މުޒާހަރާ ކުރުމާއި ޚިލާފު ފާޅު ކުރުން ފަދަ ކަންކަމުގައި، އެންމެން ވެސް ހައްގުތަކުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފައި އެކަކު އަނެކަކަށް އަދާކުރަންޖެހޭ ވާޖިބު ފުރިހަމަކުރުމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު އޮފީހުގެ ރަސްމީ 'އެކްސް' އެކައުންޓުގައި ހިއްސާކުރި ވީޑިއޯއެއްގައި އުޝާމް ވިދާޅުވީ ހައްގުތައް ލިބިގަތުމުގައި ކޮންމެ މީހަކު ވެސް ކުރަންޖެހޭ، އަދި އިޙުތިރާމްކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމާއި ދައުލަތުގެ މުދަލާއި ތިމާވެށި ރައްކާތެރިކުރުމާއި އަނެކުންގެ ހައްގުތަކަށް ރައްކާތެރިވެ އިޙުތިރާމްކުރުން ހިމެނޭކަން އުޝާމް ފާހަގަކުރެއްވިއެވެ.
https://x.com/AGOmv/status/2120119116866682967
އުޝާމް ފާހަގަކުރެއްވި ގޮތުގައި އާންމު ތަންތަން ބޭނުންކުރުމުގައި ޒިންމާދާރުވެ، ދަތުރުފަތުރު ކުރުމުގައި އެހެން މީހުންނަށް ނުރައްކާނުވާނެކަން ކަށަވަރުކުރަން ޖެހެއެވެ.
ހަމަ އެހެންމެ މުޒާހަރާކުރުމުގެ ހައްގު ވެސް ގާނޫނުއަސާސީން ލިބިދީފައި އޮތް އިރު އެ ހައްގު ބޭނުންކުރަންޖެހޭނީ ސުލްހަވެރިކަމާއެކު ގާނޫނުތަކަށް އިޙުތިރާމުކުރަމުންކަން އުޝާމް ފާހަގަކުރެއްވިއެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް އިރު، އެހެން މީހުންގެ އަބުރަށް އަރައިގަންނަން ގާނޫނުއަސާސީން ހުއްދަނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުނޑުމެން ގަބޫލުކުރަންޖެހޭނެ ހަގީގަތަކީ ވަރުގަދަ ދިމިގުރާތީ ނިޒާމެއް ބިނާވަނީ ހަމައެކަނި ހައްގުތަކެއްގެ މައްޗަކަށްނޫންކަން، ކޮންމެ މީހަކު ވެސް އެ މީހެއްގެ ހައްގުތަކުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފައި އެކަކު އަނެކަކަށް އަދާކުރަންޖެހޭ ވާޖިބުތައް ފުރިހަމަކުރުން އެއީ ދިމިގުރާތީ ނިޒާމެއް ފުރިހަމަކުރުމުގައި ލާޒިމުވާ ކަންކަން،" އުޝާމް ވިދާޅުވިއެވެ.
ބަންޑާރަނައިބުގެ އޮފީހުން 'އެކްސް'ގައި ވީޑިއޯއެއް ހިއްސާކޮށްފައިވަނީ 'އެނގުމަކީ ބާރެއް' މި ކެމްޕެއިންގެ ދަށުންނެވެ. މި ކެމްޕެއިން ކުރިއަށް ގެންދަނީ ރާއްޖޭގައި ހުންނަ ޔޫއެންޑީޕީއާއި ވިލާތުގެ އިއްތިހާދު އޮފީހާ ގުޅިގެން "އެއިމްޕްރޮޖެކްޓް"ގެ ދަށުންނެވެ.
އުޝާމް އެ މޭރެމުން ވާހަކަދެއްކެވިއިރު، އަބުރާ ބެހުމަކީ މަދަނީ ކުށަކަށް ހެދުމަށް ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފައެވެ. ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހަށް ހުށަހެޅި ބިލުގައި ވަނީ، ދައްކާ ވާހަކައަކުން ނުވަތަ ލިޔާ ލިއުމަކުން ނުވަތަ ލަވަޔަކުން ވިޔަސް އަބުރުގެ ދައުވާކުރެވޭނެ ކަމަށާއި، ބައި މިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭނެ ކަމަށެވެ.
މީގެ އިތުރުން މި ދުވަސްވަރަކީ، ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ނިންމައިފައިވާ ބިޔަ މަޝްރޫއާ ދެކޮޅަށް އެއްވުމެއް ބޭއްވުމަށް ތައްޔާރުވާ ދުވަސްކޮޅެއް ވެސްމެއެވެ.