އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން ނިކް ޖޯނަސް، އޭނާގެ ހަޔާތުގައި ވޭތުވެދިޔަ 21 އަހަރު ދުވަހު ތަހައްމަލުކުރަމުން އަންނަ ޓައިޕް 1 ޑައިބެޓީސްއާ ގުޅޭގޮތުން ކުރެވުނު ތަޖުރިބާތަށް އާއްމުންނާ ހިއްސާކޮށްފިއެވެ.
މި ބަލީގެ ސަބަބުން ދިރިއުޅުމުގެ ކޮންޓްރޯލް ގެއްލި ކުރިމަތިވި މާޔޫސީ އިހުސާސްތަކާއި ހިތްދަތި ތަޖުރިބާތަކުގެ އިތުރުން، އަމިއްލަ ވާހަކަތައް މުޅި ދުނިޔެއަށް ހިއްސާކުރަން އިސްނެގި މައިގަނޑު ސަބަބުތައް ވެސް އޭނާ ވަނީ ވަރަށް ތަފުސީލުކޮށް ކިޔައިދީފައެވެ.
އުމުރުން އެންމެ 13 އަހަރުގައި މި ބައްޔަށް ޑައިގްނޯޒްވި ނިކްގެ މި ހިތްވަރުގަދަ ޝުއޫރުތައް ހާމަކޮށްފައިވަނީ، ހަކުރުބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ޑެކްސްކޮމް ކުންފުނިން އިސްނަގައިގެން ކުރިއަށްގެންދާ "އޭ ލެޓާ ޓު ޑައިބެޓީސް" ކެމްޕޭނުގެ ދަށުންނެވެ. މި ޚާއްޞަ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ ނޮވެމްބަރު މަހު ފާހަގަކުރާ ހަކުރުބައްޔަށް ހޭލުންތެރިކަން އިތުރުކުރާ މަހާއި، ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅުވައިގެން، ބައްޔާއެކު ދިރިއުޅޭ މަޝްހޫރު ފަރާތްތަކުގެ ތަޖުރިބާތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ މަޤުސަދުގައެވެ.
ނިކް އަންހެނުން އަދި އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާއުމުރުން މިހާރު 34 އަހަރުގެ ނިކް ފާހަގަކުރި ގޮތުގައި، މި ބައްޔާ ދެމެދު އޮތް ގުޅުމަށް 21 އަހަރު ފުރިފައިވާއިރު، ދުވާލެއްގެ މައްޗަށް ދެމީހުންގެ ދެމެދުގައި ދެކެވޭ ވާހަކަތައް ވަރަށް ގިނަ ކަމަށެވެ. އެއީ މަޖާ ކަމެއްގެ ގޮތުގައި ސިފަކުރަމުން އޭނާ ބުނީ، ފޯނުން ގްލޫކޯޒް ލެވެލް ބެލުމާއި، އެއްޗެއް ކެއުމުގެ ކުރިން އިންސިއުލިން ޕަމްޕް މެދުވެރިކޮށް ހަދަންޖެހޭ ހިސާބުތަކަކީ ކޮންމެ ހަފުތާއަކު ވެސް ނިންމަންޖެހޭ އެތައް ސަތޭކަ ނިންމުންތަކުގެ ތެރެއިން ކުޑަ މިންވަރެއް ކަމަށެވެ.
ބޭރުފުށުން ބަލާ މީހަކަށް މި ކަންކަން ފާހަގަނުވި ނަމަވެސް، މިއީ އިންސާނާގެ ހަށިގަނޑާއި، ސިކުނޑި އަދި ބޭނުންކުރާ ސިއްހީ އާލާތްތަކާ ދެމެދު އަބަދުވެސް ހިނގަމުންދާ ވަރުގަދަ މުއާމަލާތެއް ކަމަށް ނިކް ބުންޏެވެ. ފުރާވަރުގެ އުމުރުގައި ބަލި ޖެހުމުން އެންމެ ބޮޑު ސިހުމެއް ލިބުނީ ހާލަތު ކޮންމެ ވަގުތަކު ވެސް ބަދަލުވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.
އަމިއްލަ ދިރިއުޅުމުގެ ހުރިހާ ކަމެއް ފުރިހަމައަށް ކޮންޓްރޯލް ކުރެވޭނެ ކަމަށް ކުރިން ދެކެމުން އައި ވިސްނުން މި ބަލީގެ ސަބަބުން އަހަރުތަކެއްގެ ތެރޭގައި އެއްކޮށް ނެތިގެން ދިޔަކަން ފާހަގަކުރަމުން އޭނާ ބުނީ، އެ ފިލާވަޅު ދަސްވުމުން ޝުކުރުވެރިވާ ފަދައިން، އެކަމާ މެދު ހިތުގައި ބޮޑު ޝަކުވާއެއް ވެސް އޮތް ކަމަށެވެ. އަދި މި ބަލި ނެތް ނަމަ އަމިއްލަ ހަޔާތް ވޭތުވާނެ ގޮތަކާ މެދު ވިސްނައިލެވޭ ދުވަސްތައް ވެސް އަންނަ ކަމަށް އޭނާ އިހުލާސްތެރިކަމާއެކު އެއްބަސްވިއެވެ.
