ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގައި ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމެއް އެޅުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ކުޅިވަރުގެ ދާއިރާއިން ރާއްޖެ ތަރައްގީކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒާ އެއް މިސްރާބަކަށް ދަތުރުކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ހުރިހާ ކުޅިވަރެއްވެސް ޝާމިލުވާނެ ފަދައިން ރާއްޖޭގައި ކުޅިވަރު ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކްރިކެޓް ސްޓޭޑިއަމެއް ގުޅީފަޅުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށާއި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭ ހަމަޖެހުނު އެހީތެރިކަމެކެވެ.
ގުޅީފަޅުގައި ތަރައްގީކުރާ ސްޓޭޑިއަމްގެ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ދިރާސާތައް ހެދުމަށް ޕާކިސްތާނުގެ ޓީމެއް މިއަހަރުގެ ތެރޭގައި އައުމަށް ހަމަޖެހިފައިވާކަމަށް ކުޅިވަރު ވުޒާރާއާ ހަވާލާދީ ދައުލަތުގެ މީޑިއާގައި ބުނެފައިވެއެވެ.
ކްރިކެޓު ކުޅުމަށް އެކަށީގެންވާ ފެންވަރުގެ ދަނޑެއް ނެތުމަކީ ރާއްޖޭގެ ކްރިކެޓު ކުޅުންތެރިންގެ ޒަމާންވީ ކަންބޮޑުވުމެކެވެ. މިހާތަނަށް އައި އިރުވެސް ރާއްޖޭގައި ކްރިކެޓު މުބާރާތްތައް ބާއްވަމުން އައިސްފައިވަނީ މާލޭ ދުވާ ޓްރެކުގެ ވިނަގަނޑުގައެވެ.
އެހެންކަމުން، ޤައުމީ ޓީމުގެ ކުޅުންތެރިން ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ކުރިން ރަނގަޅު ފެންވަރުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް މިހާރު ޖެހެނީ ކުރީބައިގައި ރަނގަޅު ފެންވަރުގެ ވަސީލަތްތައް ހުރި ޤައުމެއްގައި ކޭމްޕުކުރާށެވެ.
އެހެންކަމުން ގުޅީފަޅުގައި އެޅުމަށް ހަމަޖެހިފައިވާ މި ދަނޑާއެކު، ކުޅުންތެރިންގެ މިފަދަ ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެއެވެ.