އެންވިޑިއާގެ ޖާސޫސީ މައްސަލައިގައި ތުހުމަތުކުރެވޭ އެލިސް ހުއާންގަކީ ކާކު؟

ޗައިނާގެ ޖާސޫސެއް ކަމަށް އެމެރިކާއިން ބުނާ އަންހެން މީހާ އާއި އެންވީޑިއާގެ ސީއީއޯ---

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕްތަކުގެ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެންވިޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޖެންސަން ހުއާންގާ ގާތް ގުޅުމެއް ބޭއްވި ޗައިނާގެ ވިޔަފާރިވެރިޔާ، އެލިސް ހުއާންގަކީ ކާކުކަމާއި އޭނާގެ ހަގީގީ މަގުސަދަކީ ކޮބައިކަމާ މެދު މިހާރު ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. ހުއާންގް ލޭގެ ނަމުންވެސް އެނގިފައިވާ އެލިސް ހުއާންގަކީ ސިންގަޕޫރުގެ ކްލައުޑް ކޮމްޕިއުޓިން ކުންފުންޏެއް ކަމަށްވާ މެގަސްޕީޑް އިންޓަނޭޝަނަލް (މެގަސްޕީޑް) ގެ މައި ހިއްސާދާރުގެ މަގާމަށް އައުމުގެ ކުރިން ޝަންހާއީގެ އިންވެސްޓްމަންޓް ކުންފުންޏެއްގެ އިސް މަގާމުތަކެއް ފުރާފައިވާ ފަރާތެކެވެ.

ޖެންސަން ހުއާންގާ އާއިލީ އެއްވެސް ގުޅުމެއް ނެތް އެލިސް ހުއާންގަކީ ބެއިޖިންއަށް މައުލޫމާތު ފޯރުކޮށްދޭ ޗައިނާގެ ޖާސޫސެއް ކަމަށް މިދިޔަ އޮކްޓޫބަރު މަހު އެމެރިކާގެ ޖާސޫސީ އޮފިޝަލުން ވަނީ ނިންމާފައެވެ. ނަމަވެސް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޖާސޫސުންނާ ގުޅޭ މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް، އަދި ޗައިނާގެ އަގުވައްޓާލުމަށް ފަތުރާ ވާހަކަތަކެއް ކަމަށެވެ.

https://www.sun.mv/230300

މެގަސްޕީޑާ ގުޅުމުގެ ކުރިން އެލިސް ހުއާންގް މަސައްކަތްކޮށްފައިވަނީ ޗައިނާގެ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ޝަންހާއީ ހެކްސީ އިންވެސްޓްމަންޓް މެނޭޖްމަންޓް (ހެކްސީ) ގެ އިސް މަގާމުތަކެއްގައެވެ. ހެކްސީގެ ރަސްމީ ވީޗެޓް އެކައުންޓުގައި 2016 އާއި 2017 އާ ދެމެދު ކޮށްފައިވާ ޕޯސްޓުތަކުން އެނގޭ ގޮތުގައި، އޭނާއަކީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު، އެގްޒެކެޓިވް ޑިރެކްޓަރު އަދި އިންވެސްޓްމަންޓް ނިންމުންތައް ނިންމާ ކޮމިޓީގެ މެންބަރެކެވެ. އަދި އޭގެ ކުރިން އޭނާ ވަނީ ހޮންކޮންގުގައި ހުންނަ އެޗްއެސްބީސީގެ ޕްރައިވެޓް ބޭންކުގައާއި ސިޓިކް ސެކިއުރިޓީޒްގައިވެސް މަސައްކަތްކޮށްފައެވެ. މީގެ އިތުރުން، ގޭމިން ކުންފުންޏެއް ކަމަށްވާ ސެވެންރޯޑާ އިންވެސްޓްމަންޓް ގުޅުންތަކެއް އޮތް ހެކްސީގައި އުޅުމަށްފަހު، 2019 ވަނަ އަހަރު އޭނާ ވަނީ ސެވެންރޯޑަށް ކްލައުޑް ވިޔަފާރިއެއް ވިއްކާލާފައެވެ.

ސެވެންރޯޑް އިންޓަނޭޝަނަލްގެ ނަމުގައި 2015 ވަނަ އަހަރު ސިންގަޕޫރުގައި ރަޖިސްޓަރީކުރި ކުންފުނީގެ ނަން މެގަސްޕީޑް އިންޓަނޭޝަނަލްއަށް ބަދަލުކުރީ 2023 ވަނަ އަހަރުގެ މާޗް މަހުގައެވެ. އެ ބަދަލު ގެނައުމުގެ އެއް ދުވަސް ކުރިން، އެލިސް ހުއާންގް ވަނީ އެ ކުންފުނީގެ ޑިރެކްޓަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައެވެ. ވޮޝިންޓަންގައި ހުންނަ ދިރާސާކުރާ ޖަމިއްޔާއެއް ކަމަށްވާ ސީ4އޭޑީއެސްއިން ކުންފުނީގެ ރެކޯޑުތައް ދިރާސާކުރުމަށްފަހު ބަޔާންކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ މާޗް މަހު އޭނާ ވަނީ މެގަސްޕީޑްގެ މައި ހިއްސާދާރަށް ވެފައެވެ. އަދި 2023 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ނޮވެންބަރު މަހާ ހަމައަށް މެގަސްޕީޑްގެ އިސް އެގްޒެކެޓިވްއެއްގެ އިތުރުން، އެ ކުންފުނީގެ އިންޑޮނޭޝިއާ ގޮފީގެ ޑިރެކްޓަރު އަދި މެނޭޖިން ޑިރެކްޓަރުކަންވެސް އޭނާ ކުރިއެވެ.

ރޮއިޓާސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޖާސޫސީ ފާރަލުންތަކުގެ ތެރެއިން އެލިސް ހުއާންގާއި އެމެރިކާގެ ރައްޔިތެއްގެ ދެމެދު ކުރެވުނު މުއާމަލާތްތަކެއް ފެނިފައިވާއިރު، "އަންމާސްކިން" ނަމަކަށް ކިޔާ އިޖުރާއަތެއްގެ ތެރެއިން އެ މީހަކީ ޖެންސަން ހުއާންގްކަން ފަހުން ވަނީ ދެނެގަނެވިފައެވެ.

މެގަސްޕީޑުން ކުރަމުންދިޔަ ވިޔަފާރީގެ މުއާމަލާތްތަކަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަން ހުއްޓުނީ، އެމެރިކާއިން ކަނޑައަޅާފައިވާ އެކްސްޕޯޓް ފިޔަވަޅުތަކާ ހިލާފަށް އެންވިޑިއާގެ ޒަމާނީ އޭއައި ޗިޕްތައް ޗައިނާއަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން އެހީތެރިވި ކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެންނެވެ. އެމެރިކާގެ ފެޑެރަލް ތަހުގީގުކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން މެގަސްޕީޑާ ގުޅޭގޮތުން ކުރިއަށްގެންދިޔަ މި ތަހުގީގާ ބެހޭ މައުލޫމާތު ހޯއްދެވުމަށް، އެންވިޑިއާގެ ޖެނެރަލް ކައުންސެލް ޓިމް ޓީޓާ ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ތަހުގީގުވެރިންނަށް ގުޅުއްވާފައެވެ.

ޗައިނާގެ ޖާސޫސެއް ކަމަށް އެމެރިކާއިން ބުނާ އަންހެން މީހާ އާއި އެންވީޑިއާގެ ސީއީއޯ---

