މެޓާ ކުންފުނިން ތަޢާރަފުކޮށްފައިވާ އެ ކުންފުނީގެ ފުރަތަމަ ކޮންސިއުމާ އޭއައި އޭޖެންޓް ކަމަށްވާ 'މިއުސް' މެދުވެރިކޮށް، އަގުދައްކައިގެން ޚިދުމަތް ހޯދާ ސަބްސްކްރައިބަރުންގެ ބަދަލުގައި އެމެރިކާގެ ވިޔަފާރިތަކަށް ފޯނުކޯލު ކުރެވޭނެ އައު ފީޗާއެއް ތަޢާރަފުކޮށްފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު މެޓާއިން ތަޢާރަފުކުރި މިއުސް އޭއައިއަށް ފޯނުކޯލު ކުރުމުގެ ޤާބިލުކަން އިތުރުކޮށްފައިވާކަން މެޓާގެ ޗީފް އޭއައި އޮފިސަރު އެލެގްޒެންޑާ ވޭންގް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކަށަވަރުކޮށްދެއްވާފައެވެ.
މި ފީޗާ މީގެ ކުރިން ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަކި އަދަދެއްގެ ބަޔަކަށް ދޫކޮށްގެން ޓެސްޓުކޮށްފައިވާއިރު، މިހާރު އެމެރިކާގައި ތިބި މިއުސްގެ ޕެއިޑް ސަބްސްކްރައިބަރުންނަށް މި ޚިދުމަތް ވަނީ ހުޅުވާލާފައެވެ.
މި އައު އަޕްޑޭޓާއެކު، ފޯނުން ގުޅައިގެން ކުރަންޖެހޭ އެކި ކަންކަން ކުރުމަށް ޔޫޒަރުން އޭއައި އެސިސްޓެންޓް ގާތު އެދުމުން، ޔޫޒަރުގެ ބަދަލުގައި މިއުސް އިން އެ ތަންތަނަށް ގުޅައިގެން އެކަންކަން ފުރިހަމަކޮށްދޭނެއެވެ.
އެގޮތުން ރެސްޓޯރެންޓްތަކުން ރޭގަނޑުގެ ކެއުމަށް މޭޒު ބުކް ކުރުމާއި، އިންޝުއަރެންސް އެޖެންޓުންނާއި ޚިދުމަތްދޭ ފަރާތްތަކަށް ގުޅުމާއި، ކޭބަލް ކުންފުނިތަކާއި ޑީއެމްވީ ފަދަ އިދާރާތަކަށް ގުޅުމުގެ އިތުރުން ކަސްޓަމާ ސާވިސްއާ ގުޅުންހުރި އެކި މަޢުލޫމާތުތައް ސާފުކުރުމުގެ މަސައްކަތް މިއުސް އިން ކޮށްދޭނެއެވެ.
މިއުސްގެ ޕެއިޑް ސަބްސްކްރިޕްޝަން ޕްލޭންތަކުގެ އަގުތައް ފެށެނީ މަހަކު 20 ޑޮލަރުން ކަމަށްވާއިރު، މި ޕްލޭންގައި ހަފްތާއަކު 500 މިލިއަން މިއުސް ޓޯކަން ލިބެއެވެ.
މީގެ އިތުރުން މަހަކު 100 ޑޮލަރުގެ މަތީ ޕްލޭނެއް ވެސް ހިމެނޭއިރު، އެ ޕްލޭންގައި ހަފްތާއަކު 3 ބިލިއަން މިއުސް ޓޯކަން ލިބޭނެއެވެ.
މެޓާގެ މިއުސް އޭއައިގެ އިތުރުން އެހެން ބައެއް އޭއައި އެސިސްޓެންޓްތަކުން ވެސް ޔޫޒަރުންގެ ބަދަލުގައި ފޯނުކޯލު ކުރުމުގެ ޚިދުމަތް ދެއެވެ.
އެގޮތުން ގޫގުލްގެ ޖެމިނައި މެދުވެރިކޮށް މަސައްކަތްކުރާ 'ކޯލް ފޯ މީ' ފީޗާ މެދުވެރިކޮށް އެމެރިކާގެ ޕިކްސެލް ފޯނު ބޭނުންކުރާ ޝަރުތު ހަމަވާ ފަރާތްތަކަށް ވިޔަފާރިތަކަށް ފޯނުކޯލު ކުރެވެއެވެ.
ހަމައެއާއެކު ގްރޮކް ބޮޓް އިން ވެސް އެމެރިކާގެ ވިޔަފާރިތަކަށާއި ވަކިވަކި ފަރުދުންނަށް ފޯނުކޯލު ކުރުމުގެ ޚިދުމަތް ދޭއިރު، އެންތްރޯޕިކްގެ 'ކްލޯޑް' އިން ވެސް 'އޭޖެންޓްފޯން' ފަދަ ތާޑް-ޕާޓީ އިންޓަގްރޭޝަންތައް މެދުވެރިކޮށް އޭއައި ފޯނުކޯލު ކުރުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ.