ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އިން ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫޢަށް ފަންޑު ހޯދުމުގެ ގޮތުން 120 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކުމަށް ހުޅުވާލައިފިއެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) ގެ ވިޔަނާ ޕޯޓަލް މެދުވެރިކޮށް، ޕްރައިވެޓް ޕްލޭސްމަންޓް އުޞޫލުން ދޫކުރާ މި ބޮންޑު އިޝޫކުރުމުގެ ލީޑު އެރޭންޖާ އަދި ޕްރިންސިޕަލް އެޑްވައިޒަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް ޕްރައިވެޓް ލިމިޓެޑް (ޑީއައިޕީ)އެވެ.
ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރާ "ބްލޫ މެރީނާ ވިއު" ގެ ކުރެހުންތަކެއް --މިއީ ފަސް އަހަރު ދުވަހުގެ މުއްދަތަށް، އަހަރަކު 8.50 ޕަސެންޓްގެ އިންޓްރެސްޓް ރޭޓެއްގައި އަހަރަކު ދެފަހަރު އިންޓްރެސްޓް ފައިސާ ދައްކާ ގޮތަށް ނެރޭ ބޮންޑެކެވެ. މީގެ ބޮންޑެއްގެ މޫނުމަތީ އަގަކީ 1،000 ރުފިޔާއެވެ. ބޮންޑުގައި ބައިވެރިވެވޭނެ އެންމެ ދަށް މިންވަރަކީ 10،000 ރުފިޔާ (10 ބޮންޑު) ކަމަށްވާއިރު، އިތުރަށް ބޮންޑު ގަންނަނަމަ ގަނެވޭނީ 1،000 ރުފިޔާގެ މަގުންނެވެ. މިއީ އެމޯޓައިޒިން އުޞޫލުން، ބޮންޑުގެ މުއްދަތުގެ ތެރޭގައި ޕްރިންސިޕަލް ފައިސާ އަނބުރާ ދައްކަމުންދާނެ ބޮންޑެކެވެ.
މި ބޮންޑުން ލިބޭ ފައިސާ މުޅިންވެސް ހޭދަކުރާނީ ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރާ "ބްލޫ މެރީނާ ވިއު" މިކްސްޑް-ޔޫސް ރެސިޑެންޝަލް މަޝްރޫޢަށެވެ. މިއީ ޒަމާނީ އާކިޓެކްޗަރއާއި ބޭނުންތަކަށް އަމާޒުކޮށްގެން ފޯރުކޮށްދޭ 17 ބުރީގެ ލަކްޝަރީ ރެސިޑެންޝަލް ޓަވަރެކެވެ. މީގެ ތެރޭގައި ވިޔަފާރިކުރާނެ ކޮމާޝަލް ޖާގަތައް ވެސް ހިމެނެއެވެ.
ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރާ "ބްލޫ މެރީނާ ވިއު" ގެ ކުރެހުންތަކެއް --މި އިމާރާތުގައި ޚާއްޞަ އެންޓްރެންސް ލޮބީއަކާއި، ސެކިއުރިޓީ، ތިން ރެސިޑެންޝަލް ލިފްޓު އަދި ހިލޭ ސައިކަލު ޕާކުކުރެވޭނެ އިންތިޒާމު ހިމެނެއެވެ. މީގެ އިތުރުން ޓެރަސް އިންފިނިޓީ ސްވިމިން ޕޫލާއި، ކުޑަކުދިންގެ ޕޫލާއި، ފުރިހަމައަށް ތައްޔާރުކުރެވިފައިވާ ޖިމަކާއި، މަލްޓި-ޕާޕަސް ހޯލެއްގެ އިތުރުން ކިޑްސް ކްލަބެއް ވެސް ހިމެނެއެވެ.
އާރްސީސީއަކީ ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށް، ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ.
ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރާ "ބްލޫ މެރީނާ ވިއު" ގެ ކުރެހުންތަކެއް --މި ބޮންޑު އިޝޫކުރުމުގެ ލީޑު އެރޭންޖާ އަދި ޕްރިންސިޕަލް އެޑްވައިޒަރުގެ ހައިސިއްޔަތުން ޑީއައިޕީން ވަނީ ބޮންޑުގެ އޮނިގަނޑު އެކުލަވާލައި، ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ޤަވާއިދުތަކަށް ފެތޭގޮތަށް މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ. ޑީއައިޕީއަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ލައިސަންސް ލިބިގެން އިންވެސްޓްމަންޓް މެނޭޖްމަންޓާއި ފައިނޭންޝަލް އެޑްވައިޒަރީ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.
މި ބޮންޑު ހުޅުވާލެވިފައި ވަނީ އިންވެސްޓަރުންނަށް ދެވޭ ދަޢުވަތުގެ ދަށުންނެވެ. ޝަރުތުހަމަވާ އިންވެސްޓަރުންނަށް އެމްއެސްއީގެ 'ވިޔަނަ ޕޯޓަލް' މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.