ސަރުކާރުގެ ރިޕޯޓުތަކާ ހަވާލާދީ ދަ ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެންވިޑިއާގެ އިސްވެރިޔާ ކޮމާސް ޑިޕާޓްމަންޓުގެ އޮފިޝަލުންނަށް ގުޅުއްވައި، ސިންގަޕޫރު ކުންފުނީގެ އެގްޒެކެޓިވް ހައްޔަރުކުރުމުގައި ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ދައުރެއް އޮތްތޯ ސުވާލުކުރެއްވުމުން އެ ތަހުގީގު ހުއްޓާލުމަށްފަހު ވަނީ ޖަސްޓިސް ޑިޕާޓްމަންޓަށް ބަދަލުކޮށްފައެވެ. އެހެންނަމަވެސް، ފެޑެރަލް ރެކޯޑުތަކުން ދައްކާ ގޮތުގައި ތަހުގީގުވެރިން ވަނީ އެންވިޑިއާއާއެކު ބައްދަލުވުމެއް ބޭއްވުމަށް ދެކޮޅުހަދާފައެވެ. އަދި އެ ތަހުގީގުގެ މިސްރާބު ބަދަލުކުރުމުގައި އެންވިޑިއާއަށް ކާމިޔާބު ލިބުނު ކަމުގެ އެއްވެސް ހެއްކެއް ނެތެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން، ބޭރުގެ ޖާސޫސީ އޮޕަރޭޝަނެއްގެ އަމާޒަކަށް ޖެންސަން ހުއާންގް ވެފައިވާ ކަމަށް ބުނާ ރިޕޯޓުތަކާ ގުޅިގެން މިނިވަން ތަހުގީގެއް ފަށާފައިވާކަން އެންވިޑިއާގެ ޑިރެކްޓަރުންގެ ބޯޑުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް، ކުންފުނީގެ ވިޔަފާރީގެ ސިއްރުތަކަށް ނުވަތަ އެމެރިކާގެ ގައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ކުރިމަތިވި ކަމަށް ގަބޫލުކުރެވޭނެ ސަބަބެއް ނެތް ކަމަށް އެ ބޯޑުން ބުންޏެވެ.

ހަމަ އެ ދުވަހު ޖެންސަން ހުއާންގް ވިދާޅުވީ، އެމެރިކާގެ ޖާސޫސީ އިދާރާތަކުން ޗައިނާގެ ޖާސޫސެއް ކަމަށް ކަނޑައަޅާފައިވާ ވިޔަފާރީގެ އެގްޒެކެޓިވްއަކާއެކު ގާތް ގުޅުމެއް ބޭއްވެވުނު ކަމަށާއި، ކުންފުނީގެ މުވައްޒަފުންނާއި ބޯޑު އަދި ހިއްސާދާރުންނަށް އަދާކުރައްވަންޖެހޭ ޒިންމާއިން އޭނާ ފަހަތަށް ޖެހިވަޑައިގެންނެވިފައިވާތީ އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށެވެ.

އެންވިޑިއާގެ ތަރުޖަމާނަކު ބުނި ގޮތުގައި، އެ ކުންފުނީގެ ސީއީއޯ ކޮންމެ އަހަރަކުވެސް ކަސްޓަމަރު ކުންފުނިތަކުގެ އެތައް ހާސް އެގްޒެކެޓިވުންނަކާ ބައްދަލުކުރައްވާއިރު، އޭޝިއާގެ ކްލައުޑް ކަސްޓަމަރުންނަށް ފޯރުކޮށްދެނީ ވިޔަފާރީގެ އާދައިގެ މައުލޫމާތުތަކެއް ކަމަށާއި ގައުމީ ސަލާމަތާ ގުޅުންހުރި ސިއްރުތަކެއް ނޫނެވެ.

މި މައްސަލައާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވީ، ޖެންސަން ހުއާންގާ ގުޅޭގޮތުން ފެންމަތިވި ތުހުމަތުތަކާ މެދު ހައިރާންވެވަޑައިގެންނެވި ކަމަށެވެ. އަދި އެ އަންހެން މީހާއަކީ ޖާސޫސެއްކަން އެނގިވަޑައިގެންފައިވޭތޯ ސުވާލުކުރެއްވުމުން، އެކަން އެއްގޮތަކަށްވެސް އެނގިވަޑައިގެންފައި ނުވާ ކަމަށް ޖެންސަން ހުއާންގް ވިދާޅުވި ކަމަށާއި، އޭނާގެ އެ ވާހަކަފުޅު ގަބޫލުފުޅުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މީގެ އިތުރުން، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށް ޓްރަމްޕް އިއްޔެ ވިދާޅުވި ނަމަވެސް، އެ ތަހުގީގު ފެށި ތާރީހެއް ނުވަތަ އިތުރު އެއްވެސް ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

comment ކޮމެންޓް