ބޮލީވުޑްގެ މަޤުބޫލު އެކްޓަރު ކާތިކް އާރިޔަން އާއި ކުޅަދާނަ ޑައިރެކްޓަރު ކަބީރު ޚާން އަނެއްކާވެސް އެކުގައި މަސައްކަތްކުރާ އާ ފިލްމު 'ލަޅާކޫ' އަންނަ 2027 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައި އެކަން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.
މި ފިލްމަކީ 2024 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާ "ޗަންދޫ ޗެމްޕިއަން" އަށްފަހު މި ދެ ފަންނާނުން އެކުގައި ބެލުންތެރިންނާ ބައްދަލުކުރާ ދެވަނަ ޕްރޮޖެކްޓެވެ. ހަމައެއާއެކު، މިއީ މި އަހަރުގެ ކުރީކޮޅު ކާތިކް ތަޢާރަފުކުރި އަމިއްލަ ޕްރޮޑަކްޝަން ހައުސް 'ޑޯޕަމިން ސްޓޫޑިއޯސް'ގެ ދަށުން އޭނާ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްފަށާ ފުރަތަމަ ފިލްމު ވެސް މެއެވެ.
ފިލްމު އުފައްދާ މައި ކުންފުނި ކަމަށްވާ ބިރްލާ ސްޓޫޑިއޯސްއިން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ، އަނަންޔާ ބިރްލާގެ ބިރްލާ ސްޓޫޑިއޯސް އާއި ކަބީރު ޚާން އެންޓަޓެއިންމަންޓް އަދި ކާތިކްގެ ޑޯޕަމިން ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ މި ފިލްމަކީ ހިތްވަރާއި އަޒުމް އަދި އުންމީދުން ފުރިގެންވާ ޙަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ އަސަރުގަދަ އުފެއްދުމެއް ކަމަށެވެ. ފިލްމުގެ ވާހަކައިގެ ތަފްސީލުތައް އަދި ސިއްރުކޮށްފައި ވީނަމަވެސް، މިއީ މުޅި އާއިލާއަށް އެކުގައި ބަލާލެވޭނެ ފަދަ ހިތްގައިމު ޖަޒުބާތީ ފިލްމެއްގެ ގޮތުގައި ޕްރޮޑިއުސަރުން ވަނީ ސިފަކޮށްފައެވެ.
ކާތިކަށް އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީއިން ނެޝަނަލް އެވޯޑު ކާމިޔާބުކޮށްދިން ފިލްމު "ޗަންދޫ ޗެމްޕިއަން"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއާޓުޑޭމީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ކަބީރު ޚާންގެ ކުރީގެ މަޝްހޫރު ފިލްމުތައް ކަމަށްވާ 'ބަޖްރަންގީ ބައިޖާން' އަދި '83' އެކޭ އެއްފަދައިން، މި ފިލްމުގައި ވެސް ދައްކުވައިދޭނީ ދިރިއުޅުމުގެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައި ސާބިތުކަމާއެކު ކާމިޔާބީ ހޯދާ މީހެއްގެ ފުރިހަމަ ދަތުރެވެ. އިންޑިއާއަށް ޕެރަލިމްޕިކްސްގެ ފުރަތަމަ ރަން މެޑަލް ހޯދައިދިން މުރަލީކާންތު ޕެޓްކަރްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި 'ޗަންދޫ ޗެމްޕިއަން'ގައި ކާތިކް ދެއްކި މޮޅު އެކްޓިންއަށް އޭނާއަށް ވަނީ ނޭޝަނަލް އެވޯޑް ވެސް ލިބިފައެވެ.
މި އާ ފިލްމުގެ އިއުލާނާއެކު ފިލްމީ ދާއިރާގެ ސަމާލުކަން ކާތިކަށް ލިބިފައިވާއިރު، އޭނާ މިވަގުތު ވެސް އަންނަނީ ޑައިރެކްޓަރު ޝިމިތު އަމީންގެ 'ކެޕްޓަން އިންޑިއާ'ގެ ޝޫޓިންގައި އަވަދިނެތި ހަރަކާތްތެރިވަމުންނެވެ. ޔަމަނުން އިންޑިއާގެ ރައްޔިތުން ސަލާމަތްކުރުމަށް 2015ގައި ހިންގި 'އޮޕަރޭޝަން ރާހަތު'ގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމަކީ ޓީ ސީރީޒާއި ބަވޭޖާ ސްޓޫޑިއޯސް އަދި ޑޯޕަމިން ސްޓޫޑިއޯސް ގުޅިގެން އުފައްދާ، 2027ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމެކެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި 'ނާގްޒިލާ' އާއި، އަނޫރާގް ބާސޫ ޑައިރެކްޓްކޮށް އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުގެ އިތުރުން ވިވެކް އަގްނިހޯތުރީގެ 'އޮޕަރޭޝަން ސިންދޫރު' ފަދަ ގިނަ ފިލްމުތަކަކުން ވެސް ކާތިކް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.