އެސްޓީއޯ ފިހާރައަށް ގެންދަން ހަވާލުކުރި މަސްދަޅު ކޭސްތަކަކަށް ޚިޔާނާތްތެރިވި ކައްޕި ޖޫރިމަނާކޮށްފި

މަސްދަޅު ކޭހެއް މީހަކު، އެހެން މީހަކާ ހަވާލު ކުރަނީ-- ސަން ފޮޓޯ

ލ. ފޮނަދޫގައި ހުންނަ އެސްޓީއޯގެ ފިހާރައަށް ގެންދިއުމަށް ބޯޓަކަށް އެރުވި 300 މަސްދަޅު ކޭސް، އެ ފިހާރައާ ހަވާލުނުކޮށް އަމިއްލަ ބާރު ހިންގައި ގެއްލުވާލި މައްސަލައިގައި، އެ ބޯޓުގެ ކައްޕިއަކަށް ހުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އުފުލީ ޅ. ހިންނަވަރު، ބޮޑުހިޔާގެ، މުޙައްމަދު ފަޔާޟްގެ މައްޗަށެވެ.

މިއީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ ދެ ވަނަ ނަންބަރުގެ ދަށުން އުފުލި ދައުވާއެކެވެ.

މި މައްސަލަ ފެންމަތިވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެސްޓީއޯއިން ކަނޑުމަގުން ރަށްރަށަށް މުދާ އުފުލުމަށް ކުއްޔަށް ހިފާފައިވާ "ކަމަނަ" ނަމަކަށް ކިޔާ ބޯޓަށް، ފޮނަދޫ އެސްޓީއޯ ފިހާރައަށް ގެންދިއުމަށް މިފްކޯއިން ވަނީ 192،000 (އެއްލައްކަ ނުވަދިހަ ދެހާސް) ރުފިޔާގެ އަގުހުރި، 180 ގްރާމުގެ "ފެލިވަރު ޗަންކްސް އިން އޮއިލް" ގެ 300 މަސްދަޅު ކޭސް ބަރުކޮށްފައެވެ.

ނަމަވެސް ބޯޓު ފޮނަދޫއަށް ދިޔުމަށްފަހު، އެ މަސްދަޅު ކޭސްތައް އެ ރަށު އެސްޓީއޯ ފިހާރައަށް ބާލާފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ފަޔާޟް އެ ބޯޓުގެ ކައްޕިއަކަށް ހުރެ، ރޭގަނޑުގެ ވަގުތެއްގައި އެ މަސްދަޅު ކޭސްތައް ބޯޓު ކައިރިއަށް ގެނައި ޑިންގީއަކަށާއި އެހެން އުޅަނދަކަށް ބަރުކޮށްގެން ކައިރި ރަށަކަށް ފޮނުވާލާފައިވާކަން ބޯޓުގައި މަސައްކަތްކުރި ބިދޭސީ ފަޅުވެރިންގެ ހެކިބަހުން ވަނީ ސާބިތުވެފައެވެ. މި މުދާ ނުލިބުމުން، އެސްޓީއޯއިން ވަނީ އެ ތަކެތީގެ އަގަށްވާ ފައިސާ ބޯޓަށް ދޭންޖެހޭ ކުލީގެ ތެރެއިން އުނިކޮށްފައެވެ.

މި މައްސަލައިގައި ފަޔާޟްގެ ފަރާތުން ދައުވާއަށް އިންކާރުކޮށްފައިވީ ނަމަވެސް، ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކާއި ޝަފަހީ ހެކިންގެ ހެކިބަހުން، އެ މަސްދަޅު ކޭސްތަކަކީ އެސްޓީއޯގެ މުދާކަން އެނގިހުރެ، އެ މުދަލުގެ އަސްލު ވެރިފަރާތަށް އޮތް އަދުލުވެރިކަން ދާއިމަށް ގެއްލޭނެ ގޮތަށް ފަޔާޟް އަމަލުކޮށްފައިވާކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ގާޟީ އިބްރާހީމް ޛިހުނީ ކަނޑައެޅުއްވިއެވެ.

ގެއްލުވާލި މުދަލުގެ އަގު 50،000 ރުފިޔާއަށްވުރެ ބޮޑުވާތީ، މިއީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

އަދަބާ ބެހޭގޮތުން ވާހަކަދައްކަމުން ފަޔާޟް ވަނީ، މައްސަލަ ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާތީއާއި، އޭނާގެ އަންހެނުން ވިހަން ކައިރިވެފައިވާތީ އަދަބު ލުއިކޮށްދީ ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދިފައެވެ.

ޝަރީއަތުން ނިންމެވީ ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ޖަލު އަދަބުގެ ބޮޑު ބައި ޖޫރިމަނާއަށް ބަދަލުކުރުމަށެވެ. އެގޮތުން އަސާސީ އަދަބު ކަމަށްވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ތެރެއިން، ހަ ދުވަހުގެ ޖަލު އަދަބެއް ތަންފީޒުކުރުމަށް ވަނީ ހުކުމްކޮށްފައެވެ.

ބާކީ އޮތް އެއް އަހަރާއި ހަތް މަސްދުވަހުގެ ޖަލު ހުކުމް ވަނީ 114،000 (އެއްލައްކަ ސާދަހާސް) ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ.

މި ޖޫރިމަނާގެ ފައިސާ، ހުކުމް ކުރި ތާރީޚުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ޚަލާސްކުރުމަށް ފަޔާޟަށް ކްރިމިނަލް ކޯޓުން ވަނީ އަންގާފައެވެ.

comment ކޮމެންޓް