ބްރެޒިލްގައި ކުޅުނު 20 އަހަރުން ދަށުގެ ފުޓްބޯޅަ މެޗެއްގައި ހިނގި ބޮޑު މާރާމާރީއަކާ ގުޅިގެން ރެފްރީ 53 ރެޑް ކާޑު ދައްކައި، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ބްރެޒިލްގެ މިނަސް ޖެރައިސް ޔޫތު ޗެމްޕިއަންޝިޕްގެ ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އުބެރްލަންޑިއާ އާއި މަމޯރޭ ބައްދަލުކުރި މެޗުގައެވެ.
މެޗުގެ ފަހުވަގުތު ދަނޑުމަތީގައި ހަމަނުޖެހުން ބޮޑުވެ، ކުޅުންތެރިންނާއި އޮފިޝަލުންގެ ސަލާމަތީ ކަންކަން ކަށަވަރު ނުކުރެވުމުގެ ސަބަބުން ރެފްރީ ފެނާންޑޯ ޕެޓްރިކް މޮޑެސްޓޯ އަށް ޖެހުނީ މެޗު މެދުކަނޑާލާށެވެ. މިއީ ފުޓްބޯޅައިގެ ތާރީޚުގައިވެސް އެއް މެޗެއްގައި އެންމެ ގިނަ ރަތް ކާޑު ދެއްކި މެޗުގެ ގޮތުގައި މިހާރު ވަނީ ގިނިސް ވޯލްޑް ރެކޯޑުން ޖާގަ ހޯދާފައެވެ.
މި މެޗުގައި ރެފްރީ ދެއްކި 53 ރެޑް ކާޑުގެ ތެރޭގައި ހިމެނެނީ ދެ ޓީމުގެ 43 ކުޅުންތެރިންނާއި، ކޯޗިން ސްޓާފުންގެ 8 މެންބަރުންގެ އިތުރުން އުބެރްލަންޑިއާ ޓީމުގެ ބޯޑު މެންބަރުންގެ ތެރެއިން 2 މެންބަރެކެވެ.
މެޗުގެ ތެރެއިން މަސްލަހަތު ގެއްލެން މެދުވެރިވީ ދެވަނަ ހާފުގެ ކުރީކޮޅު އުބެރްލަންޑިއާގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން، އެ ޓީމުގެ އޮފިޝަލުން ދަނޑަށް އަރައި އިހުތިޖާޖު ކުރުމާ ގުޅިގެންނެވެ.
އެ ހަމަނުޖެހުމުގެ ސަބަބުން 40 މިނެޓަށް މެޗު މެދުކަނޑާލަން ޖެހުނެވެ. އޭގެފަހުން އަލުން ކުޅުން ފަށައި، މެޗުގެ އިތުރު ވަގުތުގެ 9 ވަނަ މިނެޓުގައި މަމޯރޭ އިން ލަނޑެއް ޖަހައި 3-1 އިން ކުރި ހޯދުމާއެކު އެ ޓީމުގެ ކުޅުންތެރިޔާ ޑާވީ، އިދިކޮޅު ބެންޗަށް ޖެއްސުންކޮށް ބަސްތަކެއް ބުނުމުން މަސްލަހަތު މުޅިން ގެއްލުނެވެ. އުބެރްލަންޑިއާގެ ގޯލްކީޕަރު ކޯޗު ދަނޑަށް އަރައި ޑާވީއާ ކުރިމަތިލުމާއެކު، މުޅި ދަނޑު ބޮޑު ތަޅާފޮޅުމަކަށް ބަދަލުވެގެން ދިޔައެވެ.
މި މާރާމާރީގެ ސަބަބުން ސްޓޭޑިއަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މަސްލަހަތު ކޮންޓްރޯލް ކުރަން މިލިޓަރީ ފުލުހުން ދަނޑަށް ވަންނަން ޖެހުނެވެ. ފުލުހުންގެ ރިޕޯޓުގައިވާ ގޮތުން ސްޓޭޑިއަމްގެ 14 ދޮރާއި، ފާޚާނާތަކާއި، ބައެއް ފަރުނީޗަރުތައް ވަނީ މުޅިން ސުންނާފަތިކޮށްލާފައެވެ. އަދި ބައެއް ފަރާތްތަކުން މަރުގެ އިންޒާރު ދިނުމާ ގުޅިގެން ރެފްރީ ވަނީ ފުލުހުންނަށް މައްސަލަވެސް ހުށަހަޅާފައެވެ.
މީގެ ކުރިން މި ރެކޯޑް އޮންނަނީ 2011 ވަނަ އަހަރު އާޖެންޓީނާގެ ފަސްވަނަ ޑިވިޜަން މެޗެއްގައި 36 ރަތް ކާޑު ދައްކައިގެންނެވެ. މި ބޮޑު ޖޫރިމަނާއާ ގުޅިގެން ދެވަނަ ލެގަށް ނެރޭނެ ހަތް ކުޅުންތެރިންވެސް މަމޯރޭ އަށް ހަމަނުވުމުން، އުބެރްލަންޑިއާ އިން ވަނީ ދެވަނަ ލެގު ދޫކޮށްލާފައެވެ. އެހެންކަމުން މަމޯރޭ އަށް މިހާރު ވަނީ އޮޓޮމެޓިކުން ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ.