ވެރިކަމާ ހަވާލުވިއިރު 100 އަށްވުރެ ގިނަ ޓީޗަރުންނަށް އިންޒާރުދީ ސަސްޕެންޝަނުގައި ތިބި، މިހާރު އެ ބިރުވެރިކަމެއް ނޯންނާނެ: ޝަފީއު

ރޭ ބޭއްވި އަހާ ފޯރަމްގެ ތެރެއިން އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު: މިނިސްޓަރު ވަނީ މިނިސްޓްރީގައި ބިރުދެއްކުމާއި ބޭއިންސާފުން ކަންކަން ކުރުމުގެ ކަލްޗާއެއް ނުގެންގުޅޭ ކަމަށް ވިދާޅުވެފަ --- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު 100 އަށްވުރެ ގިނަ ޓީޗަރުންނަށް އެކިއެކި ކަންކަމުގައި އިންޒާރުދީ، ސަސްޕެންޝަނުގައި ތިބި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށްގެންދިޔަ އަހާ ފޯރަމުގައި މިނިސްޓަރު ވަނީ ޓީޗަރުންނަށް ކަންކަން ފަސޭހަކޮށްދިނުމަށް މި އަހަރު، ސްކޫލުތަކުގައި މަސައްކަތްކުރާ އެޑްމިނިސްޓްރޭޝަންގެ ބޭފުޅުންނަށް ޚާއްސަކޮށްގެން ވެސް ވޯކްޝޮޕްތައް ބާއްވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވަނީ ރާއްޖޭގެ އެކި އެކި ޒޯންތަކަށް ބަހާލައިގެން މިހާރު ވޯކްޝޮޕްތައް ބޭއްވުމުގެ މަސައްކަތްތައް ފެއްޓިފައިވާ ކަމަށާއި ދެކުނުގެ ތިން އަތޮޅަކާއި އުތުރުގެ ޕްރޮގްރާމުވެސް މިހާރު ނިންމާލެވެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވަނީ ބިރުވެރިކަމެއް، އެއްވެސް ނުފޫޒެއްނެތި ޓީޗަރުންނަށް މަސައްކަތްކުރުމުގެ މާހައުލަށްވެސް އަލިއަޅުވާލާފައެވެ. އެ ގޮތުން މި ސަރުކާރުން ވެރިކަމަށް އައިރު، އެކިއެކި ޓީޗަރުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އަޅުގަނޑު ހަނދާން އެބަހުރި އަޅުގަނޑުމެން އައިރު އެކިއެކި ޓީޗަރުންގެ ފަރާތުން ލިބިފަހުރި ޝަކުވާތައް. ދެން އަދަދު ދަންނަވާކަށް ނެތިން 100 އަށްވުރެ ގިނަ. އެކި ކަންކަމާ ގުޅިގެން އިންޒާރުދީ ސަސްޕެންޝަނުގެ އަމުރުކުރެވި ބިރުވެރި މާހައުލެއް އޮތީ. މިހާރު ނޯންނާނެ. އެއްވެސް އެއްވެސް ޓީޗަރަކަށް ނޯންނާނެ ފިޔަވަޅުތަކެއް އަޅާފައެއް ކުރީގަ އޮތް ގޮތަކަށް. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

މިނިސްޓަރު ވަނީ ސަރުކާރަށް ފާޑު ވިދާޅުވި ނަމަވެސް އެއްވެސް ޓީޗަރަކަށް އިންޒާރެއްދީ ބިރުދައްކާފައި ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ވިސްނައިދެނީ ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުން އާންމު ރައްޔިތުންނާ ދޭތެރޭގައި ގެންގުޅެނީ އޯގާތެރިކަމާއި ކުލުނުވެރިކަން ކަމަށް ޝަފީއު ވިދާޅުވިއެވެ. ބިރުދެއްކުމާއި ބޭއިންސާފުން ކަންކަން ކުރުމުގެ ސަފާގަތް މިހާރު އެޑިއުކޭޝަން މިނިސްޓްރީތެރޭގައި ނޯންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އޭނާ ވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކިޔަވައިދެވޭނެ ފަދަ އެކަށީގެންވާ ޓީޗަރުންގެ ފޯސްއެއް ރާއްޖޭގައި އޮންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

https://sun.mv/230286

ރާއްޖެއަކީ ސެކަންޑްރީ އެޑިއުކޭޝަނުގެ އިތުރުން ހަޔާ ސެކަންޑްރީ އެޑިއުކޭޝަނުގައި ވެސް އިންޓަނޭޝަނަލް ކަރިކިއުލަމެއް އެޑަޕްޓުކޮށްގެން އެ ކަރިކިއުލަމްތަކަށް ކިޔަވައިދޭ ގައުމެއް ކަން ފާހަގަކުރައްވައި، އޭއައި ފަދަ އާ ބަދުލުތަކަށް ރާއްޖެ އޮންނާނީ އަބަދުވެސް ފަހިކޮށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް