މުވައްޒަފުންގެ ކުރިއެރުން: ހަމައެކަނި ވަޒީފާގައި ބޭތިއްބުމުގެ ބަދަލުގައި ޤާބިލުކަން އިތުރުކުރުން

މުވައްޒަފުންގެ ހަގީގީ ކުރިއެރުމަކީ އާހުނަރުތައް ދަސްވުމާއި، ގޮންޖެހުންތަކާއި ކުރިމަތިލުމުގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވުމެވެ.

ވަޒީފާއަކަށް މީހަކު ހޭނި، މަސައްކަތްތައް އާދައިގެ މަތިން ކުރިއަށްދާން ފެށުމުން، ދެން އުފެދޭ އެންމެ މުހިންމު ސުވާލަކީ ހަމައެކަނި އެ މީހަކު އެ ވަޒީފާގައި ދެމިހުންނާނެތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލުކަމުގައި ވެގެންނުވާނެއެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެން އެންމެ އިސްކަންދޭންޖެހޭ ކަމަކީ އެ މުވައްޒަފުގެ ކުރިއެރުމުގެ މަގުޗާޓު ކުރަހާލުމެވެ.

ކާމިޔާބު މުއައްސަސާއެއް ބަލާ މިންގަނޑަކީ މީހުން އެތަނެއްގައި މީހުން ހޭދަކުރާ މުއްދަތެއް ނޫނެވެ. އެ މިންގަނޑަކީ އެތަނުގައި ހޭދަކުރާ މުއްދަތުގައި އެމީހުން ކިބައިގައި އަށަގަންނަ ހުނަރުވެރިކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، ކަންކަން ނިންމުމުގެ ޤާބިލުކަމާއި، އަދި އިތުރު ޒިންމާތަކެއް އުފުލުމަށް ހޯދާ ކުރިއެރުމުގެ މިންވަރެވެ.

މިދެންނެވި ރޮނގުން މުވައްޒަފުންގެ ކުރިއެރުމަށް އޮންނަ އެންމެ ބޮޑު އެއް ހުރަހަކީ ކަންކަން ސާފުނުވުމެވެ. އަމިއްލަ ދައުރާމެދު އޮންނަ ނުތަނަވަސްކަމާއި، މުއައްސަސާގެ ތެރޭގައި ތިމާ ހުރި ހިސާބެއް ނޭނގުމާއި، އަދި މުސްތަޤްބަލާމެދު އޮންނަ އޮޅުންބޮޅުންތަކެވެ.

ވީމާ، ވެރިންގެ ޒިންމާއަކަށް ވާންވާނީ ކަންކަން ސާފުކޮށްދިނުމާއި އިތުބާރު އުފެއްދުމެވެ. މުވައްޒަފުންގެ ފަރާތުން އެދޭ ކަންކަން އެމީހުންނަށް ސާފުކޮށްދިނުމެވެ. އެމީހަކާ ގުޅޭ މަސައްކަތް ކުރިއަށްދާގޮތުގެ ފުރިހަމަ މަޢުލޫމާތު ހިއްސާކުރުމާ އެކުގައެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލާ ހިތްވަނީ، އެކި ކަންކަމާގުޅޭގޮތުން ސުވާލުކޮށް، ޚިޔާލުތައް ފާޅުކުރުމުގެ ރައްކާތެރިކަން އޮންނަ، ކުށެއްކުރެވުމުން ކުށްވެރިނުވާ މާޙައުލެއް ތަނުގައި ގާއިމުކޮށްދިނުމެވެ.

މުވައްޒަފެއްގެ ކުރިއެރުމަކީ ހަމައެކަނި މަޤާމުގެ ނަމަށް އަންނަ ބަދަލަކަށް ނުވަތަ ޕްރޮމޯޝަނަކަށް ވެގެންނުވާނެއެވެ. ހަގީގީ ކުރިއެރުމަކީ އާހުނަރުތައް ދަސްވުމެވެ.

މީހެއްގެ ކުރިއެރުންކަމުގައި ބަލަންވާނީ، އިތުރަށް ވިސްނަންޖެހޭ ފަދަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ މަސައްކަތްތަކާ ޙަވާލުވާން ޖެހުމެވެ. އެހެން ޑިޕާޓްމަންޓްތަކުގެ ތަޖުރިބާ ހޯދުމުގެ ފުރުޞާތު ލިބުމެވެ. އަދި މީހުންނާއެކު އޮންނަ ގުޅުންތައް ބަދަހިވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުކުރުމުގެ ފުރުޞަތު ތަނަވަސްވުމެވެ.

މުއައްސަސާއެއްގައި އުމުރުދުވަހު މީހަކު ހުރުމަކީ ކޮންމެހެން ކާމިޔާބީއެއް ނޫނެވެ. މީހަކު ދެތިން އަހަރު އެތަނުގައި ފައިދާހުރި މަސައްކަތްތަކެއް ކޮށް، ކުރިއަރާގޮސް، އެހެން ފުރުޞަތެއް ހޯދައިގެން ދިއުމަކީ މައްސަލައަކަށް ވެގެންނުވާނެއެވެ.

