ރޭ ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގު މެޗުތަކުގައި، މިހާތަނަށް އައި އިރު ސައްތައިގެ ރެކޯޑު ދަމަހައްޓަމުން އައި ޓީމުތަކުގެ ތެރެއިން ރެއާލް ބެޓިސް އާއި ލިވަޕޫލް ބަލިވުމުން، ތާވަލުގެ ދެވަނަ، ރެއާލް މެޑްރިޑަށް ލިބިއްޖެއެވެ.
އެތެންސްގެ ދަނޑުގައި ރޭ އެ ޓީމާ ދެކޮޅަށް ރެއާލް މެޑްރިޑު ކުޅުނު މެޗު، އެޓީމުން ކާމިޔާބުކޮށްފައިވަނީ 2-3 ގެ ނަތީޖާއިންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި، ލީޑު ނެގީ އެތެންސުން ނަމަވެސް، ރެއާލުން ވަނީ އެންމެ ފަހު ވަގުތު ފެޑެރީކޯ ވަލްވެރްޑޭ ކާމިޔާބުކުރި ލަނޑާއެކު އެޓީމުގެ ސައްތައިގެ ރެކޯޑު ދަމަހައްޓާފައެވެ. މެޗުގައި ރެއާލްގެ ފުރަތަމަ ދެ ގޯލު ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންގަމް އަދި ކިލިއަން އެމްބާޕޭއެވެ.
ރޭ، ރެއާލް ބެޓިސް ކުޅުނު މެޗުން ބަލިވެފައިވަނީ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 2-1 ގެ ނަތީޖާއިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީވެސް ޑޯޓްމަންޑުންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ފެނުނު ތިން ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ.
ފާނަބާޗޭއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލުން ދެފަހަރަށް ލީޑުނެގިނަމަވެސް މެޗުގެ 72 ވަނަ އަދި 79 ވަނަ މިނެޓުގައި އާޗީ ބްރައުން އާއި ވެދަޓް މުރީކީ ކާމިޔާބުކޮށްދިން ލަނޑުތަކާއެކު ފާނަބޭޗޭ ވަނީ މެޗު ކާމިޔާބުކޮށްފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ކުރިން މެންޗެސްޓާ ޔުނައިޓެޑުން ވިދާލި ތަރި، މޭސަން ގްރީންވުޑްއެވެ.
މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދީފައިވަނީ އެންޔޯނީ އާއި އިސަކްއެވެ.
މި ނަތީޖާތަކާއެކު، ޕީއެސްޖީގެ ފަހަތުން 12 ޕޮއިންޓާއެކު ދެވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު، ލިވަޕޫލް އޮތީ ނުވަ ޕޮއިންޓާއެކު އަށްވަނައިގައެވެ. އަދި ބެޓިސް އޮތީ ގޯލުގެ ތަފާތުން، 11 ވަނައިގައެވެ. މިއާއެކު، މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި މިހާރު ސައްތައިގެ ރެކޯޑެއް އޮތީ އެއްވަނަ، ޕީއެސްޖީ އަދި ދެވަނަ، ރެއާލް މެޑްރިޑް އަތުގައި އެކަންޏެވެ.