ނ. މަނަދޫގައި ގެރިބަކަރި ފަދަ ޖަނަވާރު ގެންގުޅުމަށް ބިންތަކެއް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ.
މަނަދޫ ކައުންސިލުން ކުރި އިއުލާނެއްގައިވާ ގޮތުން، އެ ތަކެތި ގެންގުޅުމަށް އެ ރަށު ދޫނިކޮށިމަގުގެ ހުޅަނގުން، 1،000 އަކަފޫޓުގެ ފަސް ބިމެއް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.
އެ ބިންތައް ކުއްޔަށް ދޫކުރަނީ، 10 އަހަރަށް ކަމަށްވާއިރު، ކުއްޔަށް ހިފުމަށް ހުށަހެޅޭ އެންމެ ކުޑަ އަގަކީ 80 ލާރި ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އިއުލާނުގައި ފާހަގަކުރި ގޮތުގައި، އެ ބިމުގައި ގެންގުޅެވޭނީ ފަސް ބާވަތެއްގެ ޖަނަވާރެވެ. އެއީ، ގެރި، ބަކަރި، މުސަޅު، އަސްދޫނި، އަދި ކުކުޅެވެ.
އެ ބިމުން ފެށިގެން ތިން ފޫޓަށް ވަށައިގެން ރާނަން ޖެހޭއިރު، ބިމުގެ ވަށައިގެން ހުންނަން ޖެހެނީ، ފެންސް ޖަހާފައެވެ.
މަނަދޫ ކައުންސިލުން ބުނީ، އެ ބިންތައް ކުއްޔަށް ހިފުމަށް ބޭނުންވާ މީހުން، އެ ތަނުގައި މަސައްކަތް ކުރަން ރާވާފައިވާ ގޮތާއި މި ކަމާ ބެހޭ އެއްވެސް ކަމެއް ކޮށްފައިވާނަަމަ އެ ކަމާ ގުޅޭ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން، ޕްރޮޕޯސަލަށް މާކްސް ދިނުމުގައި އަގުގެ 50 އިންސައްތައާއި މަސައްކަތް ކުރުމަށް ރޭވިފައިވާ ގޮތުގެ 25 އިންސައްތައާއި އިޖުތިމާއީ ޒިންމާގެ ދަށުން ކޮށްދޭ ކަންތައްތަކުގެ 25 އިންސައްތައަށް ބަލާނެއެވެ.
އެ ބިންތައް ކުއްޔަށް ހިފުމަށް ބޭނުންވާ މީހުންނަށް އަންނަ ބުރާސްފަތި ދުވަހުގެ 13:00 ކުރިން މަނަދޫ ކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގެ ބައެއް ރަށްރަށުގައި މިހާރު ވެސް ބަކަރި އާއި އަސްދޫންޏާއި މުސަޅު ފަދަ ޖަނަވާރު ގެންގުޅެއެވެ.