އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ކުރިއަށް އޮތް 10 އަހަރުގެ ތެރޭ ރާއްޖޭގެ ޖީޑީޕީއަށް 112 ބިލިއަން ޑޮލަރު އިތުރުކުރުމުގެ ފުރުސަތު އޮތް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ޓެކްނޮލޮޖީގެ އެހީގައި ތަރައްގީ ގެނައުމާ ގުޅޭ ދިރާސާތައް ކުރާ އެޔާ ތިންކް ޓޭންކުން ވަނީ، ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކުގައި ޒުވާނުން އޭއައިއަށް އަހުލުވެރިވެފައިވާ މިންވަރު ބަލައި، އޭއައިގެ ސަބަބުން އެ ގައުމުތަކަށް ކުރާނެ ފައިދާ ދެނެގަތުމުގެ ދިރާސާއެއް ހަދައިފައެވެ.
މި މަހުގެ އެއްވަނަ ދުވަހު ފެށި ކޮމަންވެލްތު ސަމިޓުގައި އެ ދިރާސާގެ ނަތީޖާތައް ހާމަކޮށްފައިވާއިރު، އެ ދިރާސާގައި ވަނީ، ގައުމެއްގެ ޒުވާނުން އޭއައިއަށް އަހުލުވެރިވެފައިވާ މިންވަރު ދައްކުވައިދޭ އިންޑެކްސްއެއް އާންމުކޮށްފައެވެ. އެޔާ ތިންކް ޓޭންކުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި، އޭއައިއަށް އަހުލުވެރިވެފައިވާ މިންގަނޑުގެ ބެންޗްމާކަށް ވާސިލުވެފައިވަނީ އެންމެ ކޮމަންވެލްތުގެ 56 ގައުމުގެ ތެރެއިން 15 ގައުމެކެވެ. ބާކީ 41 ގައުމުން، އޭއައިއަށް ޒުވާނުން ތައްޔާރުކުރުމަށް އިތުރަށް މަސައްކަތްތައް ކުރަން ޖެހޭ ކަމަށް އެ މައުލޫމާތުން ދައްކައެވެ.
އެޔާ ތިންކް ޓޭންކުން ވަނީ އޭއައިގެ އެހީގައި ކޮމަންވެލްތުގެ ގައުމުތަކަށް އިގުތިސާދު ފުޅާކުރެވިދާނެ މިންވަރު ވެސް ލަފާކޮށްފައެވެ. އެ ލަފާކުރުންތައް ތިން ބަޔަކަށް ބަހައިފައިވާއިރު އޭގެ ތެރޭގައި 'ކޮންޒަވޭޓިވް'، 'މޮޑެރޭޓް' އަދި 'އޮޕްޓިމިސްޓިކް' ލަފާކުރުންތައް ހިމެނެއެވެ. އެގޮތުން 'މޮޑެރޭޓް' ނުވަތަ މެދު މިންވަރުގެ ހާލަތަށް ބަލާއިރު، އޭއައި ބޭނުންކުރުމުގެ ރޭހުގައި ކުރީގައި އޮތް 15 ގައުމުގެ ޖީޑީޕީއަށް ކުރިއަށް އޮތް 10 އަހަރު ތެރޭ ޖުމްލަ ގޮތެއްގައި 389.2 ބިލިއަން ޑޮލަރުގެ އިތުރުކުރެވިދާނެ ކަމަށް ދިރާސާގައިވެއެވެ. އެއާ އަޅައިބަލާއިރު، އަނެއް 41 ގައުމުގެ ޖީޑީޕީއަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވަނީ 29.2 ބިލިއަން ޑޮލަރެވެ.
ރާއްޖެ ހިމެނެނީ ބެންޗްމާކަށް ނުފޯރާ 41 ގައުމުގެ ތެރޭގައެވެ. އެގޮތުން އެޔާ އިންޑެކްސްގެ ބެންޗްމާކަކީ 100އިން 53 ކަމަށްވާއިރު، ރާއްޖެއަށް ލިބިފައިވަނީ 44.9 އެވެ. އަދި ކުރިއަށް އޮތް 10 އަހަރު އޭއައިގެ އެހީގައި ކުރާ މަަސައްކަތުން، 'މޮޑެރޭޓް'ކޮށް ނުވަތަ މެދުމިންވަރެއްގައި ބަލާއިރު ޖީޑީޕީއަށް 112 މިލިއަން ޑޮލަރު އިތުރު ކުރުމުގެ ފުރުސަތު އޮތް ކަމަށް އެޔާ ތިންކް ޓޭންކުގެ ދިރާސާގައިވެއެވެ.
އެޔާ އިންޑެކްސްގައި ބެންޗްމާކަށްވުރެ މަތިން ޕޮއިންޓު ލިބިފައިވާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ސިންގަޕޫރާއި މޯލްޓާއާއި އޮސްޓްރޭލިއާއެވެ. އެ 14 ގައުމުގެ ތެރޭގައި ހިމެނޭ އަވަށްޓެރި ގައުމުތަކުގެ ތެރޭގައި މެލޭޝިއާއާއި އިންޑިއާ ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައި ޒަމާނީ ޓެކްނޮލިޖީ ކުރިއަރުވައި، އޭއައި ފަދަ ވަސީލަތްތައް ޚިދުމަތްތަކުގައި ބޭނުން ކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މި ސަރުކާރުން ތައާރަފުކޮށްފައިވާ މޯލްޑިވްސް 2.0 އެޖެންޑާގައި އޭއައި ބޭނުންކުރުމަށް ތަމްރީނު ކުރުމުގެ މަސައްކަތްތައް ވެސް ހިމަނައިފައިވެއެވެ.