ރަނގަޅު މުއައްސަސާއެއް ވާންޖެހޭނީ، މާދަމާ މީހަކު އެހެން ތަނަކަށް ހިނގައިދާނެކަމަށް ވިޔަސް، އެމީހެއްގެ ޤާބިލުކަން އިތުރުކޮށްދޭން މަސައްކަތްކުރާ ތަނަކަށެވެ. މުވައްޒަފުން ކުރިއަރާނެ ޖާގަދީ، ދެމިހުންނާނެ އެކަށީގެންވާ ސަބަބުތައް ފަހިކޮށްދީގެންނެވެ. މުވައްޒަފުން ހިފަހައްޓައި އޮބަހައްޓައި، އެމީހުންނަކީ ތަނުގެ "މިލްކެއް" ކަމުގައި ދެކިގެން ކުރިއެރުމަށް ހުރަސްއަޅައިގެންނެއް ނޫނެވެ.

ކުށްދައްކާ މާޙައުލަކުން މީހާ މާޔޫސްކޮށްލައެވެ. ހަމައެކަނި ތަޢުރީފުކުރާ މާޙައުލަކުންވެސް ކުރިއެރުމެއް ނާންނާނެއެވެ. ބޭނުންވަނީ މި ދެބައިގެ ހަމަހަމަކަމެވެ. މީހުން ބިނާކުރުމުގައި މިހަމަހަމަކަން ހިފަހައްޓަންވާނެއެވެ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި، މުއައްސަސާއެއްގެ ވެރިންގެ ވާޖިބަކީ މުވައްޒަފުންގެ ކާމިޔާބީއަށް މަގުފަހިކޮށް ކާމިޔާބީ ފާހަގަކުރުމެވެ. އުނދަގޫވާ ވަގުތު އެހީތެރިކަންދީ، ކުރިއެރުން ލިބޭ ވަގުތު އެކަން ފާހަގަކޮށް އުފާފާޅުކުރުމުންނެވެ. މީހުން ބިނާކުރުމުގެ މަސައްކަތްކުރަންޖެހެނީ މިވިސްނުމުގެ ތެރެއިންނެވެ.

މުވައްޒަފުން ބިނާކުރުމުގައި ސުޕަވިޝަންއާއި މެންޓަރިންގ އާއި ކޯޗިންގ އަކީ މުހިންމު ދައުރެއް އަދާކުރާ ކަންތައްތަކެވެ. ސުޕަވިޝަނުން ކޮށްދޭކަމަކީ މިޞްރާބުސީދާކުރުމާއި ޒިންމާދާރުކުރުވުމެވެ. މެންޓަރިންގ އިން ލިއްބައިދެނީ އިތުބާރާއި އިރުޝާދެވެ. އަދި ކޯޗިންގ މެދުވެރިކޮށް ފުންކޮށް ވިސްނައި، ސުވާލުތައް އުފައްދައި، އަމިއްލަ ކުރިއެރުމަށް މަގުފަހިކޮށްދެއެވެ. މިޒަމާނުގެ ހިންގުމުގެ ވައްޓަފާޅީގެ ތެރޭގައި މިކަންކަން ތަރުތީބު ކުރެވިފައި އޮތުމަކީ މުވައްސަސާގެ ދެމެހެއްޓެނިވި ކާމިޔާބީ ކަށަވަރު ކުރުމަށްޓަކާ ކޮންމެހެން މުހިންމުކަމެކެވެ.

މި ކަންކަމުގެ ތެރެއިން – މަސައްކަތުގެ ފެންވަރު އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަ މުވައްޒަފަށް އިޚްލާޞްތެރިކަމާއެކު ވާހަކަދައްކާ، ކުރިމަތިވެގެންއުޅޭ ގޮންޖެހުންތައް ދެނެގަނެ، އެހީތެރިވެދީ، މަގުދައްކައިދޭން ވާނެއެވެ. އަދި މިގޮތުގެމަތީން މަގުދައްކައިދިނުމުން ވެސް ބަދަލެއް ނާންނަނަމަ ދެން ނިންމަންޖެހޭ ނިންމުންތައް ނިންމުމަކީ ވެސް ވެރިން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ.

މުވައްޒަފުންގެ ކުރިއެރުމަށް ރަނގަޅު މަސައްކަތްތަކެއް ކުރާ ތަންތަނުގައި މުވައްޒަފުން އެހެން ފުރުޞަތުތައް ހޯދުމަކީ، މިޒަމާނުގައި ކަން ހިނގާގޮތެވެ. މިގޮތުން، މުވައްޒަފަކު ރަނގަޅު އެހެން ފުރުޞަތެއް ހޯދައިގެން ދާއިރު، "އޭނާ ދިޔައީ ކީއްވެގެންތޯ" އެހުމުގެ ބަދަލުގައި، "އޭނާގެ ދެން އޮތް މަރުޙަލާއަށް ފުރިހަމައަށް ތައްޔާރުކޮށްދިނީ އަޅުގަނޑުމެންނޭ" ބުނެވޭ ފަދަ ފަޚުރުވެރި މުއައްސަސާއަކަށް ވެވޭނީ، މީހުންގެ ތަރައްގީއަށް މަސައްކަތް ކުރުމުގެ ސަގާފަތެއްގެ ތެރެއިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް