އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން މުޅި ޤައުމުގައި ފުރަން ހަމަޖެހިފައިވާ ހުރިހާ މަތިންދާބޯޓުތަކުގެ ދަތުރުތައް ހުއްޓާލުމަށް އަމުރުކުރުމަށްފަހު، އެ އަމުރު އުވާލައި އަލުން ދަތުރުތައް ފެށުމުގެ ހުއްދަ ދީފިއެވެ.
މިކަމާ ގުޅިގެން ދިމާވި މައްސަލަތައް އެއްކޮށް ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށްފަހު، މުޅި އެމެރިކާގެ އުދުހުންތައް އެއްފަހަރާ ހުއްޓާލި ދެވަނަ ފަހަރު އަދި އެންމެ ގިނައިރު ވަންދެން ވައިގެ ދަތުރުފަތުރު ހުއްޓިފައި އޮތް ފަހަރެވެ.
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވީ، މި މައްސަލަ ދިމާވީ ސިސްޓަމްގެ ސްވިޗްތަކާއި ރައުޓަރުތަކަށް އޯވަލޯޑް ވުމުގެ ސަބަބުން ކަމަށެވެ. މަސްދަރުތަކުން ބުނާ ގޮތުގައި މި މައްސަލަ ދިމާވެފައިވަނީ އެލް3ހެރިސް ޓެކްނޮލޮޖީސް އިން ހިންގާ އެއާ ޓްރެފިކް ކޮންޓްރޯލް މުވާސަލާތީ ނެޓްވޯކަކަށެވެ. މިކަމުގައި މުވާސަލާތީ ނިޒާމާއި ރާޑަރު އެއްކޮށް ނުކެނޑުނު ނަމަވެސް އެތައް ހާސް ދަތުރުވެރިންނެއް ތާށިވި ކަމަށާއި، މި ނިޒާމު ޒަމާނީކުރުމަށް 50 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ޑަފީ ވިދާޅުވިއެވެ.
ގްރައުންޑް ސްޓޮޕް އުވާލި ނަމަވެސް އެއާޕޯޓްތަކުގައި ދިގު ކިއުތައް އުފެދިފައިވޭ ---މި ހާދިސާއަކީ ސައިބާ ހަމަލާއެއް ނުވަތަ އޭއައި އާ ގުޅުންހުރި ކަމެއް ނޫން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕާއި ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުލިން ވިދާޅުވިއެވެ. އަދި އާންމުންގެ ފުރާނައަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް މުލިން ޔަޤީންކޮށްދެއްވިއެވެ.
މި ގްރައުންޑް ސްޓޮޕްގެ ސަބަބުން 4،700 އަށްވުރެ ގިނަ ފްލައިޓް ކެންސަލްވެ، އެމެރިކާގެ އެދުމަށް މެކްސިކޯ އާއި ޔޫރޯކޮންޓްރޯލް އިން ވެސް އެމެރިކާއަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލިއެވެ. ނަމަވެސް ލޮސް އެންޖެލިސް އާއި ނިއުޔޯކް ފަދަ ބައެއް އެއާޕޯޓްތަކުން ބައިނަލްއަޤްވާމީ ބައެއް ދަތުރުތަކަށް ހުއްދަ ދީފައިވެއެވެ.
ގްރައުންޑް ސްޓޮޕް އުވާލި ނަމަވެސް އެއާޕޯޓްތަކުގައި ދިގު ކިއުތައް އުފެދި، ބައެއް ދަތުރުވެރިން ވަނީ ކާރުގައި ދިގު ދަތުރުތައް ކުރަން ޖެހިފައެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ކޮންގްރެސްއިން ކަންބޮޑުވުން ފާޅުކޮށް، ސެނެޓް ކޮމާސް ކޮމިޓީން މި މައްސަލަ ތަހުޤީޤު ކުރާނެ ކަމަށް ސެނެޓަރު މާރިއާ ކެންޓްވެލް ވަނީ ވިދާޅުވެފައެވެ.