ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި މޫސުން ގޯސްވާނެތީ ސަމާލުވާން ފުލުހުންގެ އިލްތިމާސެއް

މަގުމަތީގައި ފުލުަކު ހަރަކާތްތެރިވަނީ --- ފޮޓޯ: ފުލުހުން

ކުރިއަށް އޮތީ ސްކޫލްތަކާއި އޮފީސްތައް ބަންދު ދުވަސްކޮޅެއް ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ކަމަށާއި އެކްސިޑެންޓްތައް މަދުކޮށް، އާއިލާތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވަނީ ބޯކޮށް ވާރޭވެހި، މަގުތައް ތެމި އަދި ފެންބޮޑުވާން ފެށުމުން، އެންމެ އާދައިގެ ކުރު ދަތުރެއްވެސް ނުރައްކަލަކަށް ބަދަލު ވެދާނެ ކަަމަށް ބުނެފައެވެ. އަދި މަގުމަތިން ސަލާމަތްކޮށްލެވޭ މަދު މިނެޓުކޮޅަކުން، ނުވަތަ މޫސުމަށް ނުބަލައި ކަނޑުމައްޗަށް ނުކުތުމަށް ނިންމާ ނިންމުމަކުން، އާދައިގެ ދުވަހެއް ނުރައްކަލުގެ ހާލަތަކަށް ބަދަލުކޮށްލަފާނެކަން ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

އެހެންކަމުން ދުވަހުގެ ކޮންމެ ނިންމުމެއްގައި ވެސް ސަލާމަތާއި ރައްކާތެރިކަމަން ޚާއްސަ އިސްކަމެއް ދިނުމަށް ފުުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، ހުޅަނގު މޫސުމުގެ ބާރުގަދަވުމާއެކު ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ގުގުރައި ކަނޑުގަދަވުމާއެކު ބައެއް ވަގުތުތަކުގައި ބޯކޮށް ވާރޭވެހޭނެއެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުން އެކަށީގެންވުމާއެކު، ރައްޔިތުންނާއި ދަތުރުވެރިން މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވުމަކީ މުހިންމު ކަމެއްކަން މެޓުން ވަނީ ފާހަގަކޮށްފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ބަންދުވުމާއި، އޭގެ ފަހުން އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިފައިވުމުން، ގިނަ އާއިލާތަކަކަށް ދަތުރުފަތުރުކޮށް، އެކުގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ލޯބިވާ އާއިލާއާއި ރަހުމަތްތެރިންގެ ރައްކާތެރިކަމަށްޓަކައި، ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަން ފުލުހުން ވަނީ އާންމުންނަށް ހަނޑާންކޮށްދީފައެވެ.

ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ އާންމު ދިރިއުޅުމުގެ އެންމެ މުހިންމު ވަސީލަތަކީ ސައިކަލު ކަމަށާއި އޮފީހަށް ދިއުމާއި، ކުދިން ސްކޫލަށް ގެންދިއުމަށާއި، ބާޒާރުކުރުމަށާއި އަދި އެހެނިހެން ކަންކަމުގައި ވެސް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ސައިކަލު ބޭނުންކުރި ނަމަވެސް، ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި، އާންމުކޮށް ދަތުތުރކޮށް އުޅޭ ފަރިތަ މަގުތަކަކީވެސް ނުރައްކާތެރި ތަންތަނަށް ވެދާނެކަން ހަނދާނުގައި ބެހެއްޓުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

ހަމައެއާއެކު މަގުތައް ތެމިފައި އޮތުމުގެ ސަބަބުން ސައިކަލު ކަހާލައި އެކްސިޑެންޓްވުމުގެ ފުރުސަތު ބޮޑުވުމުގެ އިތުރުން، ބޮޑުވެފައިވާ ފެންގަނޑުގެ އަޑީގައި އަޑިގުޑަންތައް ފޮރުވިފައި ހުރެދާނެ ކަމަށާއި އެފަދަ އަޑިގުޑަންތަކަކީ ސައިކަލު ދުއްވާ މީހުންނަށް ހުރި ނުރައްކަލެއް ކަމަށާއި އެހެނީ، ހިނގާ ހާދިސާއަކުން ހިނދުކޮޅެއްގެ ތެރޭގައި ބޮޑު އަނިޔާއެއް ވެސް ވެދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަކިން ޚާއްސަކޮށް ފެންބޮޑުވެފައިވާ މަގުތަކުން ދަތުރުކުރާއިރު ސަމާލުވުމަށާއި ފެންގަނޑުގެ ފުންމިނާއި އަޑީގައިވާ މަގުގެ ހާލަތު ނޭނގޭނަމަ، އެ މަގަކުން ދަތުރުކުރަން މަސައްކަތް ނުކުރުމަށް ނުވަތަ އިތުރު ސަމާލުކަމެއް ދީގެން ދަތުރުކުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް