އުރީދޫ ފަން ރަން: މިއަދަކީ ރަޖިސްޓާކުރެވޭނެ އެންމެ ފަހު ދުވަސް!

މި އަހަރުގެ "އުރީދޫ ފަން ރަން 2026" ގައި ބައިވެރިވުމުގެ މުއްދަތު މިރޭ ހަމަވާނެކަން ފާހަގަކޮށް، މިހާތަނަށް ރަޖިސްޓްރީ ނުކުރާ އެންމެން ވެސް ވީހާވެސް ރަޖިސްޓާކުރުމަށް އުރީދޫން ހަނދާންކޮށްދީފިއެވެ.

މި އަހަރުގެ ފަން ރަން ކުރިއަށްދާނީ ޑިސެމްބަރު 11 ވަނަ ދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ. އެ ދުވުމުގައި ރަޖިސްޓްރީކުރެވޭނީ މިރޭ 23:59ގެ ނިޔަލަށެވެ.

އުރީދޫން ބުނި ގޮތުގައި އުމުރުން ހަ އަހަރުން މަތީގެ ކޮންމެ ކުއްޖަކަށާއި މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްދާ މި ފަސް ކިލޯމީޓަރުގެ ދުވުމުގައި، މަޖާ އޮބްސްޓިކަލްތަކާއި ތަފާތު އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި ނުވަތަ ނަށަމުން ވެސް މި ދުވުން ނިންމާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ދެ ކިޓެއްގެ ތެރެއިން ބޭނުންވާ ކިޓެއް އިޚުތިޔާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެއީ 210 ރުފިޔާގެ ފަން ކިޓާއި 110 ރުފިޔާގެ ސްޓޭންޑާޑް ކިޓެވެ. ފަން ކިޓުގައި ފަން ރަން ޓީޝާޓް، މަލްޓިޕާޕަސް ބަންޑާނާ، ދަބަސް އަދި އައިގްލާސް ހިމެނޭނެއެވެ.

މި އިވެންޓުގެ ފޯރި އިތުރުކުރުމުގެ ގޮތުން ޕްރީ-އިވެންޓު ހަރަކާތްތަކެއް ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށް އުރީދޫން ބުންޏެވެ. އެގޮތުން ޑިސެމްބަރު 10 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެރޭ 8:00 އިން 12:00 އަށް ޚާއްސަ މިއުޒިކް ޝޯއެއް ކުރިއަށްދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް