައިކޯޓަށް ބަލައިގަތް ކަމެއް އަދި ސާފެއް ނުވެއެވެ.

ފުލުހުން މިދިޔަ ހޯމަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ރޭ އޭނާ ވަނީ ދޫނިދޫ ޖަލަށް ގެންގޮސްފައެވެ. އަދި ފަހުން އޭނާގެ މައްޗަށް 30 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހައިފައެވެ.

ޝާހިދު ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ އެއީ ޝަޚުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކެއް ކަމަށާއި އެއީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ޝާހިދަކީ ޚާރިޖީ ސިޔާސަތާއި، ގާނޫނު ހަދާ މަޖިލީހުގެ ހިންގުމާއި، ބައިނަލްއަގްވާމީ ލީޑާޝިޕްގެ ދާއިރާއިން 40 އަށްވުރެ ދިގު މުއްދަތުގެ ކާމިޔާބު ޚިދުމަތްތަކެއް ކުރައްވާފައިވާ ދިވެހިރާއްޖޭގެ ފާހަގަކޮށްލެވޭ ސިޔާސީ ބޭފުޅެކެވެ. އޭނާ ހައްޔަރުކޮށްފައި މިވަނީ މިހާރު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް