ޗައިނާ ސަރުކާރުގެ ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުން ކިޔެވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، 2027-2028 ވަނަ ދިރާސީ އަހަރަށް ހުޅުވާލި މި ފުރުސަތުގެ ދަށުން ޗައިނާގައި އަންޑަގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް އަދި ޑޮކްޓޯރަލް ފެންވަރަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބޭނެއެވެ.
މި ސްކޮލާޝިޕްތަކުގެ ދަށުން އަންޑަގްރެޖުއޭޓް ޕްރޮގްރާމްތަކަށް ކުރިމަތިލާ ފަރާތްތަކުން، އެ ފަރާތްތަކުގެ އެޕްލިކޭޝަނާއެކު ޗައިނާ ސްކޮލަސްޓިކް ކޮމްޕިޓެންސް އެސެސްމަންޓް (ސީއެސްސީއޭ) ގެ ނަތީޖާ ހުށަހަޅަންޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ސީއެސްސީއޭއަށް ރަޖިސްޓަރީވުމާއި އިމްތިހާނު އޮންނަ ތާރީހުތަކާ ގުޅޭ ތަފްސީލުތައް ޗައިނާ ސްކޮލާޝިޕް ކައުންސިލް (ސީއެސްސީ) ގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ސްކޮލާޝިޕްތަކަށް އެދި ހުށަހަޅަންޖެހެނީ އަންނަ ޖެނުއަރީ 29، ވާ ހުކުރު ދުވަހު، ޗައިނާ ގަޑިން ރޭގަނޑު 23:59 ގެ ކުރިން ޗައިނާ ސަރުކާރުގެ ރަސްމީ ސްކޮލާޝިޕް ޕޯޓަލް މެދުވެރިކޮށެވެ. އެހެންކަމުން، ސުންގަޑި ހަމަވުމުގެ ކުރިން ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަކޮށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިރުޝާދުދީފައެވެ.
މީގެ އިތުރުން، ސްކޮލާޝިޕް ލިބޭ ދަރިވަރުން ކިޔެވުމަށް ޗައިނާއަށް ފުރުމުގެ ކުރިން، އެ ދަރިވަރަކު އިހްތިޔާރުކުރި ތައުލީމީ މަރުކަޒާއި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ތަނަކާއި ޕްރޮގްރާމެއްކަން ކަށަވަރުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެއާއެކު، ރާއްޖޭގައި މަސައްކަތްކުރުމަށް ޕްރޮފެޝަނަލް ލައިސަންސް ނަގަންޖެހޭ ދާއިރާތަކުން ކިޔަވަން ގަސްތުކުރާ ދަރިވަރުން، އެ ދަރިވަރުން ކިޔަވާ މަރުކަޒަކީ ކަމާބެހޭ ރެގިއުލޭޓަރީ އިދާރާތަކުން ބަލައިގަންނަ ތަނެއްކަން ޔަގީންކުރުމަށްވެސް ވަނީ އަންގާފައެވެ.