ބަލީގެ ސަބަބުން ދިރިއުޅުމުގައި އުނދަގޫ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ދުވަހަކު ވެސް އުންމީދު ނުކުރާ ފަދަ ބޮޑު ނިއުމަތެއްގެ ގޮތުގައި އެއްބައިވަންތަ މުޖުތަމައެއްގެ ލޯތްބާއި އެހީތެރިކަން ލިބުނު ކަމަށް، ގްރެމީ އެވޯޑަށް ދެ ފަހަރަށް ނޮމިނޭޓްވެފައިވާ ފަންނާނު ފާހަގަކުރިއެވެ. ކުޑައިރު ސްކޫލު ދައުރުގަ އާއި އެކުވެރިންގެ ތެރޭގައި އެހެން މީހުންނަށް އޭނާ ދެނެގަންނަން ދަތިވެ، އެއްވެސް މާހައުލަކަށް ނިސްބަތްނުވާ ފަދަ އެކަނިވެރިކަމެއް އިހުސާސްވި ނަމަވެސް، ޓައިޕް 1 ޑައިބެޓީސްއާ ގުޅޭގޮތުން ފާޅުގައި ވާހަކަދައްކަން ފެށުމުން އެފަދަ ހާލަތް ތަހައްމަލުކުރާ އެތައް ބަޔަކާ ބައްދަލުވެ، އެންމެ ފަހުން އަމިއްލަ ނަފްސަށް ޙައްޤު ޖާގައެއް ލިބުނު ކަމުގެ އިހުސާސް ކުރެވުނު ކަމަށް އޭނާ ބުންޏެވެ.
އަމިއްލަ ނަފްސަކީ ބަލީގެ ޝިކާރައަކަށް ވެފައިވާ ނިކަމެއްޗެއްގެ ގޮތުގައި ދެކެން ދުވަހަކު ވެސް ބޭނުންނުވާ ކަމަށާއި، މި ވާހަކަތައް އާންމުކުރުމުގެ މައިގަނޑު މަގުސަދަކީ އެހެން ފަރާތްތަކަށް ހިތްވަރު ދިނުން ކަމަށް ނިކް ހާމަކުރިއެވެ. ޚާއްޞަކޮށް، ބައްޔަށް އަލަށް ޑައިގްނޯޒްވެ، ބިރުވެރިކަމުގެ ތެރޭގައި ހޮސްޕިޓަލުގެ އެނދުގައި އޮންނަ 13 އަހަރުގެ ކުޑަކުއްޖާއަށް، މި ބައްޔާއެކު ވެސް އަމިއްލަ ހުވަފެންތައް ޙަޤީޤަތަކަށް ހެދިދާނެކަން އަމަލުން ދައްކުވައިދިނުމަކީ އޭނާގެ އަމާޒެކެވެ.
ފުރާވަރު އުމުރުގައި ބަލި ފާހަގަވި ދުވަސްވަރުގެ ހަނދާންތައް އާކުރަމުން ނިކް ކުރިން ހާމަކޮށްފައިވާ ގޮތުގައި، އޭރު މި ބައްޔާ ގުޅޭ މައުލޫމާތާއި ހޭލުންތެރިކަން މުޖުތަމައުގައި އޮތީ ވަރަށް ކުޑަކޮށެވެ. ބަރުދަން އިންތިހާއަށް ލުއިވެ، އަބަދު ފެންބޮވުމާއި ގިނަގިނައިން ފާހާނާއަށް ދާންޖެހުން ފަދަ އަލާމާތްތައް ފެނުނު ނަމަވެސް، އެއީ މި ބަލީގެ އަލާމާތްތައް ކަމެއް އޭރު އެނގިފައެއް ނުވެއެވެ. އޭނާގެ ހަށިގަނޑަށް އައި މި ބޮޑު ބަދަލު ފުރަތަމަ ފާހަގަކުރީ ބޭބެ ޖޯ ޖޯނަސްއެވެ. އެގޮތުން ޓުއާގެ ތެރެއިން ސްވިމިން ޕޫލެއް ކައިރީގައި ހުއްޓައި ނިކްގެ ހިކި އަނަރޫފަވެފައިވާ ހަށިގަނޑު ފެނުމުން، ހާލަތުގެ ނާޒުކުކަން ބޮޑުކަމުން ޖޯ ވަގުތުން މައިންބަފައިންނަށް ގުޅައި އެކަން އެންގިއެވެ.
ޑޮކްޓަރަށް ދެއްކިއިރު، އާންމުކޮށް 70 އާއި 120އާ ދެމެދު ހުންނަންޖެހޭ ލޭގެ ގްލޫކޯޒް ލެވެލް ހުރީ 900 އަށްވުރެ ވެސް މަތީގައެވެ. ނަމަވެސް ކުޅަދާނަ ޑޮކްޓަރުންގެ ޓީމެއްގެ ޚާއްޞަ ފަރުވާއާއެކު، ބައްޔަށް ޑައިގްނޯޒްވިތާ އެންމެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަލުން އެނބުރި ސްޓޭޖަށް ނުކުމެ ޕާފޯމްކުރަން ފެށުނުކަން އޭނާ ފާހަގަކުރީ ޝުކުރުވެރިކަމަކާއެކުގައެވެ.