ރަސްމާލޭގެ ބޮޑު ސަރަހައްދެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދާއިމީކޮށް ދޭ ކަމަށް ބުނާ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލައި އިދިކޮޅުން ފަށާފައިވާ ކުއްލި ހަރަކާތްތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެއެވެ.
މެންބަރު މައުރޫފް މިހެން ވިދާޅުވީ، ރަސްމާލޭގައި ކުރިއަށްގެންދާ އީގަލް ހިލްސް މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ސަރުކާރުން ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި މަޝްރޫއާ މެދު ރައްޔިތުންގެ ވޯޓެއް ނެގުމަށް އިދިކޮޅު އެމްޑީޕީން ގޮވާލާފައިވާތީ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ، މިއީ އެފަދަ ވޯޓަކަށް ދާންޖެހޭ ކަމެއް ނޫން ކަމަށެވެ.
ރައީސްގެ ވާހަކަފުޅާ ގުޅިގެން "ސަން" އަށް މައުލޫމާތު ދެއްވަމުން މައުރޫފް ވިދާޅުވީ، ސަރުކާރުން އެގޮތަށް ބުނި ނަމަވެސް މިހާރު ފަށާފައިވާ ސިޔާސީ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ. އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް ސަރުކާރުން މިކަން ކުރިއަށްގެންދަން އުޅޭނަމަ، އެއްވުންތަކަށް މީހުން ނުކުންނަ މިންވަރަކަށް ބަލައި ދެން ކަން ކުރާނެ ގޮތްތަކެއް ނިންމަމުން ގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ގުޅިގެން މިހާރުވެސް މި މަޝްރޫއާއި ދެކޮޅަށް އެއްވުންތަކެއް އެބަ ކުރިއަށް ގެންދަން. އަދި ކުރިއަށް އޮތް ތަނުގައި ވެސް މި ހަރަކާތް ހުއްޓުމެއް ނެތި ކުރިއަށް ދާނެ." މައުރޫފް ވިދާޅުވިއެވެ.
ރަސްމާލޭން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދޭން އުޅޭ ކަމަށް ބުނެ، ރައްޔިތުންގެ ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ވަނީ ގަރާރެއް ފާސްކޮށްފައެވެ. އަދި އެ ގަރާރަށް ސަރުކާރުން އިޖާބަ ނުދީފިނަމަ، އެހެން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ސީދާ ހަރަކާތަށް ނުކުތުމަށްވެސް އެ ޕާޓީން އޮތީ ނިންމައިފައެވެ.
މި މައްސަލައިގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމުން ގާނޫނު ބުނާ ގޮތުން އޭގެ ހުރިހާ ތަފުސީލެއް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް މައުލޫމާތު ހާމަކުރުމުން އެ މަޝްރޫއު ކުރިއަށްގެންދަން ރައްޔިތުން "އާނއެކޭ" ބުނެފިނަމަ އެކަން ހިންގުމަށް ހުރަހެއް ނެތް ކަމަށާއި، ނަމަވެސް ސަރުކާރުން ވޯޓަކަށް ދާން ފަސްޖެހެނީ މި މުއާމަލާތުގައި ކޮރަޕްޝަނާއި އޮޅުވާލުންތަކެއް އެކުލެވިގެންވާތީ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން މައުރޫފް ވިދާޅުވީ، ރާއްޖޭގައި ނިކަގަހެއް ކަނޑަންވެސް ފެންނަ ނުފެންނަ ވޯޓު އަހާފައިވާއިރު، ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ މިފަދަ ބޮޑު ބިމެއް ބޭރުގެ ބަޔަކަށް ތާއަބަދަށް ދޭއިރު ރައްޔިތުންގެ ބަހެއް ހޯދަން ޖެހޭނެ ކަމަށެވެ. އަދި މަޝްރޫއުގެ މައުލޫމާތު ހާމަނުކޮށް ސަރުކާރުން ކުރިއަށްދާން މަސައްކަތްކުރާނަމަ، އެކަމާ ދެކޮޅަށް ހުރިހާ ރައްޔިތުން ނުކުތުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.