މަސްތުވާތަކެއްޗަށް ހިތްވަރުދޭ ލަވަތައް ހުށަހަޅާ މައްސަލައިގައި ދިލްޖީތުގެ ޝޯއަށް ހުރަސްތަކެއް

އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ މިއުޒީޝަން އަދި އެކްޓަރު ދިލްޖީތު ދޮސާންޖް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ މަޝްހޫރު ޕަންޖާބީ ލަވަކިޔުންތެރިޔާ ދިލްޖީތު ދޯސަންޖްގެ 'ރުޕޭ އޯރާ އިންޑިއާ ޓުއާ'ގެ ދަށުން އަންނަ ހޮނިހިރު ދުވަހު ބާއްވަން އޮތް ޝޯއަށް ވެސް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، އަހުމަދުއާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއުޒިކް ޝޯގައި، ބަނގުރަލާއި މަސްތުވާތަކެތި އަދި ހަތިޔާރަށް ހިތްވަރުދޭ ލަވަތައް ހުށަހެޅުން ހުއްޓުވައިދިނުމަށް އަހުމަދުއާބާދު ޑިސްޓްރިކްޓް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓް (ޑީސީޕީޔޫ)އިން އެ ސިޓީގެ ޕޮލިސް ކޮމިޝަނަރުގެ އަރިހުގައި ވަނީ އެދިފައެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ، ހަމަ މިފަދަ ކަންބޮޑުވުންތަކަކާ ގުޅިގެން މާދަމާ މަދްޔަ ޕްރަދޭޝްގެ އިންދޯރުގައި ބާއްވާ ދިލްޖީތުގެ މިއުޒިކު ޝޯގައި އޭނާގެ ހަތަރު ލަވައެއް ކިޔުން އެ ސްޓޭޓްގެ ކަމާބެހޭ އިދާރާތަކުން މަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މި މަހުގެ ހަ ވަނަ ދުވަހު ޑީސީޕީޔޫއިން ފޮނުވި ސިޓީގައި ވަނީ މި މިއުޒިކް ޝޯއާ ގުޅޭ މުހިންމު ކަންތައްތަކަކަށް އެދިފައެވެ. އޭގެތެރޭގައި ބަނގުރަލާއި މަސްތުވާތަކެތި އަދި ހަތިޔާރަށް ހިތްވަރުދޭ ލަވަތައް ނުކިޔުމަށާއި، ކުޑަކުދިން ސްޓޭޖް މައްޗަށް ނޭރުވުމުގެ އިތުރުން ވަޒަން ލައްވާ ބެލްޓް ފަދަ ތަކެތި އަޅައިގެން ހުށަހެޅުންތައް ކުރިއަށް ނުގެންދިއުމަށް އެކަށީގެންވާ ފިޔަވަޅު އަޅައިދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.

ދިލްޖީތު ސްތޭޖްމަތީ މިއުޒިކް އައިޓަމެއް ހުށަހަޅައިދެނީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މިގޮތުން، ދިލްޖީތުގެ މަޝްހޫރު ލަވަތައް ކަމަށްވާ 'ޕަޓިއާލާ ޕެގް'، '5 ތާރާ ތޭކޭ' އަދި 'ޖައްޓު އުތޭ ފަޔަ ކަރްދާ ޖިތޭ ޕަބަންދީ ހަތިޔާރާ ދީ' ފަދަ ލަވަތަކަކީ ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުމަށާއި މާރާމާރީއަށް ހިތްވަރުދޭ ލަވަތަކެއްކަން އެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ. އެފަދަ ލަވަތަކުގެ ޅެން ބަދަލުކޮށްގެން ނުވަތަ އޮޅުވާލައިގެން ހުށަހެޅި ނަމަވެސް، އޭގެ ސަބަބުން ކުޑަކުދިންނާއި ޒުވާނުންގެ ސިކުނޑިތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ޑީސީޕީޔޫއިން ބުނެއެވެ.

މީގެ އިތުރުން، ސްޓޭޖް ހެދުމުގެ ބައެއްގެ ގޮތުގައި ވަޒަން އަޅާ ބެލްޓް ބޭނުންކުރުމަކީ ވެސް ކުޑަކުދިންގެ މެދުގައި ބަޑީގެ ސަގާފަތް އާލާވެ، އަނިޔާވެރިކަމަށް ހިތްވަރު ލިބޭނެ ކަމެއްގެ ގޮތުގައި އެ އިދާރާއިން ސިފަކުރެއެވެ.

ލަވަތަކާއި ހެދުންއެޅުމުގެ އިތުރުން، މިއުޒިކް ޝޯގައި ބޭނުންކުރާ 120 ޑެސިބަލްއަށްވުރެ މަތީގެ އަޑުގަދަ ސައުންޑާއި، އަވަސްއަވަހަށް ބަދަލުވާ ގަދަ އަލިތަކުގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށް ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުން ވެސް ޑީސީޕީޔޫއިން ވަނީ ފާޅުކޮށްފައެވެ. އެހެންކަމުން، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި އެއްވެސް ހާލެއްގައި ކުޑަކުދިން ސްޓޭޖް މައްޗަށް ނާރުވާނެކަން ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ހުރިހާ ކަންބޮޑުވުންތަކަށް ބާރުދިނުމުގެ ގޮތުން ޑީސީޕީޔޫއިން ވަނީ، މަސްތުވާތަކެއްޗާއި އަނިޔާވެރިކަމަށް ހިތްވަރުދޭ ލަވަތަކުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން 2019 ވަނަ އަހަރުގެ ޖުލައި 22 ވަނަ ދުވަހު ޕަންޖާބު އެންޑް ހަރިޔާނާ ހައިކޯޓުން ކޮށްފައިވާ ހުކުމަކަށް ވެސް ހަވާލާދީފައެވެ. އަދި މިކަންކަމަށް ރިއާޔަތްކޮށް އެކަށީގެންވާ ފިޔަވަޅު އަޅައިދިނުމަށް ޕަރްމާރު ޕޮލިސް ކޮމިޝަނަރުގެ އަރިހުން އެދިފައިވާއިރު، އާންމު މަސްލަހަތަށް އިސްކަންދީގެން މި މައްސަލައިގައި ފުލުހުން އެންމެ އެކަށީގެންވާ ނިންމުމެއް ނިންމާނެ ކަމަށް ފުލުހުންގެ އޮފިޝަލަކު ވަނީ ބުނެފައެވެ.

comment ކޮމެންޓް