ދައުލަތުގެ ކުންފުނިތަކުގެ (އެސްއޯއީ) ރިކަރަންޓް ޚަރަދުތައް ހަމަޖެއްސުމަށް ބަޖެޓުން ދޫކުރި ފައިސާގެ ނިސްބަތް އިންތިހާއަށް ބޮޑުވެ، ބަޖެޓުގައި ކަނޑައަޅާފައި ނުވާ ކުންފުނިތަކަށް ވެސް އަހަރުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މިއަދު ވިދާޅުވެއްޖެއެވެ.
އޮޑިޓް އޮފީހުން މިއަދު ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް އޮޑިޓާ ޖެނެރަލް ދޭ ފަންނީ ލަފާގެ ރިޕޯޓު އާއްމުކޮށްފައެވެ.
އެ ރިޕޯޓުގައި އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު އެސްއޯއީތަކަށް 2.87 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު 2024 ވަނަ އަހަރު 4.1 ބިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 6.8 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް 2.46 ބިލިއަން ރުފިޔާ އެސްއޯއީތަކަށް ޚަރަދުކޮށްފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އަންނަ އަހަރަށް އެސްއޯއީތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުވާނޭ ކަމަށް އަންދާޒާކޮށްފައި ވަނީ 2.2 ބިލިއަން ރުފިޔާއެވެ.
އެސްއޯއީތަކަށް ބަޖެޓުން ކުރި ޚަރަދުތަކުގެ ޓްރެންޑަށް ބަލާނަމަ އަހަރުން އަހަރަށް ވަނީ އެތައް މިލިއަން ރުފިޔާއެއް އިތުރުވެފައެވެ.
އޮޑިޓާ ޖެނަރަލް ފާހަގަކުރެއްވި ގޮތުގައި އެސްއޯއީތަކަށް ކެޕިޓަލްގެ ގޮތުގައި ފާއިތުވި އަހަރުތަކުގައި ދޫކޮށްފައިވާ ފައިސާގެ ތެރޭގައި ކުންފުނިތަކުގެ ރިކަރަންޓް ޚަރަދު ހަމަޖެއްސުމަށް ދޫކޮށްފައިވާ ފައިސާގެ ނިސްބަތް ވަރަށް ބޮޑެވެ. އަދި ބަޖެޓުގައި ކެޕިޓަލް ދިނުމަށް ކަނޑައަޅާފައި ނުވާ ކުންފުނިތަކަށް އަހަރު ތެރޭގައި ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވާ ކަމަށް ވެސް އޮޑިޓާ ޖެނަރަލް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ބަޖެޓުގައި ކަނޑައަޅާ މިންވަރަށްވުރެ އިތުރަށް އެސްއޯއީތަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓާ ޖެނަރަލް ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ބަޖެޓުކުރި އަދަދަށްވުރެ އިތުރަށް 1.84 މިލިއަން ރުފިޔާ ކެޕިޓަލް ދިނުމަށް ހޭދަކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
"...އަދި 2025 ވަނަ އަހަރު ނިމުނުއިރު ޑިވިޑެންޑްގެ ގޮތުގައި ޖުމްލަ 4،317 މިލިއަން ރުފިޔާ އަދި ލޯނުތަކުން އަނބުރާ ލިބެންޖެހި ނުލިބިވާ ފައިސާގެ ގޮތުގައި 4،997 މިލިއަން ރުފިޔާ ހުރިކަން މިނިސްޓްރީ އޮފް ފިނޭންސްއިން ފޯރުކޮށްދީފައިވާ ހިސާބުތަކުން އެނގޭ،" އޮޑިޓާ ޖެނަރަލް ފާހަގަކުރެއްވިއެވެ.
މިކަންކަން ފާހަގަކުރައްވައި އޮޑިޓާ ޖެނަރަލް ވިދާޅުވީ ކުންފުނިތަކަށް ކުރަންޖެހޭ ޚަރަދު ކުޑަކޮށް، ކުންފުނިތަކަކީ ދައުލަތުގެ އެހީތެރިކަމާ ނުލައި ހިންގޭނެ ތަންތަނަށް ހެދުން މުހިންމު ކަމަށެވެ. އަދި އެ ކުންފުނިތަކުގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށް ކުންފުނިތައް ހިންގުމުގެ ސިޔާސަތުތައް ހަރުދަނާކުރުން މުހިންމު ކަމަށް ވަނީ ވިދާޅުވެފައެވެ.
ވަކިން ޚާއްސަކޮށް އެސްއޯއީތަކުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އެއްބާވަތެއްގެ މަސައްކަތް ކުރަމުންދާ ކުންފުނިތައް އެއްކޮށްލައި، ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ މަސައްކަތްތައް ކުރުމަށް ވަނީ ލަފާދެއްވައިފައެވެ. އަދި ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުން ކުޑަކުރެވޭނެ ޚަރަދުތައް ދެނެގަނެ، އެފަދަ ޚަރަދުތައް ކުޑަކުރާނެ ގޮތުގެ އެކްޝަން ޕްލޭންތައް އެކުލަވައިލަން ވެސް ވަނީ ލަފާ ދެއްވައިފައެވެ.
އޮޑިޓާ ޖެނަރަލް ވަނީ މި ބަދަލުތައް ގެނައުން ވީހާވެސް އަވަސްކުރުން މުހިންމުކަން ފާހަގަކުރައްވައިފައެވެ.
ސަރުކާރު ހިއްސާވާ 30އަށްވުރެ ގިނަ ކުންފުނި އޮންނައިރު، ގިނަ ކުންފުނިތައް ގެއްލުމުގައި ހިންގުމަކީ ދައުލަތަށް ބުރަ ބޮޑުވާ ކަމެކެވެ. އެފަދަ ކުންފުނިތަކުގައި މުވައްޒަފުންގެ އަދަދު 41،000އަށްވުރެ އިތުރުވެފައިވާއިރު، އެ ކުންފުނިތަކަށް ބަޖެޓުން ފައިސާ ދޫކުރަން ޖެހެއެވެ. މި ސަރުކާރުގެ ކުރީކޮޅު ޚަރަދުތައް ކުޑަކުރުމަށް ކުންފުނިތަކެއް އުވާލައި، ބައެއް ކުންފުނިތައް އެއްކޮށްލަން ނިންމި ނަމަވެސް، ސަރުކާރު ހިއްސާވާ އައު ކުންފުނިތައް ވެސް އުފައްދާފައިވެއެވެ. އަދި އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމުގެ މައްސަލަތައް ފެންމަތިވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކޮންމެ ސަރުކާރެއްގައި ވެސް ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާ ކަމުގެ ތުހުމަތުތައް އަމާޒުވެއެވެ. ނަމަވެސް އެފަދަ ކުށްތަކުން ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ނުހޯދުމާއި، މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލުމާއި، ހައްލުނުކުރުމުގެ ޝަކުވާ ވެސް ބޮޑެވެ.