މުޅި ދުވަސް އިށީނދެގެން އިނދެ ހޭދަވެގެންދަނީ އަޅުގަނޑުމެންނަށް ރޭކާވެސް ނުލައެވެ. ފުރަތަމަ އޮފީސް މޭޒުދޮށުގައެވެ. ދެން ދަތުރުމަތީގައި އަދި ގެއަށް އައިސް ސޯފާގައި ދެ ގަޑިއެއްހާ އިރު ހޭދަކޮށްލެވެއެވެ. ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އިންނައިރު، މުޅި ދުވަހު އެއްވެސް ކަސްރަތެއް ނުކުރެވޭކަން ހަނދާންވަނީ ކިތައް ދުވަހުތޯއެވެ؟ ދިގު ވަގުތުތަކެއް ވަންދެން ހަރަކާތެއް ނެތި އިށީނދެގެން އިންނަ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތަކަށް މަގުފަހިވެއެވެ. އެހެންކަމުން އިށީނދެގެން އިންނަ ވަގުތު މަދުކުރުމަށް ކުރެވޭ ކޮންމެ ކަމަކީ ވެސް އާންމު ސިއްހަތަށް ލިބޭ ފައިދާއެކެވެ. ނަމަވެސް ގަވާއިދުން ކަސްރަތުކުރަން ވަކި ވަގުތެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ.
މި ހާލަތުގައި އެންމެ ބޮޑު އެހީއަކަށް ވަނީ ގަސްދުގައި ކުރާ ކަސްރަތުތަކުން ބޭރުން، އާންމު ދިރިއުޅުމުގައި ހަށިގަނޑަށް ގެނެވޭ ކުދިކުދި ހަރަކާތްތަކެވެ. ނިއުޒީލެންޑްގެ އޯކްލެންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ (އޭޔޫޓީ) ގެ ރިސާޗް ފެލޯ އަނަންތާ ނާރާޔަނަން އޭގެން ލިބޭ ފައިދާތައް ކިޔައިދެއްވަމުން، ނިދުމާއި ކެއުމާއި ގަސްދުގައި ކުރާ ކަސްރަތު ފިޔަވައި އެހެން ހަރަކާތްތަކަށް ހަށިގަނޑުން ހަކަތަ ބޭނުންކުރުމަށް ނޮން-އެކްސަސައިޒް އެކްޓިވިޓީ ތާމޯޖެނެސިސް (ނީޓް) ކިޔާ ކަމަށް ވިދާޅުވެއެވެ.
އިށީނދެގެން އިންނައިރު ފައި ތެޅުވުން ނުވަތަ ތަށި ދޮވުން ފަދަ އާދައިގެ ކަންކަމަކީ ވެސް މިފަދަ ހަރަކާތްތަކެވެ. ނާރާޔަނަން ފާހަގަކުރެއްވި ގޮތުގައި، އިށީނދެ އިންނަ ގޮތް ބަދަލުކޮށްލުމާއި ކޮނޑު އަނބުރާލުން އަދި ފައިތިލަ ހަރަކާތްކޮށްލުން ފަދަ ކުދި ކަންކަން ވެސް މީގެ ތެރޭގައި ހިމެނެއެވެ. ގިނައިރު އިށީނދެގެން އިންނައިރު ފައިގެ މަސްތަކުގެ ހަރަކާތްތެރިކަން ކުޑަވެ، ލޭގެ ތެރޭގައި ހުންނަ ގްލޫކޯޒް ސާފުކޮށްދިނުމަށާއި ލޭ ދައުރުވުމަށް އެހީތެރިވާ މަސްތަކުގެ ހަރަކާތްތައް މަދުވާ ކަމަށާއި، ކުރީގެ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ފައި ތެޅުވުމަކީ ލޭހޮޅިތަކުގެ މަސައްކަތް ރަނގަޅުކޮށް ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކޮޅަށް ހުރެ މިކަން ކުރުމުން ފައިދާ އިތުރުވެގެންދާއިރު، ހިމޭނުން އިށީނދެގެން އިނުމަށް ވުރެ އާދަވެގެން ފައި ތެޅުވުމުން ގާތްގަނޑަކަށް 16 ޕަސެންޓް އިތުރަށް ހަކަތަ އަންދައިދޭ ކަމަށް ކުޑަ ދިރާސާއަކުން ދައްކައެވެ.
--ފޮޓޯ;ހިންދުންސްތާންޓައިމްސްސިއްހީ ފައިދާ ހޯދުމަށްޓަކައި އެތައް ގަޑިއިރެއް ވަންދެން ކަސްރަތުކުރާކަށް ނުޖެހެއެވެ. ދެހާސް ސައްވީސް ވަނަ އަހަރު އިނގިރޭސިވިލާތުގައި ކުރި ބޮޑު ދިރާސާއަކުން ދައްކާ ގޮތުގައި، މިނެޓަކަށް ވުރެ ކުރު ވަގުތުކޮޅަކަށް ކުރާ ކުދި ހަރަކާތްތައް ދުވާލަކު ހަތަރު މިނެޓަށް ކުރި ނަމަވެސް، ގިނައިރު އިށީނދެގެން އިނުމުގެ ސަބަބުން ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ނުރައްކާ ކުޑަކޮށްދެއެވެ. ގަވާއިދުން ކަސްރަތު ނުކުރާ 22،000 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުގައި ޓްރެކިން ޑިވައިސްއެއް އަޅުވައިގެން އަށް އަހަރު ދުވަހު ކުރިއަށްގެންދިޔަ މި ދިރާސާއިން ހާމަވި ގޮތުގައި، ދުވާލަކު 11 ގަޑިއިރަށް ވުރެ ގިނައިރު އިށީނދެގެން އިނުމުން ކުރިމަތިވާ ސިއްހީ ނުރައްކާތައް މިފަދަ އާންމު ހަރަކާތްތައް އިތުރުކޮށްގެން ފޫބެއްދެއެވެ. އަދި އޭގެ ފަހުން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި، މިފަދަ ހަރަކާތްތަކަކީ އަވަހަށް މަރުވުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ.
މިފަދަ ހަރަކާތްތަކަށް ޖިމް މެންބާޝިޕެއް ނުވަތަ ވަކި ހާއްސަ ވަގުތެއް ހުސްކުރާކަށް ނުޖެހެއެވެ. ކެއްކުމާއި ގަސް އިންދުމާއި ވެކިއުމްކުރުން ފަދަ ގޭތެރޭގެ މަސައްކަތްތަކަކީ ވެސް އިށީނދެގެން އިންނަ ވަގުތު މަދުކޮށްދޭ ކަސްރަތުތަކެކެވެ.
މި ދިރާސާގައި އިސްކޮށް ހުންނެވި އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީގެ ސީނިއާ ރިސާޗް ފެލޯ ނިކޮލަސް ކޯމެލް ވިދާޅުވި ގޮތުގައި، ސިޑިން އެރުމާއި ބަރު ކޮތަޅު އުފުލުން އަދި ކުޑަކުދިންނާ އެކު ކުޅުން ފަދަ ކަންކަން ދުވަހުގެ ތާވަލުގައި ހިމެނިދާނެއެވެ. އަދި ދުވަހުގެ ތެރޭގައި ހަރަކާތްތެރިވުމަށް ލިބޭ ފުރުސަތުތަކަށް ސަމާލުކަން ދީގެން އެ ކަންކަން ކުރާ މިންވަރު އިތުރުކުރެވިދާނެ ކަމަށް އޭނާ ލަފާދެއްވައެވެ. އެގޮތުން އާންމުކޮށް ހިނގާ ވަރަށް ވުރެ ބާރަށް ހިނގުމާއި، ފިހާރައަށް ދާއިރު ތަންކޮޅެއް ދުރުގައި ޕާކުކުރުމުގެ އިތުރުން، ޓްރޮލީގެ ބަދަލުގައި ވަށިގަނޑެއް ބޭނުންކޮށްގެން ދެތިން ކިލޯގެ ތަކެތި އުފުލާލުމުން ނޭނގި ނަމަވެސް މަސްތައް ވަރުގަދަވެގެންދާނެއެވެ.
ބޮޑެތި ކަސްރަތުތަކަކީ އުނދަގޫ ކަމަކަށް ވެދާނެތީ، މިހާރު ވެސް އާދަވެގެން ކުރާ ކަންކަމުގެ ތެރެއަށް ކުދި ހަރަކާތްތައް އިތުރުކުރުމަށް އިނގިރޭސިވިލާތުގެ ލަފްބަރާ ޔުނިވާސިޓީގެ ބިހޭވިއަރަލް މެޑިސިންގެ ޕްރޮފެސަރު އަމަންޑާ ޑޭލީ އިރުޝާދުދެއްވައެވެ. މިސާލަކަށް ދަތް އުނގުޅާ ވަގުތު ފައިގެ އިނގިލިތަކުގެ ކުރިމައްޗަށް ހަށިގަނޑު އުފުލާލުމާއި، މޭޒު ދަށުން ފައި އުފުލާލުން ނުވަތަ ފޯނު ކޯލެއްގައި ހުންނަ ވަގުތު އިށީނުމުގެ ބަދަލުގައި ހިނގާލުން ހިމެނެއެވެ.
ޑޭލީ ވިދާޅުވީ، އޭނާގެ ގޭގައި އޮންލައިންކޮށް އޯޑަރުކުރާ ތަކެތި ގެއަށް ގެނައުމުގެ ބަދަލުގައި ކައިރީގައި ހުންނަ ލޮކަރަކަށް ފޮނުވާ ގޮތަށް އޮންނަ ކަމަށާއި، އެ ތަކެތި ބަލައި ދިއުމަކީ ފުރާވަރުގެ ކުދިން ކޮޓަރިން ނެރެ ހިނގުވުމަށް ވެސް ރަނގަޅު ގޮތެއް ކަމަށެވެ. މީގެ އިތުރުން، ޑޭލީއާއި އޭނާގެ ޓީމުން ޑޮކްޓަރުންނަށް ކޮޅަށް ތިބެގެން މަސައްކަތްކުރެވޭ މޭޒު ދީގެން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، އޭގެ ސަބަބުން ދުވާލަކު އިށީނދެގެން ތިބޭ ވަގުތު ގާތްގަނޑަކަށް ދެ ގަޑިއިރަށް މަދުވެ، އިށީނދެގެން ތިބޭ ވަގުތު މަދުކުރުމުގެ ފައިދާތަކާ ގުޅޭގޮތުން ބަލިމީހުންނާ ދެކެވޭ ވާހަކަތައް ވެސް އިތުރުވިއެވެ.
ވަކި ވަގުތެއް ހުސްކުރަން ނުޖެހޭތީ މިއީ ވަގުތު ސަލާމަތްކޮށްދޭ އަދި ހާސިލުކުރަން ފަސޭހަ ގޮތެއް ކަމަށް ޑޭލީ ފާހަގަކުރައްވައެވެ. އަދި ދުވަހުގެ ތެރޭގައި މިފަދަ ކުދި ހަރަކާތްތައް ގިނަކުރި ވަރަކަށް އެއީ ގަސްދުގައި ކުރާ ކަމަކަށް ބަދަލުވެ، ދިރިއުޅުމުގެ އާދައަކަށް ވެގެންދިއުމަކީ ލިބޭނެ ހިތްވަރެއް ކަމަށް ކޯމެލް ވިދާޅުވެއެވެ. އެހެންކަމުން، ބައްދަލުވުންތަކުގައި އިންނަ ވަގުތު ޖެހިލުމެއް ނެތި ފައި ތަޅުވާލުމުން ފެށިދާނެއެވެ. އެހެން މީހުން ހައިރާންވެފައި ބަލައިލި ނަމަވެސް، އެއީ އަމިއްލަ ސިއްހަތަށްޓަކައި ކުރެވޭ މުހިންމު ކަމެކެވެ.